އިދިކޮޅު ކޯލިޝަނަކީ ކެއްކީމަ ރަނގަޅަށް ކާންދާން ގްރޫޕެއް ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެ އެވެ.
ރާޢީ މިހެން ވިދާޅުވީ، މިއަދު އޮތް ރައްޔިތުންގެ މަޖިލިސްގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 8 ވަނަ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ ދަށުން، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައިގެ ބަހުސްގައި ބައިވެރިވެ ވާހަކަ ދައްކަވަމުންނެވެ.
އެ ކުއްލި މައްސަލައަކީ ކޯސްޓްގާޑުގެ ބޭނުމަށް އުތުރުތިލަފަޅުގައި ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އިންޑިއާއާއިއެކު ރާއްޖެއިން އިއްޔެ ސޮއި ކުރުމުން ހުށަހެޅި ކުއްލި މައްސަލަ އެކެވެ.
އެ މައްސަލައިގެ ބަހުސްގައި ރިޔާސަތުން މަޖިލިސް ރައީސް، ރައީސް މުޙައްމަދު ނަޝީދު، މެންބަރު ރާޢީއަށް ފުރުސަތު އެރުވުން ތެދުވެ ވަޑައިގެން ބަހުސް ފައްޓަވަމުން ރާޢީ ވިދާޅުވީ، މާލެއާއި ހުޅުލެ ގުޅާލާފައިވާ ސިނަމާލެ ބްރިޖް އިން އިދިކޮޅުގެ ވެރިކަމުގައި ވައްކަންކޮށް، ''ލާރިކޮޅު ކާލިކަން'' ސާފުކޮށްދޭން ބޭނުން ކަމަށެވެ.
އޭނާ ވިދާޅުވީ، އެ ބްރިޖްގެ ''އެއް ލޭން'' ކާލައި، އެ ލޭނަށް ޖެހޭ ނިސްބަތުން ފައިސާއިން އިދިކޮޅުގެ ވެރިކަމުގައި ވައްކަން ކޮށްފައިވާ ކަމަށެވެ. އެވަގު ތަޅުމުގައި އިންނެވި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އިދިކޮޅު މެންބަރު، މާވަށުގެ ދާއިރާގެ މެންބަރު މުޙައްމަދު ސައީދަށް ނިސްބަތް ކުރަށްވާ އެފައިސާއިން ވައްކަން ކުރުމުގައި ސައީދު އިސް ދައުރެއް އަދާ ކުރިކަމަށް ރާޢީ ވަނީ ތުހުމަތު ކުރަށްވާފަ އެވެ. އަދި އެ ފައިސާ ޕީޕީއެމްގެ ނައިބް ރައީސް، ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމަށް ނުދޭ ކަމަށާއި، މެންބަރު ސައީދުއާއި މެންބަރު ޝިޔާމްގެ ދެމެދުގައި އުޅެނީ އެ މައްސަލަ ޖެހިގެން ކަމަށް ރާޢީ ވިދާލުވިއެވެ.
ރާއީ ވިދާޅުވީ ރާއްޖޭގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އަކީ 1995 ފެށިގެން ދިވެހިންނަށް ޚިދުމަތް ދެމުންދާ މިހާރު 26 އަހަރުވެފައިވާ އިންޑިއާގެ ހަދިޔާއެއް ކަމަށެވެ. އެ އިމާރާތުގެ ނަން ނިސްބަތްކޮށްފައިވަނީ ވެސް އިންޑިއާގެ ކުރީގެ ބޮޑުވަޒީރެއް ކަމަށްވާ އިންދިރާ ގާންދީއަށް ކަމަށާއި، އެކަންކަމާއި ކަންބޮޑުވެގެން މިހާތަނަށް ވެސް އެއް ވެސް ދިވެއްސެއް ނޫޅޭ ކަމަށެވެ.
