ހއ. ދިއްދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިިވް ވެއްޖެއެވެ.

ދިއްދޫ ކައުންސިލްގެ އޮފިޝަލެއް ''ތިލަދުން''އަށް ވިދާޅުވީ، އެރަށުގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އެމީހާއަކީ ދިވެއްސެއް ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވިއެވެ.

Ad
rt

އެމީހާ ޕޮޒިޓިވްވެފައިވާކަން އެނގުނީ އެމީހާގެ ހޯމް ކަރަންޓީނުގެ 10 ދުވަސް ހަމަވެގެން ނެގި ރިލީޒް ސާމްޕަލުން ކަމަށެވެ. އޭނާއާއި އެއް ގެއެއްގައި އިތުރު ދެމީހަކު ވެސް ހޯމް ކަރަންޓީނުގައި ތިއްބެވެ.

އެ މައުލޫމާތު ހާމަކުރަށް ވަމުން، ދިއްދޫ ކައުންސިލުން ވިދާޅުވީ، ދިއްދޫއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހާ މިހާރު ވަނީ ގޭގައި އައިސޮލޭޓް ކުރެވިފައި ކަމަށެވެ.

ހޯމް ކަރަންޓީނުގައި ތިބޭ މީހުންނާއި، ބައްދަލުކުރުމަށް އެއްވެސް މީހަކު ނުދިއުމަށާއި ކަރަންޓީނުގައި ތިބި މީހުންގެ ޒަރޫރީ ކަންކަން ފުރިހަމަކޮށް ދިނުމުގައި އެހީތެރިވާ މީހުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އެމަސައްކަތްތައް ކުރުމަށް ދިއްދޫ ކައުންސިލުން ވަނީ އެދިފައެވެ.

ދިއްދޫން ކޯވިޑް ޕޮޒިޓިވް އިތުރު ކޭހެއް ފެނިފައިވާއިރު މިމަހުގެ 13 ވަނަ ދުވަހު ވެސް އެރަށު މީހެއް ވަނީ ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. އަދި ހުސްވި ޖެނުއަރީ މަހުވެސް އެރަށުން ވަނީ ކޯވިޑް ޕޮޒިޓިވް ދެ ކޭސް ފެނިފައެވެ. އެ އެންމެން ނަކީ ވެސް ހޯމް ކަރަންޓީނު ފުރިހަމަކޮށް ނެގި ރިލީޒް ސާމްޕަލުން ޕޮޒިޓިވްވި މީހުންނެވެ.

މީގެ ކުރީން ވެސް އެ ރަށުން ވަނީ ކޯވިޑް ޕޮޒިޓިވް ކޭސް ތަކެއް ފެނިފައެވެ. އެ އެންމެން ވެސް ވަނީ ބަލިން ރަނގަޅުވެފައެވެ.