ވަރަށް ގިނަ މީހުން، ޚާއްސަކޮށް ދަތި ޙާލުގައި މިދުނިޔޭގައި އުޅޭ މީހުންނަށް ބައެއްފަހަރު ކުރެވޭ ސުވާލެކެވެ. ނުވަތަ ސުވާލު ނުކުރިކަމުގައިވީނަމަވެސް ހިތުގައި އެނބުރޭ ވަހުތާނެއްހެން އެނބުރި އެނބުރި ހުންނަ ސުވާލެކެވެ. ﷲ އަހަރެމެން އިމްތިޙާނު ކުރައްވަނީ ކީއްވެތޯއެވެ؟

ދަރިއަކު ނުލިބި އެތައް އަހަރެއް ވީފަހުން ބަނޑުބޮޑުވެ، ދަރިއަކު ލިބޭނޭކަމުގެ ފޮނި އުންމީދުގައި ހުއްޓާ ކުއްޖާ ބައިގެން ގޮސްދާނެއެވެ. އެތައް ފައިސާއެއް ޚަރަދުކޮށްގެން މަތީ ތަޢުލީމު ޙާސިލު ކުރުމުގައި އެތައް އަހަރެއް ވެއިތުކޮށް ދަސްވެނިމިގެން ޤައުމަށް އައިސް އަމިއްލަ ފައިމައްޗަށް ތެދުވެ، ވަޒީފާގެ މާޙައުލަށް ވަނުމަށް ތައްޔާރުވާތަކުން ބޮޑު އެކްސިޑެންޓެއްވެ މީހާ އެއްކޮށް ނުކުޅެދޭ މީހަކަށް ވެދާނެއެވެ. ތިމާއާއި އަނބިދަރިންގެ ހުރިހާ ޚަރަދަކަށް ބޭނުންވާ ފައިސާ ހޯދުމަށް ކުރަމުން އައި ކާމިޔާބު ވިޔަފާރިވެސް ލޮލަށްވެސް ނުފެންނަވަރުގެ ކުޑަކުޑަ ވައިރަހެއްގެ ސަބަބުން ނެތިގެން ގޮސްފާނެއެވެ.

Ad
rt

މިއީ ހައްތަހާވެސް ﷲގެ ޙަޟްރަތުން އަހަރެމެންނަށް ކުރިމަތިވާ އިމްތިޙާން ތަކެވެ. އެކަމަކު ކީއްވެތޯއެވެ؟ އަހަރެމެން ކޮން ކުށެއް ކޮށްގެންތޯއެވެ؟ އަހަރެމެން މިތިބީ އެއިލާހަށް އީމާންވެ، އެއިލާހު ފިޔަވައި އަޅުކަން ކުރުން ޙައްޤުވެގެންވާ އެހެން އެއްވެސް ފަރާތެއް ނުވާކަން ހިތުގެ އަޑިން ޤަބޫލުކޮށްގެންނެވެ. އަހަރެމެން ރެއަކާއި ދުވާލު 5 ވަގުތު ނަމާދު ކުރަމެވެ. ރަމަޟާން މަސް އައުމުން ރޯދަ ހިފަމެވެ. ނިޞާބު ހަމަވެ އަހަރެއް ވެއްޖެނަމަ އެލާމްކޮށް، ފޯނަށް ރިމައިންޑާއެއް ލައިގެން ނަމަވެސް ޒަކާތް ދައްކަމެވެ. އަހަރެމެންނަކީ މުސްލިމުންނެވެ. ދެން އެކިއެކި ޙާލަތްތަކުގައި، އެކި އެކި ގޮތްގޮތަށް ﷲ އަހަރެމެން އިންތިޙާނު ކުރައްވަނީ ކީއްވެތޯއެވެ؟

ފުރަތަމަ ކަމަކަށް ހަނދާނުގައި ބަހައްޓަވާށެވެ. މިދުނިޔެއަކީ އިންތިޙާނުގެ ގޮވައްޗެކެވެ. އަހަރެމެން ﷲގެ އެއްކައުވަންތަކަށް ޤަބޫލުކޮށް، ޝަހާދަތް ކިޔައިގެން މިތިބީ އެއިލާހަށް އީމާންވެގެންނޭ ކިޔައިގެންނެވެ. މިއީ ދަޢުވާއެއް ނޫންތޯއެވެ. މިދަޢުވާގެ ތެދުކަން އެންމެ ރަނގަޅަށް ފެނިގެންދާނީ އެއިލާހު އަހަރެމެން އިމްތިޙާނު ކުރެއްވުމުން އެއިމްތިޙާނުގައި އަހަރެމެން ޢަމަލުކުރާ ގޮތަކުންނެވެ. އަދި މިއީ ﷲ އަހަރެމެން އިމްތިޙާނު ކުރައްވާ އެންމެ މުހިންމު އެއް ސަބަބެވެ. މިޙަޤީޤަތް ބަޔާންކުރައްވައި ސޫރަތުލް ޢަންކަބޫތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