ދުނިޔެ އުފެދިފައި އޮތް ގޮތުން ރާއްޖެއާއި އެންމެ ކައިރީ އިން ވެގެން އޮތީ އިންޑިއާ ކަމަށާއި، އިންޑިއާގެ ބަދަލުގައި އުފެދުމުގައި ޗައިނާ ނުވަތަ ރަޝިޔާ ނުވަތަ އިނގިރޭސިވިލާތް އޮތް ނަމަވެސް ކުރެވޭނެ އެއްވެސް ކަމެއް ނެތްކަމަށާއި، އެއީ އިންސާނުން ބާރު ފޯރާ ކަމެއް ނޫން ކަމަށް ރާޢީ ވިދާޅުވިއެވެ.
ރާޢީ ވިދާޅުވީ ރާއްޖެއާއި އިން ވެެގެން އިންޑިއާ އޮތުމަކީ ދިވެހިންނަށް ލިބުނު ނަސީބެއް ކަމަށެވެ. ސަބަބަކީ އެ ޤައުމުގެ ސަގާފަތާއި، ދިރިއުޅުމުގެ ގޮތްތައް ރާއްޖޭގެ ސަގާފަތާއި، ދިރިއުޅުމުގެ ވައްޓަފާޅިއާއި ގުޅުންތަކެއް ހުރުން ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންއިން ތިބީ މިދިޔަ ހޮނިހިރު ދުވަހު ރާއްޖެ ވަޑައިގަތް އިންޑިއާގެ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު، ޑރ. ސުބުރަހްމަންޔަން ޖައިޝަންކަރު، ރާއްޖެ ވަޑައިގަންނަވާނެ ވަގުތެއްގެ އިންތިޒާރުގައި ކަމަށް ވެސް ރާޢީ ވިދާޅުވިއެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ރާއްޖެ ވަޑައިގަތުމުން ބައްދަލުކުރަން ބޭނުންވެގެން ފުރުސަތެއް ލިބޭތޯ އިދިކޮޅު ކޯލިޝަނުން ދިވެހި ޚާރިޖީ ވަޒީރު ޢަބުދުﷲ ޝާހިދަށާއި، ރައީސުލް ޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހަށާއި އަދި މަޖިލިސް ރައީސް، ރައީސްމުޙައްމަދު ނަޝީދަށް ގުޅާ އުނދަގޫކޮށް، އާދޭސް ކުރި ކަމަށް އޭނާ ވިދާޅުވިއެވެ.
ރާޢީ ވިދާޅުވީ، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ރާއްޖެ ވަޑައިގަތުމުން އިދިކޮޅު ފަރާތްތައް ކޯޓުލައިގެން ކިއު ހަދާފައި ބައްދަލު ކުރަން ގޮސް ތިބިކަމަށެވެ. ނަމަވެސް މިއަދު އަހާލިޔަސް ބައްދަލުކުރަން ނުދާކަމަށް ބުނެ ދޮގު ހަދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
''މިއީ ކެއްކީމަ ކާންދާ ގްރޫޕް، ރަނގަޅަށް ކައްކާލީމަ މިމީހުން ދާނީ ކާން، އޭގެ ގްރޫޕެއް މިއަކީ، މިތާ މިއުޅޭ ހައެއްކަ މީހުންނާއި އެއުޅޭ ލާ ހޫރޭ ހައެއްކަ މީހުންނާ ގުޅިގެން މިކަންތައް ކުރަން މި މީހުން ވިސްނާފަ މިއޮތީ''
ރާޢީ ވިދާޅުވި އެވެ.
2009 އިން ފެށިގެން މިހާހިސާބަށް އިންޑިއާ ސިފައިންނާއި، ދިވެހި ސިފައިން ގުޅިގެން 54 އޮޕަރޭޝަން ހިންގާފައި އޮތްކަން ފާހަގަ ކުރަށްވައި، އެހެންކަމުން އިދިކޮޅު ކޯލިޝަން ވެރިކަންކުރި މުއްދަތުގައި ދެ ގައުމުގެ ސިފައިން ގުޅިގެން އެއްވެސް އޮޕަރޭޝަނެއް ނުހިންގަނީތޯ ވެސް ރާޢީ ވަނީ ސުވާލު އުފައްދާފަ އެވެ.
