ށ. މިލަންދޫއިން އެކަކު އަދި އެއަތޮޅު ފޭދޫން ދެ މީހުން ކޯވިޑް19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

އެ ދެ ރަށުން ވެސް ޕޮޒިޓިވްވެފައި ވަނީ، ހޯމް ކަރަންޓީނުގައި ތިބި މީހުންނެވެ.

Ad
rt

މިލަންދޫ ކައުންސިލުން ރޭ ވިދާޅުވީ، އެރަށުން މީހަކު ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ އެމީހާ ހޯމް ކަރަންޓީނު ފުރިހަމަ ކުރުމުން، މިމަހުގެ 23 ވަނަ ދުވަހު ނެގި ރިލީޒް ސާމްޕަލުން ޕޮޒިޓިވް ވުމުން ކަމަށެވެ.

އޭނާ ޕޮޒިޓިވްވުމުން އޭނާ ހުރި ގެ 14 ދުވަހަށް ކަރަންޓީނު ކުރެވިފައިވާ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ. އަދި އެމީހާ ޕޮޒިޓިވްވިކަން އެނގުނީ އިއްޔެއެވެ.

ފޭދޫން ދެ މީހުން ޕޮޒިޓިވްވިކަން ހާމަކޮށް އެރަށު ސިއްޙީ މަރުކަޒުން ވިދާޅުވީ، އެރަށުގައި ހޯމް ކަރަންޓީނުގައި ތިބި ދެ މީހެއް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާކަމަށެވެ. އެމީހުން ޕޮޒިޓިވްވިކަން އެނގުނީ ވެސް އިއްޔެއެވެ.

އެ ސިއްހީ މަރުކަޒުން ހާމަކުރަށްވާފައިވާ މައުލޫމާތަށް ބަލާއިރު، މި ދެ މީހުން ވެސް ތިބީ، މިމަހުގެ 21 ވަނަ ދުވަހު އެރަށުން ޕޮޒިޓިވްވި މީހާއާއި އެއް ގެއެއްގައެވެ. އެގެ 14 ދުވަހަށް ހޯމް ކަރަންޓީނު ކުރެވިފައިވާ ކަމަށް ވެސް އެ މަރުކަޒުން ވިދާޅުވެއެވެ.

އަތޮޅުތަކުގެ ރަށްތަކުން ކޯވިޑަށް ޕޮޒިޓިވްވާ މިންވަރު އިތުރުވެފައިވާއިރު، ރާއްޖެއިން މިހާތަނަށް 19,162 މީހުން ވަނީ އެބަށްޔަށް ޕޮޒިޓިވްވެފަ އެވެ.

މިވަގުތު ރާއްޖޭގައި ކޯވިޑުން ރަނގަޅު ނުވެ ތިބީ 2،449 މީހުންނެވެ. މިހާތަނަށް 16،646 މީހުން ވަނީ އެ ބަލިން ރަނގަޅުވެފަ އެވެ. އެބަށްޔަށް ޕޮޒިޓިވްވި މީހުންތެރެއިން މިވަގުތު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން 162 މީހަކަށް ފަރުވާ ދެމުންދާއިރު، ތިން މީހަކަށް ފަރުވާ ދެމުންދަނީ އައިސީޔޫގައި އެވެ. އަދި އެކަކު އޮތީ ވެންޓިލޭޓަރުގައެވެ.

ކޯވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް ނިޔާވީ 52 ދިވެހިންނާއި 8 ބިދޭސީއެކެވެ. މި މަހު މިހާތަނަށް އެ ބަލީގައި 8 މީހަކު ނިޔާވެފައިވާއިތު، މިދިޔަ ހޮނިހިރު ދުވަހު ދެ މީހަކު ނިޔާވިއެވެ. އަދި މިދިޔަ ޖަނަވަރީގައި ހަތަރު މީހަކު ނިޔާވިއެވެ.