ހުޅުލޭ ފަޅުތެރެއަށް ޖައްސަން އުޅުމުގެ ތެރޭގައި ސީޕްލޭނެއް ވެއްޓިއްޖެއެވެ.
ވެއްޓިފައި ވަނީ މަންތާ އެއާގެ ސީޕްލޭނެކެވެ. އަދި މިހާދިސާ ހިނގީ މިއަދުގެ ހެނދުނު 7:30 ހާއިރުއެވެ. އެ ސީ ޕްލޭނަކީ ކޮމޯ މާލިފުށިން ފަތުރުވެރިން ގޮވައިގެން ހުޅުލެއަށް ދަތުރުކުރި ސީޕްލޭނެއް ކަމަށް މައުލޫމާތު ލިބެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، އެ ސީޕްލޭނުން ދަތުރުކުރި 9 މީހުން ވެސް މިހާރު ސަލާމަތްކުރެވި، ކުރަމުން ދަނީ ލަގެޖްތައް ސަލާމަތް ކުރުމުގެ މަސައްކަތް ކަމަށެވެ. އެ ސީޕްލޭނުން ދަތުރުކުރީ 6 ފަތުރުވެރިއަކާއި 3 ފަޅުވެރިންނެވެ. އެއިން އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ނުވެއެވެ.
''އެކަކުގެ ކޮނޑަށް ވަނީ ގެއްލުން ވެފައި، އިތުރު މީހެއްގެ ވެސް ކޮނޑަށް ތަދުވާތީ އުޅެނީ، އެ އެންމެން މެޑިކަލް ޗެކް ކުރުމަށް އިރުކޮޅެއް ތެރޭ ހޮސްޕިޓަލަށް ގެންދެވޭނެ''
އެމްއެންޑީއެފުން ވިދާޅުވިއެވެ.
ހުޅުމާލޭ ހޮސްޕިޓަލްގެ މެޑިކަލް ޓީމެއް މިހާރު އެ ހާދިސާ ހިނގި ސަރަޙައްދަށް ގޮސްފައިވާއިރު، އެމްއެންޑީއެފްގެ ކޯސްޓް ގާޑުން ވެސް ދަނީ އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!