ރާޢީ ވިދާޅުވީ ރާއްޖޭގައި ޑޮކްޔާޑް ހެދެން ޖެހޭ ކަމަށާއި، ރާއްޖެއަކީ ކަނޑަށް ބަރޯސާ ވެފައިވާ ޤައުމެއް ކަމަށެވެ. އިދިކޮޅު ފަރާތްތަކަށް ކެރިކުޅަދާނަ ނަމަ ރާއްޖެ މިއޮތް ކަނޑަށް އިންޑިއާ ކަނޑު ނުކިޔާ އެހެން ނަމެއް ކިޔަންވީ ނޫންތޯ ވެސް ރާޢީ ވަނީ ސުވާލު ކުރަށްވާފަ އެވެ.
ރާޢީ ވިދާޅުވީ އިންޑިއާއަކީ ރާއްޖެ ކުރިއެރުމަށް ލިބިފައި އޮތް ބާރެއް ކަމަށާއި، ރާއްޖެ އޮތީ އިންޑިއާ ކަނޑުގައި ކަމުން އެ ކަނޑު ބެލެހެއްޓުމަކީ އިންޑިއާގެ ޒިންމާއެއް ކަމަށެވެ.
ރާޢީ މި މޭރުުމުން މިއަދު މަޖިލިސްގައި ދެއްކި ވާހަކައިގެ ވީޑިއޯ ހިމަނާ އޭނާ ވަނީ ޓްވީޓެއް ވެސް ކުރަށްވާފަ އެވެ.
''އިޒަމާނު ދިވެހިންގެ ސަގާފަތުގައި ހިމެނޭ ކަމެއްކަމުގައިވާ ސަލަވާތް ފާތިހާފުޅު ކިޔަވާ ނިމިގެން ހަމައެކަނި ކެއުންގަނޑު ކާން ދާ ގުރޫޕެއް އޮންނާނެއެވެ. އެބުނާ އިއްސަފުގައި އޭ ބަޔަކާ މިބުނި ބަޔަކު އުޅޭ ގޮތާއި އެގޮތާއި ހާދަހާވާ ވައްތަރެވެ. ހަމަ ކެއްކީމަ ކާންދާ ގުރޫޕެވެ.''
ރާޢީ ވިދާޅުވެފަ ވެއެވެ.
އިިހުޒަމާނު ދިވެހިންގެ ސަގާފަތުގައި ހިމެނޭ ކަމެއްކަމުގައި ވާ ސަލަވާތް ފާތިހާފުޅު ކިޔަވާ ނިމިގެން ހަމައެކަނި ކެއުންގަނޑު ކާން ދާ ގުރޫޕެއް އޮންނާނެއެވެ. އެބުނާ އިއްސަފުގައި އޭ ބަޔަކާ މިބުނި ބަޔަކު އުޅޭ ގޮތާއި އެގޮތާއި ހާދަހާވާ ވައްތަރެވެ.
ހަމަ ކެއްކީމަ ކާންދާ ގުރޫޕެވެ. pic.twitter.com/hwAkh5Cb4f— Mohamed Raee / Makunudhoo Constituency (@Mraee12) February 22, 2021
ރާޢީ ވަނީ އިދިކޮޅަށް ވެސް އިންޑިއާގެ އިހްސާންތެރިކަމުގެ މަންފާ ފުރިހަމައަށް ހޯދައިދޭން ސަރުކާރުން އިސްކަންދޭ ކަމަށާއި، އިންޑިއާއިން ރާއްޖެ ހަދިޔާކުރި ކޯވިޑް ވެކްސިން، ކޮވިޝީލްޑް ޖެހުމުގައި ވެސް މަޖިލިސްއަށް ނިސްބަތްވާ އިދިކޮޅު މެންބަރުންނަށް އިސްކަން ދެއްވާފައި ވާކަމަށެވެ.
ކޯސްޓްގާޑުގެ ބޭނުމަށް އުތުރުތިލަފަޅުގައި ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އިންޑިއާއާއިއެކު ރާއްޖެއިން އިއްޔެ ސޮއި ކުރުމުން ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި ވަނީ ދެފަރާތުން ބަހުގެ ހަމަލާތައް ބަދަލުކޮށް ހޫނުގަދަ ބަހުސެއް މިއަދު މަޖިލިސް ޖަލްސާގައި ކުރިއަށް ގެންގޮސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!