ފެނަކައިގެ ފަރާތުން ހދ. މަކުނުދޫއަށް އާ 600 ކިލޯވޯޓުގެ އާ ޖަނަރޭޓަރު ސެޓެއް ގެންގޮސްފިއެވެ.

މަކުނުދޫގެ ކަރަންޓްގެ ޚިދުމަތް ރަނގަޅު ކުރުމަށްޓަކައި، އެރަށަށް އާ ޖަނަރޭޓަރު ސެޓެއް ގެންގޮސްފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ.

Ad
rt

އެ ޖަނަރޭޓަރު އެރަށަށް ލިބުމާއި ގުޅިގެން މަކުނުދޫ ކައުންސިލުން ވަނީ އެކަމަށްޓަކައި ރައީސް ޞާލިހަށާއި، ފެނަކައަށާއި އަދި އެރަށް ރައްޔިތުން މަޖިލިސްގައި ތަމްސީލް ކުރަށްވާ، މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީއަށް އެރަށުގެ ރައްޔިތުންގެ ނަމުގައި ޝުކުރު ދަންނަވާފަ އެވެ.

ފެނަކައިން އަތޮޅުތެރޭގައި ދެމުންދާ ޚިދުމަތް ފުރިހަމަކޮށް، ރަށްތަކުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ގޮތުން މިހާރު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް އާ ޖަނަރޭޓަރުތައް ފޮނުވުމާއި، އާ އިންޖީނުގެތައް އިމާރާތް ކުރުމާއި، އައު އޮފީސްތައް އިމާރާތް ކުރުމުގެ ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.

އޭޝިއާ ސަރަޙައްދުގެ އެންމެ މަތީ އަދި އެންމެ މަޤްބޫލު ޔުޓިލިޓީ އެވޯޑް ކަމަށްވާ "އޭޝިއަން ޕަވަރ އެވޯޑްސް"ގެ ހަތަރު އެވޯޑެއް ފެނަކަ ކޯޕަރޭޝަނަށް ދިޔައަހަރު ވަނީ ލިބިފައެވެ. އެ އެވޯޑު ތަކަކީ ޕަވަރޕްލާންޓް އަޕްގްރޭޑް އޮފް ދި އިޔަރ (ރާއްޖެއިން)، ޕަވަރ ޔުޓިލިޓީ އޮފް ދި އިޔަރ (ރާއްޖެއިން)، ސޯލަރ ޕަވަރ ޕްރޮޖެކްޓް އޮފް ދި އިޔަރ (ރާއްޖެއިން) އަދި ސީ.އީ.އޯ އޮފް ދި އިޔަރ (ހުރިހާ ޤައުމަކުން) އެވެ. މީގެ އިތުރުން މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް ބިޒްނަސް އެވޯޑްސްގައި 2019 ވަނަ އަހަރުގެ އެކްސެލެންސް އިން ޔުޓިލިޓީ އެވޯޑް ވެސް ފެނަކަ ވަނީ ކާމިޔާބުކޮށްފައެވެ.