أَحَسِبَ النَّاسُ أَن يُتْرَكُوا أَن يَقُولُوا آمَنَّا وَهُمْ لَا يُفْتَنُونَ ﴿العنكبوت: 2﴾

މާނަ: "މީސްތަކުން ތިމަންމެން އީމާން ވެއްޖައީމުއޭ ބުނުމުން، އެއުރެން އިމްތިޙާން ނުކުރައްވައި ދޫކޮށްލައްވާނޭކަމަށް ހީކުރީ ހެއްޔެވެ؟"

ﷲގެ މިވަޙީބަސްފުޅުން އެނގިގެންދިޔަފަދައިން މިދުނިޔޭގައި އަހަރެމެން އެތައް ބައިވަރު އިމްތިޙާނަކާ ކުރިމަތިލާން ޖެހޭނެއެވެ. އެއިމްތިޙާން ތަކާ ކުރިމަތިލާން ޖެހުމުން ﷲ އާމެދު ހިތުގައި ޝައްކުތައް އުފައްދައި، އެއިލާހު ތިމާއަށް މިވެނި އެވެނި މުޞީބާތެއް ޖެއްސެވީ ކޮން ސަބަބަކާ ހުރެތޯ ސުވާލުކޮށް، ނުވަތަ އެއިލާހު ތިމާދެކެ ލޯބިނުވާކަމަށް ބުނާނަމަ ތިމާ މިދުނިޔޭގެ އިމްތިހާނުތަކުން ފެއިލްވަނީއެވެ. އަދި އެއްކޮށް ފެއިލްވުމުގެ ކުރިން ނަފްސު އިސްލާޙުކޮށް، ތިމާގެ ވެރިރައްބާމެދު ހިތުގައިވާ ޔަޤީންކަން އިތުރުކުރަންވީއެވެ. އަދި މިދުނިޔެއަކީ އިމްތިޙާނުގެ ގޮވައްޗެއްކަން ދެނެގަނެ، މިދުނިޔޭގައި ހުރިހާ ހިނދަކު އެކިކަހަލަ އިމްތިޙާނުތަކާ ކުރިމަތިލާން ޖެހޭނެކަން ދަންނަންވީއެވެ.

އަދި ﷲ ތިބާ އިމްތިޙާނު ކުރައްވަނީ އެއިލާހު ތިބާ ދެކެ ނުރުއްސަވާތީ ކަމަށް ހީވާނަމަ އެއީ ވަރަށް ބޮޑު ކުއްހީއެކެވެ. އެހެންކަމަށް ވާނަމަ މިދުނިޔެމަތީގައި އެއިލާހުގެ ރުއްސެވުން ލިބިފައިވާ އެކަކުވެސް ނުހުންނާނެ. ސަބަބަކީ އެންމެންނަކީވެސް ކޮންމެވެސް މިންވަރަކަށް އިމްތިޙާނު ކުރެވޭ ބަޔަކަށް ވާތީއެވެ. ޚުދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް އަދި އެހެން ނަބީބޭކަލުންނަށްވެސް އެތައް ބައިވަރު އިމްތިޙާނުތަކާ ކުރިމަތިލާން ޖެހުނެވެ. އަދި އޭގެ ތެރެއިން ގިނަ އިމްތިޙާނުތަކަކީ އަހަރެމެންނަށް ކުރީމަތިވާ އިމްތިޙާނުތަކާ އަޅާ ބަލާއިރު ވަރަށް ބޮޑެތި ކަންތައް ތަކެކެވެ.

