ހއ. އަތޮޅު ހޮސްޕިޓަލްގައި އޮތް މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު ނިޔާވެއްޖެ އެވެ.

ހއ. ދިއްދޫގައި ހުންނަ އެ ހޮސްޕިޓަލްގައި އެފަދަ ހާދިސާއެއް ހިނގާފައިވާކަމަށް އެ ހޮސްޕިޓަލުން ވަނީ މިނޫހަށް ޔަޤީންކޮށްދީފަ އެވެ.

Ad
rt

އެ ހޮސްޕިޓަލްގެ މެނޭޖަރ އުޘްމާން އަސްރަފް ''ތިލަދުން'' އަށް ވިދާޅުވީ، އެ މާބަނޑު މީހާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އަށް ގެންދިޔުމަށް އެ ހޮސްޕިޓަލްގެ ޑޮކްޓަރުން ލަފާދެއްވާފައިވާ ކަމަށެވެ.

އަޝްރަފް ވިދާޅުވީ، އެ ހާދިސާއާއިގުޅޭ އިތުރު މަޢުލޫމާތު ދެއްވޭނީ ޑޮކްޓަރުން އެ މައުލޫމާތު ހިއްސާ ކުރުމުން ކަމަށެވެ. މިކަމާއިގުޅޭ އިތުރު ތަފްސީލްއެއް އެހޮސްޕިޓަލުން ނުދެއެވެ.

ކޭއާރުއެޗްގެ މެނޭޖަރ އަޙްމަދު ދާއޫދު ވިދާޅުވީ އެއަންހެން މީހާ މިހާރު އެހޮސްޕިޓަލަށް ގެނެސްފައިވާކަމަށެވެ.

މިމަހުގެ 18 ވަނަދުވަހުގެ ދަންވަރުގެ ވަގުތެއްގައި ހއ. އަތޮޅު ހޮސްޕިޓަލުން ފަރުވާދެމުންދިޔަ މާބަނޑު މީހަކުވެސްވަނީ ކުޅުދުއްފުއްޓަށް ގެންދަން ޖެހިފައެވެ. އެދުވަހު އެއަންހެން މީހާ ގެންދަންޖެހުނީ އެހޮސްޕިޓަލުގައި މަސައްކަތް ކުރަމުން އަންނަ ހޭނައްތާ ޑޮކްޓަރު ޗުއްޓީގައި ހުރުމުގެ ސަބަބުން ނެވެ.

އެދުވަހު އެހެން އަތޮޅެއްގެ ހޮސްޕިޓަލަކުން ހޭނައްތާ ޑޮކްޓަރަކު ގެނައުމަށް ކުރި މަސައްކަތްވެސް ނާކާމިޔާބުވި ކަމަށް އެރަށުން މައުލޫމާތު ދިން މީހަކު ބުންޏެވެ.

ހއ.އަތޮޅު ހޮސްޕިޓަލަކީ ގާތްގަނޑަކަށް 24 ހާސް މީހުންގެ އާބާދީއަކަށް ހިދުމަތް ދިނުމަށް ހުންނަ ހަމައެކަނި ހޮސްޕިޓަލެވެ.