އެކަނިމާއެކަނި ސްނޯކްލިންއަށް ގޮސްގެން އުޅެނިކޮށް އިއްޔެ ގެއްލުނު އަންހެން ފަތުރުވެރިޔާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، މިމަހު 13 ވަނަ ދުވަހު ރ. އަތޮޅު އިންޓަރ ކޮންޓިނެންޓަލް މޯލްޑިވްސް (މާމުނަގައު) ރިސޯޓުން އެކަނި މޫދަށް ދިޔަ އަންހެން ފަތުރުވެރިޔާގެ ޚަބަރެއް ނުވުމާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް މިއަދުވެސް އެމްއެންޑީއެފް ނޮދަން އޭރިއާ، ކޯސްޓްގާޑް ސްކޮޑްރަންއާއި ރިސޯޓްގެ މެނޭޖުމަންޓް ގުޅިގެން ކުރިއަށް ގެންދިޔަކަމަށެވެ.

Ad
rt

''މިގޮތުން މިއަދު 54 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ކަނޑުމަގުން ވަނީ ބެލިފައެވެ. އަދި ޑައިވްކޮށްގެން ޖުމްލަ 138000 އަކަ މީޓަރުގެ ސަރަހައްދެއް ކޯސްޓްގާޑް ޑައިވަރުންނާއި ރިސޯޓު ޑައިވަރުން ވަނީ ބަލާފައެވެ. އަދި މީގެ އިތުރުން ކައިރިގައި ހުރި ފަޅުރަށްތައްވެސް ވަނީ ބެލިފައެވެ.''

އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި މީހާ ހޯދުމުގެ މަސައްކަތުގައި ކަނޑުގެ ސަރަހައްދު ބެލުމުގައި ކޯސްޓްގާޑް ''ކާމިޔާބު'' ލޯންޗާއި ''ހާބަރ ކްރާފްޓް'' ލޯންޗް ވަނީ ހަރަކާތްތެރިވެފައި ކަމަށް އެއިދާރާއިން ވިދާޅުވެއެވެ. ވައިގެ މަގުން ޑޯނިއާ ފްލައިޓްވެސް ވަނީ އޭނާ ހޯދުމުގެ މަސައްކަތް ކޮށްފައި ކަމަށާއި، އަދި މީގެއިތުރުން ރިސޯޓްގެ ދޯނިފަހަރާއި ލޯންޗް ފަހަރުވެސް ވަނީ ހަރަކާތްތެރިވެފައި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ނަމަވެސް، މި މީހާ ހޯދުމަށް މިހާތަނަށް ކުރުވުނު މަސައްކަތުން އެ މީހާ ފެނިފައެއް ނުވާކަމަށް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ.

އެމްއެންޑީއެފުން ވިދާޅުވެފައި ވަނީ އެ އަންހެން ފަތުރުވެރިޔާ ގެއްލުނުއިރު ލައިގެން ހުރީ ރަތް ކުލައިގެ މޫދު ހެދުމެއް ކަމަށެވެ.