އަދި ޢިލްމުވެރިން ވިދާޅުވާގޮތުގައި، ﷲ އަޅަކުދެކެ ލޯބި ވެއްޖެނަމަ، އެއަޅަކަށް ކުރިމަތިވާ އިމްތިޙާނުތައް ބޮޑުވެފައި ވަރުގަދަވާނެއެވެ. އޭގެ ސަބަބެއްކަމުގައި ވިދާޅުވަނީ އެއަޅަކު އިމްތިޙާނުތަކަށް ކެތްތެރިވެ، ދިމާވާ ދަތިތަކާއި މުޞީބާތްތަކާ އެކު، އޭނާގެ ހިތުގައި ﷲއާ މެދު އޮންނަ ޔަޤީންކަން އިތުރުވެ އޭނާގެ އީމާންކަން އިތުރުވާތީއެވެ. އެހެންކަމުން ތިމާއަށް ކުރިމަތިވާ މުޞީބާތްތަކަށް ކެތްތެރިވެ، ﷲއާމެދު ހިތުގައި ފުރިހަމަ ޔަޤީންކަމެއް ބާއްވައި، މިއަދު މުޞީބާތްތަކުގައު ކެތްތެރިވެ، އީމާންތެރިކަމުގެ ވަރުގަދަކަން ދައްކުވައިދީފިނަމަ އާޚިރައްދުވަހަކީ އަދަށްވުރެ މާބޮޑަށްވެސް ފެހި މާދަމާއެއްކަމަށް ވާނެއެވެ.

ދެން ބައެއްފަހަރު ވާގޮތަކީ، ﷲ އަހަރެމެން އިމްތިހާނު ކުރައްވައި، މުޞީބާތެއް ޖެއްސެވުމުން އެކަމާ ހިތާމަކޮށް، މީހާ މާޔޫސްވެ އެންމެ ފަހުން ފާފަތަކަށް އަރައިގަނެވެނީއެވެ. އެގޮތުން ހިތަށް ވެރިވާ ހާސްކަން ފިލުވާލުމުގެ ބަހަނާގައި ދުންފަތުގެ އިސްތިޢުމާކުރަން ފެށުމަކީ މިހާރަކަށް އައިސް ވަރަށްގިނަ މީހުން ކުރާކަމެކެވެ. އަދި މިނޫން އެހެން ފާފަތަކަށްވެސް އަރައިގަނެއެވެ.

މިސާލަކަށް ބަލާނަމަ، ކައިވެނި ކުރަން ބޭނުންވެ، ކައިވެންޏެއް ނުކުރެވި ގިނަދުވަސްވާނަމަ ޙަރާމް ގޮތްގޮތުން ޖިންސީ އެދުން ފުއްދެނީއެވެ. ދަންނަންވީ ކަމަކީ، ތިބާއަށް މިފަނާވަނިވި ދުނިޔޭގައި އިންނާނެ މީހަކު ނުލިބުންވެސް އެކަށީގެން ވެއެވެ. އަދި ﷲގެ އިރާދަފުޅާއެކު ކޮންމެވެސް ދުވަހަކު ލިބިވެސް ދާނެއެވެ. ނަމަވެސް ނަފްސުގައި ޖިންސީ ޣަރީޒާ ހުރިކަން މޮޅަށް ދެނެވޮޑިގެންވާ ޙާލު، އެއިލާހު ތިބާއަށް ކައިވެނި ކުރެވޭނޭގޮތް އިރާދަ ނުކުރައްވަނީ ހަމަ ތިބާ އިމްތިޙާނު ކުރެއްވުމަށްޓަކައެވެ. އެއިމްތިޙާނުން ތިބާ ފާސްވެއްޖެ ނަމަ ތިބާއަށް ދާއިމަށް ދެމިގެންވާ، މަރުވުމެއް ފަނާވުމެއް ނުވާ، އަބަދަށް ޒުވާން ކަންމަތީގައި ތިބޭނޭ އުޚްރަވީ ޙަޔާތުގައި ވަނީ މިވޭނީ ދުވަސްތައް ހަނދާނަށްވެސް ނުގެނެވޭނޭހާ ބޮޑެތި ނިޢުމަތްތަކެކެވެ. އެހެންކަމުން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެންގެވިފަދައިން ރޯދަ ހިފައިގެންނާއި ޞާލިޙު ޢަމަލުކުރުން ގިނަކޮށްގެން ތިބާގެ ނަފުސު ރައްކާތެރިކޮށް މި އިމްތިޙާނުން "ހައި-ޑިސްޓިންކްޝަން" ހޯދާށެވެ.

