ހދ. ހަނިމާދޫގައި ހޯމް ކަރަންޓީނުގައި ހުރި އެރަށު އަންހެން ކުއްޖަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އޭނާ ޕޮޒިޓިވްކަން އެނގުނީ ކަރަންޓީނު މުއްދަތު 10 ދުވަސް ހަމަކޮށް ރޭ ނެގި ރިލީޒް ސާމްޕަލުންނެވެ. އެ ސާމްޕަލްގެ ނަތީޖާލިބި، އޭނާ ކޯވިޑްއަށް ޕޮޒިޓިވްވިކަން އެނގުނީ މިރެއެވެ.
ޕޮޒިޓިވްވި އަންހެން ކުއްޖާއާއިއެކު އެއް ގޭގައި އިތުރު އަންހެން ކުއްޖަކު ވެސް ހޯމް ކަރަންޓީނުގައި ހުއްޓެވެ. ނަމަވެސް އެ ކުއްޖާ ކޯވިޑަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ.
ހަނިމާދޫން ކޯވިޑް ޕޮޒިޓިވް ކޭހެއް ފެނިފައިވާކަން ހަނިމާދޫ ކައުންސިލްގެ އެކްޓިން ސެކެރެޓަރީ ޖެނެރަލް އިބްރާޙީމް ޢަލީ ވަނީ ''ތިލަދުން''އަށް ކަށަވަރުކޮށް ދެއްވާފައެވެ.
ހަނިމާދޫން ކުރިން ވެސް ވަނީ ކޯވިޑްގެ ތިން ޕޮޒިޓިވް ކޭސް ފެނިފައެވެ. އޭގެ ތެރެއިން އެއް ކޭހަކީ ހަނިމާދޫގައި ހޯމް ކަރަންޓީނުގައި ހުރި ދިވެއްސެއް ޕޮޒިޓިވްވި ކޭހެވެ. އެ ކޭސް ފެނިފައި ވަނީ 2020 އޮކްޓޯބަރު 13 ވަނަ ދުވަހުއެވެ.
ދެވަނަ ކޭހަކީ ހަނިމާދޫގައި ހުންނަ ސިޓީ ހޮޓާ ''ދަ ބެއާފޫޓް އެކޯ ހޮޓެލް'' ގައި ހުރި ފަތުރުވެރިއެއް ކޯވިޑަށް ޕޮޒިޓިވްވި ކޭހެވެ. އެ ކޭސް ފެނިފައި ވަނީ 2020 އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހުއެވެ.
އެރަށުން ޕޮޒިޓިވްވި ތިންވަނަ ކޭހަކީ 12 ޖެނުއަރީ 2021 ވަނަ ދުވަހު އެރަށުގެ ހޯމް ކަރަންޓީނުގައި ހުރި ބިދޭސީ ޓީޗަރަކު ޕޮޒިޓިވްވި ކޭހެވެ.
ހަނިމާދޫން ހަތަރު ވަނަ ކޯވިޑް ކޭސް ފެނިފައިވާއިރު، ރާއްޖެއިން މިއަދު އިތުރު 145 މީހަކު އެ ބަށްޔަށް ވަނީ ޕޮޒިޓިވް ވެފައެވެ. މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޯވިޑް ނަންބަރު ވަނީ 18,612 އަށް އަރާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!