އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އައިސީޔޫގައި ފަރުވާ ދެމުންދާ ހދ. ނޮޅިވަރަމް، ނައިޓް ޑްރީމް، އުމުރުން 28 އަހަރުގެ އިމްރާން އަލީއަށް އެހީތެރިވުމުގައި ނޮޅިވަރަމް ރައްޔިތުން ރީތި މިސާލެއް ދައްކުވައިދީފިއެވެ.
އިމްރާނަކީ މާލޭ ވިޔަފާރި ބަނދަރު، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ސަރަޙައްދުގައި މަޖޫރީއެއްގެ ގޮތުގައި މަސައްކަތްކުރާ ޒުވާނެކެވެ. މިމަހުގެ 4ވީ ބުރާސްފަތި ދުވަހުގެ ރޭ މެންދަމު 2:15 ހާއިރު އެ ބަނދަރުގައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި، ގައިމަށްޗަށް ކާޕެޓް ރޯލެއް ވެއްޓި އިމްރާނަށް ވަނީ ވަރަށް ބޮޑަށް އަނިޔާވެފައެވެ. އޭނާގެ ބައެއް އޮޕަރޭޝަންތައް މިހާރުވެސް ކޮށްފައިވާއިރު، ޢާއިލާއާއި ހަވާލާދީ ބައެއް މީޑިއާތަކުން ބުނި ގޮތުގައި އަދި ވެސް އޭނާގެ އިތުރު އޮޕަރޭޝަންތައް ކުރަންޖެހެއެވެ.
އިމްރާނަށާއި، ޢާއިލާއަށް ކުރިމަތިވި މިހިތާމައިގައި ބައިވެރިވެ، ހިތްވަރުދީ އެހީތެރިވުމަށް އިއްޔެ ނޮޅިވަރަމް ޒުވާނުން އިސްނަގައިގެން ވަނީ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ. މިހަރަކާތުގައި އެރަށުގެ ރައްޔިތުން ވަނީ ބައިވެރިވެ ނޮޅިވަރަމް އޮތީ އިމްރާނާއި، އިމްރާންގެ ޢާއިލާއާއިއެކުގައި ކަމުގެ ރީތި މިސާލު ދައްކުވައި ދީފަ އެވެ.
އިމްރާނަށް އެހީވުމަށް ފައިސާ ހޯދަން ކުރިއަށް ދިޔަ މަސައްކަތު ދުވަހު ތެރެއިން، ފޮޓޯ: ނޮޅިވަރަމް ލައިވް
އިމްރާނަށް އެހީތެރިވުމަށް ނޮޅިވަރަމްގެ ކުދިބޮޑު އެންމެން އެކުވެރިކަން ދައްކަމުން އިއްޔެ ކުރިއަށްގެންދިޔަ ހަރަކާތްތަކުން ވަނީ 193،121 ދިވެހި ރުފިޔާއާއި، 2360 ޔޫއެސް ޑޮލަރު ހޯދާފަ އެވެ.
އިމްރާނަށް އެހީވުމަށް ފައިސާ ހޯދަން ކުރިއަށް ދިޔަ މަސައްކަތު ދުވަހު ތެރެއިން، ފޮޓޯ: ނޮޅިވަރަމް ލައިވް
އިމްރާނަށް އެހީވުމަށް ނޮޅިވަރަމްގައި ހަރަކާތްތެރިވާ ކްލަބް ޖަމިއްޔާތައް ގުޅިގެން ކުރިއަށް ގެންދިޔަ މި ހަރަކާތްތަކުގެ ދަށުން އެރަށުގައި އިއްޔެ މަސައްކަތް ދުވަހެއް ފާހަގަކޮށް، އެ ހަރަކާތަށް އެހީތެރިކަން ހޯދުމަށް ރަށުގެ ހަތަރު ސަރަޙައްދެއްގައި ފަންޑުފޮށި ވެސް ބެހެއްޓިއެވެ. އަދި ކަނބަލުންގެ ހެދިކާ ކެންޓީނެއް އިއްޔެ ހަވީރު ރަށުގެ ބަނދަަރު ސަރަހައްދުގައި ހިންގާފައިވާއިރު، މި ހަރަކާތުގައި ބައިވެރިވުމުގެ ގޮތުން، ރިސޯޓުތަކުގައި މަސައްކަތްކުރާ އެރަށުގެ ރައްޔިތުން ވެސް ވަނީ މަސައްކަތު ދުވަހުގެ ފަންޑަށް ފައިސާ ހަދިޔާ ކޮށްފައެވެ.
އިމްރާނަށް އެހީވުމަށް ފައިސާ ހޯދަން ކުރިއަށް ދިޔަ މަސައްކަތު ދުވަހު ތެރެއިން، ފޮޓޯ: ނޮޅިވަރަމް ލައިވް
މިހަރަކާތްތަކުގެ ތެރެއިން އިއްޔެ ވަނީ އިމްރާންގެ އުފަންރަށް ހދ. ނޮޅިވަރަމްގައި ކުރިއަށް ދިޔަ ހަރަކާތްތަކުގެ އިތުރުން މާލޭ ސިޓީގެ 6 ތަނެއްގައި ވެސް ފަންޑްރައިޒިން ހަރަކާތްތައް ކުރިއަށް ގެންގޮސްފަ ވެއެވެ.
އިމްރާނަށް އެހީތެރިވުމަށް ނޮޅިވަރަމް ޒުވާނުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މިހަރަކާތް މިހާ ކާމިޔާބު ކަމާއެކު ނިންމާލެވުމުން އެ މަސައްކަތް އިންތިޒާމްކުރި ޒުވާނުންގެ ފަރާތުން އެ މަސައްކަތަށް އެކިގޮތްގޮތުން މަދަދުވެރިވި އެންމެނަށް ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!