ށ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަކަށް ކޯވިޑް19 ވެކްސިން ފޮނުވައިފިއެވެ.
ށ. ފުނަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ، އިއްޔެގެ ނިޔަލަށް އެ އަތޮޅު މީހުން އުޅޭ ހުރިހާ ރަކަށް ކޯވިޑް ވެކްސިން ފޮނުވިފައިވާ ކަމަށެވެ.
އެ އަތޮޅު ހޮސްޕިޓަލްގެ ފްރަންޓްލައިން މުވައްޒަފުންނަށް މިމަހު 6 ވަނަ ދުވަހުން ފެށިގެން އަންނަނީ ކޯވީޑް ވެކްސިން ދެމުންނެވެ. ހޮސްޕިޓަލްގައި އެންމެ ފުރަތަމަ ކޯވިޑް ވެކްސިންޖެހީ އެ ހޮސްޕިޓަލްގެ މެނޭޖަރު އަޙްމަދު ޒުމްރަތެވެ.
މިވަގުތު އެއަތޮޅުގައި ކޯވިޑް ވެކްސިން ދޭން ހަމަޖެހިފައި ވަނީ އުމުރުން 80 އަހަރުން މަތީ މީހުންނަށާއި، ފްރަންޓްލައިން މުވައްޒަފުންނަށް ކަމަށް ވެސް އެ ހޮސްޕިޓަލުން ވިދާޅުވެއެވެ.
ށ. ހޮސްޕިޓަލްގެ މެނޭޖަރު އަޙްމަދު ޒުމްރަތު ''ތިލަދުން''އަށް ވިދާޅުވީ، ރާއްޖެއަށް ވެކްސިން ލިބުނުތާ ކުރީކޮޅު އެއަތޮޅުގެ ފްރަންޓްލައިންގައި މަސައްކަތްކުރާ މީހުންނަށާއި، ދޮށީ އުމުރުގެ މީހުންގެ ތެރެއިން ބަޔަކަށް ދިނުމަށް އެ ވެކްސިން ލިބޭގޮތް ވުމީ ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ.
'' ވަރަށް އުފާކުރަން އެންމެ ކުރީކޮޅު މި އަތޮޅަށް ވެސް މި ވެކްސިން ލިބިގެން ދިޔައީމަ، ފްރަންޓްލައިން މުވައްޒަފުން ޕެނިކްނުވެ މަސައްކަތް ކުރުމަށް ލިބޭ ބޮޑު ހިތްވަރެއްމީ، އެ މުވައްޒަފުން އެތިބެނީ ކޯވިޑާއިގުޅޭ ހުރިހާ ކަމަކާ ކުރިމަތިލާން، ވެކްސިން ލިބިމުން އެ މުވައްޒަފުންނަށް ވެސް އިތުބާރު އިތުރުވެގެންދާނެ، އަނެއްކޮޅުން އުތުރުގެ ތިން އަތޮޅު ހއ. ހދ. އަދި ށ.ގެ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރު މިހުންނަނީ މި ހޮސްޕިޓަލްގައި''
ޒުމްރަތު ވިދާޅުވި އެވެ.
ޒުމްރަތު ވިދާޅުވީ ށ. އަތޮޅު ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރުގައި މަސައްކަތް ކުރާ މުވައްޒަފުން ރެޔާ ދުވާލު ދަނީ ތިން އަތޮޅުގެ ހާލަތު މޮނިޓަރކޮށްބަލައި، ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި އޭނާ ވަނީ އެ މުވައްޒަފުންނަށާއި، އެމަސައްކަތުގައި އެކިގޮތްގޮތުން އެކިމިންވަރަށް ޝާމިލްވާ އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.
ށ. އަތޮޅު ހޮސްޕިޓަލްގައި ޤާއިމުކޮށްފައިވާ ޒޯން 1 ކޯވިޑް މެނޭޖްމަންޓް ސެންޓަރުގައި މިހާރުވެސް ހއ. އަތޮޅުން ގެނެސްފައިވާ ކޯވީޑް ބަލީގެ ދެމީހަކު ވަނީ އެޑްމިޓް ކުރެވިފަ އެވެ. ކޯވިޑް ބަލީގެ މި ދެ މީހުންނާއެކު މި ހާތަނަށް އެ ސެންޓަރުގައި އެޑްމިޓް ކުރެވުނު ކޯވިޑް ބަލިމީހުންގެ ޢަދަދަކީ 8 އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!