ހއ. ދިއްދޫ މިޑްލް ސްޕޯޓްސް ކްލަބާއި، އެރަށުގައި ހުންނަ ހއ. އަތޮޅު ތަޢުލީމީ މަރުކަޒު ގުޅިގެން މިދިޔަ އަހަރުވެސް ކުރިއަށް ގެންދިޔަ ''ސިންގަލް ޔޫސް ޕުލާސްޓިކް ފުޅި އެއް ކުރުމުގެ ހަރަކާތް'' މިއަހަރު ވެސް ކުރިއަށް ގެންދަން ނިންމައިފިއެވެ.

މިގޮތުން މިއަހަރުގެ ހަރަކާތުގެ ފުރަތަމަ ކަލެކްޝަން މި މަހުގެ 16 އަދި 17 ވަނަ ދުވަހު ކުރިއަށް ގެންދަން ވަނީ ނިންމާފައެވެ.

Ad
rt

ހއ. އަތޮޅު ތަޢުލީމީ މަރުކަޒުން ހާމަކުރަށްވާ ގޮތުގައި މި ހަރަކާތުގެ ދަށުން އެއްކުރެވޭ ޕްލާސްޓިކް ފުޅިތައް ބަލައިގަތުމަށް ނިންމާފައިވަނީ އެ ކަމަށް ކަނޑައެޅިފައިވާ ދެ ދުވަހު، ކަނޑައަޅާފައި ވަގުތުގެ ތެރޭގައި އެ ސްކޫލްގެ ހޯލް ކުރިމަތީ އޮންނަ ހުސް ބިމުގައެވެ.

މި ގޮތުން އެ ސްކޫލްގެ އެލްކޭޖީ ދަރިވަރުންނާއި، ގްރޭޑް 1،3،5،7،9 އަދި 11ގެ ދަރިވަރުން އެއްކުރާ ޕްލާސްޓިކް ފުޅިތައް އެ ސްކޫލަށް ގެންދަން ޖެހެނީ މިމަހުގެ 16 ވަނަ ދުވަހުއެވެ. އެ ފުޅިތައް ބަލައިގަތުން ކުރިއަށް ދާނީ އެ ދުވަހުގެ 16:30 އިން 17:15 އަށެވެ.

އެ ސްކޫލްގެ ޔޫކޭޖީ ދަރިވަރުންނާއި، ގްރޭޑް 2،4،6،8،10 އަދި 12ގެ ދަރިވަރުން އެއްކުރާ ޕްލާސްޓިކް ފުޅިތައް އެ ސްކޫލަށް ގެންދަން ޖެހެނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. އެ ފުޅިތައް ބަލައިގަތުން ކުރިއަށް ދާނީ ވެސް އެ ދުވަހުގެ 16:30 އިން 17:15 އަށެވެ.

މިދިޔަ އަހަރު ކުރިއަށް ގެންދިޔަ މި ހަރަކާތުގެ ތެރެއިން ދަރިވަރުން އެއްކުރި ސިންގަލް ޔޫޒް ޕްލާސްޓިކް ފުޅިތަކެއް ހއ. އޭއީސީ ގޯތި ތެރޭގައި، ފޮޓޯ: ހއ. އޭއީސީ

މި ހަރަކާތުގެ އަނެއް ބައިވެރިޔާ ދިއްދޫ މިޑްލް ސްޕޯޓްސް ކްލަބުން ބުނި ގޮތުގައި ސިލްސިލާކޮށް ކުރިއަށް ގެންދަން ނިންމާފައިވާ މި ހަރަކާތުގެ ދަށުން ކޮންމެ މަހަކު 800 ޕްލާސްޓިކް ފުޅި އެއްކުރާ ކޮންމެ ދަރިވަރަކަށް ހިތްވަރު ދިނުމުގެ ގޮތުން ރަން މެޑަލް ދެވޭނެއެވެ. އަދި 600 ޕްލާސްޓިކް ފުޅި އެއްކުރާ ދަރިވަރުންނަށް ރިހި މެޑަލް ދެވޭނެ އެވެ.

މިއަހަރު ނިމޭއިރު އެންމެ ގިނަ ރަން މެޑަލް ހޯދާ ދަރިވަރުންނަށް ޚާއްޞަ އިނާމެއް ދޭން ނިންމާފައިވާ ކަމަށް ވެސް އެ ކްލަބުން ބުނެއެވެ.

https://thiladhun.wonstasite.com/18744