އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދު އުމުރުފުރައިގެ މީހުންގެ ތެރެއިން ހައި ރިސްކް މީހުންނަށް ކޮވިޑް-19 ވެކްސިން ދޭން މިއަދު ފަށައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ 35 އަހަރުން މަތީގެ އެންމެންނަށް ވެކްސިން ދިނުމުގެ މަސައްކަތް މިއަދުން ފެށިގެން ކުރިއަށްދާނެ ކަމަށެވެ.
ކުރިން ވެކްސިން ދެމުން އައީ 40 އަހަރުން މަތީ މީހުންނަށް އެކަންޏެވެ. އަދި އުމުރުން 18 އަހަރުން މަތީގެ މީހުންގެ ތެރެއިން ބޮޑެތި ބަލިތަކަށް ފަރުވާ ކުރަމުންދާ މީހުންނަށެވެ.
މާލޭ ސިޓީގައި އޭޑީކޭގެ އާއި ހުޅުމާލޭ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ވިލިމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖަހައެވެ. އަދި ސޯޝަލް ސެންޓަރާއި ހުޅުމާލެ ވެކްސިން ސެންޓަރުން ދަނީ ވެކްސިން ޖަހައިދެމުންނެވެ. މާލެ ސަރަހައްދުގައި ވެކްސިން ޖަހައިދޭ އަށް ސެންޓަރުހުރިއިރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 48 ސެންޓަރަކުން އަންނަނީ ވެކްސިން ޖަހައިދެމުންނެވެ.
ވެކްސިން ޖަހަންދާއިރު ބަލަންޖެހޭ ކަންތައްތައް:
- އައިޑީ ކާޑު ނުވަތަ ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންދިއުމަށް
- ބަލީގެ އެއްވެސް އަލާމާތެއް ނެތުން އަދި ކަރަންޓީނުގައި ހުރި މީހަކަށް ނުވުން
- ގަޔަށް ދޫ، ވެކްސިން ޖަހާ ތަން ފަސޭހައިން (ކޮނޑު) ދެއްކޭނެ ހެދުމެއްލުން
- ވެކްސިން ޖަހަން ދާއިރު ރަނގަޅަށް ކައިގެން ހުރުން
- ވެކްސިން ޖަހަން ދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިއުން
- ވެކްސިން ޖަހަން ދާއިރު އެކުގައި އެކަކަށްވުރެ ގިނަ މީހުން ނުދިއުން
- ބޭނުން ކުރަމުން އަންނަ ބޭހެއްވާނަމަ ބޭހުގެ މައުލޫމާތު ގެންދިއުން
އެޗްޕީއޭ އިން ބުނީ ވެކްސިން ޖެހުމަށް my.health.mv ގައި ރަޖިސްޓަރީ ނުކުރާ ފަރާތްތަކަށް ރަޖިސްޓަރީކުރުމުގެ އެހީތެރިކަން ވެކްސިން ސެންޓަރުތަކުން ދެމުންދާނެ ކަމަށާއި ހުރިހާ ފަރާތްތަކުން ވެސް ޕޯޓަލްގައި ރަޖިސްޓަރީކުރުމަށް އެދޭ ކަމަށެވެ.
މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން މިހާތަނަށް 56،218 މީހަކު ވަނީ ވެކްސިން ޖަހައިފައެވެ. އެއީ މާލެއިން 43،838 މީހަކު، އަތޮޅުތެރެއިން 12،380 މީހެކެވެ.
ރާއްޖޭގައި ޖަހަން ފަށާފައިވަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް19 "ކޮވިޝީލްޑް" ވެކްސިނެވެ. އެ ވެކްސިންގެ 100،000 ޑޯޒް އިންޑިއާއިން ރާއްޖެއަށް ވަނީ ހަދިޔާކޮށްފައެވެ. އެ ޝިޕްމަންޓް ހުސްވަންދެން ވެކްސިންގެ ފުރަތަމަ ޑޯޒް ދެމުންގެންދާނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!