ހާސްވެ ކަންބޮޑުވާން ފެށުމުން ސިކުނޑި ހަމައަކަށް އެޅުވުމަށްޓަކައި ދުންފަތުގެ އިސްތިޢުމާލުކުރަންފެށުމުގެ ކުރިން ދަންނާށެވެ. ތިޔައީ ހާސްކަމަށް އޮތް ބޭހެއް ނޫނެވެ. އެހެނެއްކަމަކު ބޮޑު ބައްޔެކެވެ. ތިބާ ޖީބުގައިވާ ސިގިރޭޓު ފޮށިނަގާ، އޭގެ ބޭރުގައިވާ ކުރެހުމަށް ބަލާލިޔަސް އެކަން އިނގޭނެއެވެ. އަދި ވަގުތީ ހިންހަމަޖެހުމެއް ލިބުނުކަމުގައިވިޔަސް މިއެއްޗަކީ ޑިޕްރެޝަނާއި ހާސްކަމުގެ ބަލި އިތުރަށް ބޮޑުކުރާ އެއްޗެކޭ ކަމުގެ މާހިރުން ކަމަށްވާ ޑޮކްޓަރުން އަބަދުމެ އެކިޔަނީއެވެ. ހަމަ އެހެންމެ ހާސްކަމުން ސަލާމަތްވެ، ހިތަށް ފިނިކަން ގެނުވާނޭ ބޭސް ﷲ ވަނީ ކީރިތި ޤުރްއާނުގައި ހަތްއުޑުމަތިން ބަޔާންކޮށްދެއްވާފައެވެ. އެއިލާހު ވަޙީކުރައްވަނީ:

الَّذِينَ آمَنُوا وَتَطْمَئِنُّ قُلُوبُهُم بِذِكْرِ اللَّـهِ أَلَا بِذِكْرِ اللَّـهِ تَطْمَئِنُّ الْقُلُوبُ ﴿الرعد: 28﴾

މާނަ: "އެއުރެންނީ، އީމާންވި މީހުންނެވެ. އަދި اللَّه ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، اللّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟"

އެހެންކަމުން ކުޑަވަގުތުކޮޅަކަށް ހަމަޖެހިލާ، ލޯމަރާލާފައި ވިސްނާލަބަލާށެވެ. ދިރިއުޅުމުގައި މިދިމާވާ ހިތް ނުތަނަވަސްވެ، ތިމާ ހާސްކުރުވާ ކަންތައްތަކަކީ ﷲގެ ޙަޟްރަތުން އަންނަ އިމްތިޙާން ތަކެކެވެ. އެއިލާހު ވަޙީކުރައްވަނީ "ހިތްތައް ހަމަޖެހެނީ، اللّه ހަނދުމަކުރުމުން ނޫންހެއްޔެވެ؟" ވީއިރު، ރެއަކާ ދުވާލު ﷲ މަތިން ހަނދުމަ ކުރެވެނީ ކިތަށް ފަހަރުތޯއެވެ؟ ޤުރްއާނުން މިންވަރެއް ކިޔަވާލެވޭތޯއެވެ؟ ހެނދުނާއި ހަވީރުގެ ޛިކުރުތަކުން މިންވަރެއް ނަމަވެސް ކިޔާލެވޭތޯއެވެ؟ ނިދުމުގެ ކުރިން ކިޔަންޖެހޭ ޛިކުރުތަކުން މިންވަރެއް ނަމަވެސް ކިޔާލެވޭތޯއެވެ؟

އެއްވެސް ކަމެއްނެތިފައި ނުވަތަ މަގުމަތިން ހިނގާފައިދާއިރުވެސް "أستغفر الله" ނުވަތަ "لا إله إلا الله" ފަދަ ޛިކުރެއް ނަމަވެސް ކިޔާލެވޭތޯއެވެ؟ ނޫންނަމަ، ހާސްކަމަށް ﷲ ދެއްވާފައިވާ ފަރުވާ ބާއްވާފައި ތިޔަ އަވަސްވެގަނެވެނީ ޝައިޠާނާ މިއީ ބޭހޭ ކިޔައިގެން ދިއްކޮށްލާ އެތިހޯދައިގަތުމަކަށް ނޫންތޯއެވެ؟ އެހެންވީމާ ދިރިއުޅުމުގެ ޝެޑިއުލް އިސްލާޙުކޮށް ﷲ ހަނދުމަކުރުން ގިނަކޮށް މި އިމްތިޙާނުންވެސް "ހައި-ޑިސްޓިންކްޝަން" ހޯދާށެވެ. ﷲ އިރާދަފުޅާއެކު މިކަންތައް ދަނެގެން މިދުނިޔޭގެ ޙަޔާތް ވެއަތުކޮށްފިނަމަ އުޚްރަވީ ޙަޔާތް ބާއްޖަވެރިވާނޭފަދަ ގޮތަކަށް ތިމާގެ ޢަމަލުތައް ބެހެއްޓުމަށް ފަސޭހަވާނެއެވެ.