ތ. ވޭމަންޑޫގެ އިންޖީނުގޭގައި މިއަދު ހިނގައިދިޔަ އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ރަށުގެ ރައްޔިތުންނަށް އެހީވާން ފެނަކައިގެ މެނޭޖިން ޑިރެކްޓާ އަހުމަދު ސައީދުމުހައްމަދު އެ ރަށަށް ވަޑައިގެންފިއެވެ.
މިއަދު މެންދުރު ހިނގި މިހާދިސާގައި ވޭމަންޑޫގެ ތިން އިންޖީނުގެ ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. މީގެ ސަބަބުން މުޅި ރަށުން ވަނީ ކަރަންޓުގޮސްފައެވެ.
ސައީދު ވިދާޅުވީ ވީހާވެސް އަވަހަށް އެ ރަށަށް ކަރަންޓު ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިރޭގެ އެ ރަށަށް ބެކަޕް ޖަނަރޭޓަރެއް ގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
ސައީދު ވަނީ އެ ރަށަށް ވަޑައިގެން، އެ ރަށުގެ އިންޖީނުގެތައް ހުރި ސަރަހައްދަށް ޒިޔާރަތްކުރައްވައި އެތަނުގެ ހާލަތު ބައްލަވާލައްވާފައެވެ. އަދި، ރައްޔިތުންގެކަންބޮޑުވުންތައް އަޑުއަހައި، އެކަމަށް އަވަސް ހައްލެއް ހޯއްދަވައި ދެއްވާނެކަމުގެ ޔަގީންކަން ސައީދު ދެއްވިއެވެ.
(2/2) ނިހާޔަތަށް މަޢާފަށްއެދެމެވެ. އަދި ކަރަންޓުގެ ޚިދުމަތް ވީއެންމެ އަވަހަށް އިއާދަކުރުމަށްޓަކައި މަސައްކަތްކުރަމުންދާކަމުގެ ޔަޤީންކަން އެންމެހާ ރައްޔިތުންނަށް އަރުވަމެވެ.
— Fenaka Corporation Ltd (@TeamFenaka) February 24, 2021
މިއަދު ހިނގި މި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. މި އަލިފާން ނިއްވާލެވިފައިވަނީ ދެ ގަޑިއިރުންނެވެ.

ސައީދުގެ އިތުރުން، އެންވަޔަރަންމެންޓް މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަންވެސް މިހާރު ހުންނެވީ ވޭމަންޑޫގައެވެ. ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމްމުހައްމަދު ޞާލިހުވެސް ވަނީ ފޯނުން ގުޅުއްވައި ރަށުގެ ރައްޔިތުންގެ ހާލަތު ބައްލަވާލައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!