މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އެއްކޮށްލުމަށްފަހު "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީ" އުފެއްދުމާއި ގުޅޭ ގޮތުން އެމްއެމްސީން ހިޔާލު ހޯދަން ފަށައިފި އެވެ.
އެމްއެމްސީން ބުނީ މިސާވޭގެ މަގްސަދަކީ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީ" އޮންނަންވީ ގޮތާއި މެންބަރުން އައްޔަންކުރަންވީ ގޮތާ މެދު މީޑިއާތަކާއި އާންމުން ދެކޭ ގޮތް ބެލުމަށް ކަމަށެވެ.
އިއްޔެ އެކައުންސިލުން ގޫގުލް ފޯރމް މެދުވެރިކޮށް ހުޅުވާލި މިސާވޭގައި އަހާފައިވާ އެއް ސުވާލަކީ ސަރުކާރުން އަލަށް އުފައްދަން އުޅޭ މީޑިއާގެ ރެގިއުލޭޓަރީ އޮތޯރިޓީއަށް މެންބަރުން އައްޔަން ކުރުމުގައި މީޑިއާގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް އަގުލަބިއްޔަތު ލިބެން ޖެހޭނެތޯ އެވެ. އަދި އެ އޮތޯރިޓީގައި ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ބާރު އޮންނަން ޖެހޭ މިންވަރާ ބެހޭ ގޮތުން ނެވެ.
އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކޮށްލަން ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމީ 2019ގަ އެވެ. އެކަމަށް ހާއްސަ ގާނޫނު ޑްރާފްޓްކުރުމުގެ މަސައްކަތް ވެސް ކުރިއަށް އެބަ ދެ އެވެ. އެހެންނަމަވެސް މިހާރު ކުރިއަށް ދާ މި އަހަރުގެ ފުރަތަމަ ދައުރަށް ސަރުކާރުން ފޮނުވި ބިލްތަކުގެ ތެރޭގައި އެ ބިލެއް ނުހިމެނެ އެވެ.
މީޑިއާ ރެގިއުލޭޓަރީ އޮތޯރިޓީއެއް އޮންނަންވީ ގޮތާމެދު ޚިޔާލު ހޯދުންhttps://t.co/2884cgBxRz pic.twitter.com/379kQu6alU
— Maldives Media Council (@mmc_mv) February 15, 2021
ރާއްޖޭގެ މީޑިއާތަކުގެ ބެލެނިވެރި ފަރާތުގެ ގޮތުގައި މިހާރު ދެ މުއައްސަސާއެއް އޮވެ އެވެ. ޓީވީ އާއި ރޭޑިއޯގެ ބައި ބަލަހައްޓަނީ ބްރޯޑްކާސްޓިން ކޮމިޝަނުންނެވެ. ޕްރިންޓް އަދި އޮންލައިން މީޑިއާތަކުގެ ބެލެނިވެރި ފަރާތަކީ މީޑިއާ ކައުންސިލް އެވެ.
ވަކި ދެ ގާނޫނަކުން އުފަައްދާފައިވާ މި ދެ އިދާރާއަށް މެމްބަަރުން އައްޔަންކުރުމުގައި މިހާރު ވަރަށް ބޮޑު ތަފާތުތަކެއް ހުރެ އެވެ. އެގޮތުން ބްރޯޑްކޮމް އަށް މެމްބަރުން އައްޔަންކުރަނީ ރައީސުލްޖުމްހޫރިއްޔާ ނަން ފޮނުއްވުމުން، މަޖިލިހުން ފާސްކޮށްގެންނެވެ. މީޑިއާ ކައުންސިލަށް މިހާރު މެމްބަރުން ހޮވަނީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ހުރިހާ މީޑިއާތަކުން ވޯޓު ލައިގެންނެވެ. ޖުމްލަ 15 މެމްބަރުން ހިމެނޭ މީޑިއާ ކައުންސިލަށް މީޑިއާތަކުން 8 އަދި އާންމުންގެ ތެރެއިން 7 މެމްބަރުން އިންތިހާބުކުރެ އެވެ. މި އިންތިހާބު ކުރިއަށް ދަނީ ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!