ށ.ގޮއިދޫއަށް އުފަން، އުމުރުން އެންމެ 19 އަހަރުގެ އަޙްމަދު އަޝްހަމްއަކީ އުމުރުން ހަގު ނަމަވެސް ވަރަށް އާދަޔާ ޚިލާފް ވިސްނުމަކާއި އުފެއްދުންތެރި ޚިޔާލުގެ ވެރިއެކެވެ.
މި ގޮތުން ކުރިން ވެސް އަޝްހަމްވަނީ އޭނާ އަމިއްލަ އުފެއްދުންތަކާއި ގުޅިގެން މީޑިއާގެ ސަމާލުކަމަށް އައިސްފައެވެ.
މިގޮތުން އަޝްހަމްވަނީ ކޯވިޑްބަލި ރާއްޖެގައި ފެތުރެންފެށި ދުވަސްވަރު އަމިއްލައަށް ވެންޓިލޭޓާއެއް އުފައްދާފައެވެ. އަދި އޭގެ ފަހުން ވިނަ ކޮށާ ދައްޗެއް އުފައްދައި އަޝްހަމްވަނީ އެތައް ބައެއްގެ ސަމާލުކަން ހޯދާފައެވެ.
އަޝްހަމް މިވަނީ އަނެއްކާވެސް އަމިއްލަ އުފެއްދުމަކާއި އެކު ގިނަ ބައެއްގެ ސަމާލުކަން އަތުލާފައެވެ. މި ފަހަރު އަޝްހަމް އުފައްދާފައިވަނީ ފޮގްމެޝިނެކެވެ. ފޮގްމެޝިނެއް އުފެއްދުމުގެ ވިސްނުން އައި ގޮތް ތިލަދުން ނޫހާއި ހިއްސާ ކުރަމުން އަޝްހަމް ބުނެފައިވަނީ އެކުވެރިންނާއި އެކު ކޮފީގައި ތިބިވަގުތެއްގައި މަދިރީގެ އުނދަގޫ ބޮޑުވުމުގެ ސަބަބުން އެކުވެރިއަކު ފޮގްމެޝިނެއް އުފެއްދުމަށް ޚިޔާލު ދިން ކަމަށެވެ. ރަށުގައި މަދިރީގެ އުނދަގޫ ބޮޑުވުމުން އެކަމުން ސަލާމަތް ވުމަށް މަސައްކަތް ކުރުމަށް ފޮގްމެޝިން ހަދަން ނިންމައި 2 ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާލެވުނު ކަމަށެވެ.

އަޝްހަމްގެ އުފެއްދުންތައް އަބަދު ވެސް ފާހަގަ ކުރެވެނީ ހަލާކުވެގެން އުކާލެވޭ ސާމާނު ބޭނުން ކޮށްގެން އުފައްދާ އުފެއްދުންތަކެއްގެ ގޮތުގައެވެ. މިގޮތުން މި ފަހަރު އުފެއްދި ފޮގްމެޝިން ވެސް އުފައްދާފައިވަނީ ހަމަ މިފަދަ ސާމާނު ބޭނުން ކޮށްގެންނެވެ.
އަޝްހަމް އިތުރަށް ބުނެފައިވަނީ މިހާރު މި މެޝިންގެ ޓެސްޓިން މަރުހަލާތައް އެއްކޮށް ނިންމާލެވިފައިވާ ކަމަށެވެ. ރަށުގެ ކައުންސިލުން ވެސް މި މެޝިން ބޭނުން ކުރުމަށް މިހާރު ހުއްދަ ވެސް ދީފައިވާކަމަށެވެ.
https://thiladhun.wonstasite.com/31946
އަޝްހަމްގެ މިފަދަ މަސައްކަތްތަކާއި ގުޅިގެން ގިނަބަޔަކު އަންނަނީ އެ މަސައްކަތްތައް ބަލައިގަނެ ހިތްވަރު ދެމުންނެވެ. މިގޮތުން ވެންޓިލޭޓާ އުފެއްދުމާއި ގުޅިގެން ރާއްޖޭގެ ނައިބްރައީސް ފައިޞަލް ނަސީމް ވެސް ވަނީ އަޝްހަމްއަށް ގުޅުއްވައި ހިތްވަރު ދެއްވާފައެވެ. އަދި އަޝްހަމްގެ އުފަން ރަށް ކަމުގައިވާ ށ.ގޮއިދޫ ކައުންސިލުން ވެސް ވަނީ އަޝްހަމްގެ މިފަދަ މަސައްކަތްތައް ބަލައިގަނެ ހިތްވަރު ދެއްވާފައެވެ.
https://thiladhun.wonstasite.com/32069
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!