ލާމަރުކަޒީ ނިޒާމަކީ ރައްޔިތުންނާ އެކީ ކުރާ ވެރިކަމެއްކަމަށާއި މިނިޒާމު ލާހިކުވެ ފައްކާވުމަށްޓަކައި، އެންމެފުރަތަމަ މިކަމަށް ރުހި ޤަބޫލުވެ، ދަސްވެ އަހުލުވެރިވާންޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙަންމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ކުރިއަށްއޮތް ލޯކަލް ކައުންސިލްތަކުގެ އިނތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އެމްޑީޕީގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް މިރޭ ކުރިއަށްދިޔ "ރަށްވެހި ފަތިސް، އަލިވިލުން" ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad
rt

މިޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ އިތުރަށް ވިދާޅުވެފައިވަނީ ރާއްޖޭގައި ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ޤާއިމުކުރުމަށް އެންމެފުރަތަމަ ވަކާލާތުކުރަން ފެށީ އެމްޑީޕީންކަމަށާއި މިނިޒާމު ޤާއިމުކުރާއިރު ލާމަރުކަޒުވުން ލާޒިމް ޚާއްސަ ދާއިރާތަކެއް އެބަހުރިކަމަށެވެ.

"ރާއްޖެ އުފެދި އެކުލެވިފައި މިއޮތީ ލާމަރުކަޒީ ސިފަޔަށް.ރާއްޖޭގައި މީހުން ވަޒަންވެރިވެ އާބާދުވެފައިވަނީ ލާމަރުކަޒީ ސިފަޔަށް. ދިވެހިންގެ ޠަބީޢަތާ އެއް ބައްޓަމަށް ދިވެހިންގެ ކަންކަން ލާމަރުކަޒީ ނިޒާމަކުން މެނުވީ ނުހިންގޭނެ. އަތޮޅުތަކާއި ރަށްތަކަށް ބާރުތައް ލިބިދޭވާހަކަ މަޖިލިސްގެތެރޭގައި ދެކެވުނުއިރު، އެއާދެކޮޅަށް ހުރި އޮއިވަރު އަޅުގަނޑު ދުށިން. އޭރުއެއީ ރައްޔިތުންގެ މައްޗަށް ހިންގި ވެރިކަމެއް"

ރައީސް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ރައީސް ވިދާޅުވީ އެންމެފުރަތަމަ ލާމަރުކަޒުވާން ޖެހެނީ، ތަރައްޤީކަމަށާ، އެތަރައްޤީގެ އަސާސަކީ ތަޢުލީމާއި ހުނަރާއި އިންސާނީ ވަޞީލަތްކަމަށެވެ. އަދި ޞިއްޙީ ދާއިރާއާއި އަދި ދިރިއުޅުމުގެ އަސާސީ ޒަރޫރުތަޚާއި ވިޔަފާރިއާއި އިޤްތިޞާދީ ޙަރަކާތާއި ދަތުރުފަތުރާއި މުވާޞަލާތުގެ ހުރިހާ ދާއިރާތަކަކީ ކޮންމެހެންވެސް ލާމަރުކަޒުވާންޖެހޭ ކަންކަންކަމުގައި ރައީސް ވިދާޅުވިއެވެ.

މިހާރު ރާއްޖޭގައި މިއޮތް ކޯވިޑް-19ގެ ޙާލަތާއެކުވެސް، އެކިއެކި ޚިދުމަތްތައް ލާމަރުކަޒުކުރުމުގެ މުހިންމުކަން ހާމަވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ. ވަކިން ޚާއްސަކޮށް ޞިއްޙާދާއިރާ ލާމަރުކަޒުކުރުމުގެ ބޭނުންތެރިކަން ކަށަވަރުވެއްޖެކަމަށާ، ރަށްރަށުގައި ވަކިން ޓާސްކްފޯސްތައް ހަދައިގެން ފުރިހަމަކުރި މުހިންމު މަސައްކަތްތައް ނުކުރިނަމަ، އަތޮޅުތަކުގެ ޙާލަތު ގޯސްވެގެން ދިޔައީސްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަކީ ޒަމާނުއްސުރެ ރައްޔިތުންގެ މައްޗަށް މަރުކަޒީ ބާރައި އަމުރު ހިންގަމުންއައި ރާއްޖޭގެ ވެރިކަން ރައްޔިތުންނާއެކު އެރައްޔިތުންގެ ބައިވެރިވުމާއެކު ހިނގާ ހެޔޮ ވެރިކަމަކަށް ފުރޮޅާލި ޕާޓީކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ޤުދުރަތީގޮތުން ރާއްޖެ އުފެދިފައިއޮތީވެސް ލާމަރުކަޒީ ސިފަޔަށްކަމަށާ، އެނިޒާމުގެ ތެރެއިންނޫނީ ރައްޔިތުންނަށް ހަޤީޤީ ތަރައްޤީއާއި ކުރިއެރުން ގެނެސްނުދެވޭނެކަމަށެވެ.

ބާރުތައް ރައްޔިތުންނަށް ދޫކޮށްލައި ހަޤީޤީ މާނާގައި ފުރިހަމަ ލާމަރުކަޒީ ނިޒާމެއް ޤާއިމުކުރުމަކީ އެމްޑީޕީން މާކުރިން ނިޔަތްގަނެފައިވާ ތަރައްޤީގެ އެންމެބޮޑު މަޝްރޫޢު

މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވެފައިވެއެވެ.

އެމަނިކުފާނު ވިދާޅުވީ ލާމަރުކަޒު ނުވެ އޮތުމުން، އަތޮޅުތަކުގައި ތިބެ ރައްޔިތުން ތަހައްމަލުކުރަންޖެހޭ ތަކުލީފުތައް، އެމްޑީޕީއަށް އަބަދުވެސް ވަރަށް ސާފު ކަމަށެވެ. އެމަންޒަރާއި އޭގެ ތަޖުރިބާ، މިތިބީ ކޮށްގެންކަމަށާއި އަތުގައި ބާރުތައް ހިފަހައްޓައިގެން ތިބުމަށްވުރެ މާބޮޑު ނިޔަތެއް އެބައޮތްކަމަށް ވިދާޅުވި އެވެ.

އެއީ އޮތްނަމަ އޮތް ހުރަހެއް ގިރާކޮށް، އެބާރުތައް، އޭގެ ހަޤީޤީ މާނާގައި އެންމެ ފުޅާކޮށް ރައްޔިތުންނަށް ދޫކޮށްލުންކަމަށާއި އެއީ މާކުރިން ނިޔަތްގަނެފައިވާ ތަރައްޤީގެ އެންމެބޮޑު ޕްރޮޖެކްޓްކަމަށް ރައީސް ވިދާޅުވިއެވެ.