އިނގިރޭސި ޕްރިމިއަ ލީގުގައި ހޮނިހިރު ދުވަހު ހަވީރު ސައުތެމްޓަންއާއި ޗެލްސީ ބައްދަލުކުރި މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ. ސައުތެމްޓަންގެ ދަނޑުގައި ކުޅުނު މި މެޗު އެއްވަރު ވެފައިވަނީ 1-1 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިހެން ޗެލްސީން މޮޅަށް ކުޅުނު ނަމަވެސް ލަނޑު ޖަހާނެ މާ ގިނަ ފުރުޞަތުތަކެއް އެ ޓީމަށް ތަނަވަސް ކުރެވިފައި ނުވެއެވެ. މުޅި މެޗުގައި ވެސް ޗެލްސީއަށް ސައުޓެމްޓަންގެ ގޯލާއި އަމާޒުކޮށް ފޮނުވާލެވިފައިވަނީ އެންމެ ތިން ހަމަލާއެވެ.

Ad
rt

މެޗުގެ ވަރަށް ކުރީކޮޅު ޗެލްސީގެ ޑިފެންޑަރ އެލަންސޯއަށް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުޞަތެއް ލިބިފައެވެ. ޗެލްސީގެ ޑިފެންޑަރ ޖޭމްސް ސައުތެމްޓަންގެ އޭރިއާގެ ތެރެއަށް ހުރަސް ކޮށްދިން ބޯޅަ އެލަންސޯ ހުސްކޮށް ހުރެ އެއްފަހަރުން ފޮނުވާލި ނަމަވެސް އެ ބޯޅަ ގޮސްފައިވަނީ ގޯލު ދަނޑި ކައިރިން ބޭރަށެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދާފައިވަނީ ސައުތެމްޓަންއެވެ. މެޗުގެ 33 ވަނަ މިނެޓުގައި އެ ޓީމަށް ލަނޑު ކާމިޔާބު ކޮށްދީފައިވަނީ ލިވަޕޫލުން ލޯން އެއްބަސް ވުމެއްގެ ދަށުން ސައުތެމްޓަންއަށް ކުޅެމުން އަންނަ ޖަޕާންގެ ފޯވާޑް ޓަކޫމި މިނަމިނޯއެވެ. މި ލަނޑު މިނަމިނޯ ކާމިޔާބު ކޮށްފައިވަނީ ނަތަން ރެޑްމޮންޑްގެ މޮޅު ޕާހަކުންނެވެ.

މެޗުގެ 54 ވަނަ މިނެޓުގައި ޗެލްސީން ވަނީ ލަނޑުޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑަކީ ސައުތެމްޓަންގެ ފޯވާޑް އިންގްސް ޗެލްސީގެ ފޯވާޑް މައުންޓްއަށް، ސައުތެމްޓަންގެ އޭރިއާގެ ތެރެއިން ކުރި ފައުލަކާއި ގުޅިގެން ރެފްރީދިން ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑު ޕެނަލްޓީން ކާމިޔާބު ކޮށްދީފައިވަނީ ވެސް މައުންޓްއެވެ.

ސައުތެމްޓަންއަށް އެންމެ ފަހުން ލީގުގައި ކުޅުނު ފަސް މެޗުން ވެސް ޕޮއިންޓެއް ހޯދިފައިނުވާއިރު، މި މެޗުން ޕޮއިންޓެއް ލިބުމަކީ އެ ޓީމަށް ލިބިގެންދިޔަ ހިތްހަމަ ޖެހުމެކެވެ. ނަމަވެސް މި މެޗު އެއްވަރު ވުމުން ޗެލްސީ ގަދަ ހަތަރެއްގައި ދެމި އޮތުމަށް ކުރަމުން އަންނަ މަސައްކަތަށް ވަނީ ނުތަނަވަސްކަން ކުރިމަތި ވެފައެވެ.

މިވަގުތު ޗެލްސީ ލީގުގައި ކުޅުނު 24 މެޗުން 43 ޕޮއިންޓް ހޯދައިގެން ހަތަރު ވަނާގައި އޮތް ނަމަވެސް، ޗެލްސީއަށްވުރެ އެއްމެޗު މަދުންކުޅެ ވެސްޓްހަމް އޮތީ 42 ޕޮއިންޓާއިއެކު ތާވަލުގެ ފަސްވަނާގައެވެ. މި މެޗުން ލިބުނު އެއް ޕޮއިންޓާއިއެކު ސައުތެމްޓަން މިވަގުތު އޮތީ އެ ޓީމް ކުޅުނު 24 މެޗުން 30 ޕޮއިންޓް ހޯދައިގެން ޕޮއިންޓް ތާވަލުގެ 13 ވަނާގައެވެ.