ހިޔާ މަޝްރޫޢޫގެ ފްލެޓްތައް ދިންގޮތާއިމެދު ހިތްހަމަނުޖެހުން ފާޅުކޮށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މާލޭ ސިޓީގައި އިހުތިޖާޖު ކުރަމުން އެބަދެއެވެ.
"ކޮބާ މަގޭ ފްލެޓު" ގެ ނަމުގައި އިދިކޮޅުން މާލޭގައި މިއަދު ކުރަމުންދާ މުޒާހަރާގައި އެ ކޯލިޝަންގެ އިސްވެރިންގެ އިތުރުން ގިނަ ޢަދަދެއްގެ އާންމުން ވެސް ދަނީ ބައިވެރި ވަމުންނެވެ. މި އިހުތިޖާޖުގައި މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މިނިވަން މެންބަރު މުޙައްމަދު ނަޝީދު ޢަބުދުﷲ (މޮސްޓާ) ވެސް ދަނީ ބައިވެރި ވަމުންނެވެ.
މި އިހުތިޖާޖުގެ ބައިވެރިނ 16:45 ހާއިރު ވަނީ މަޖިލިސްކުރާ ގޭ ހުންނަ ސަރަޙައްދަށް ވެސް އެއްވެފައެވެ. މަޖިލިސްގެ އުތުރުން އޮންނަ މަގުން އިހުތިޖާޖުގެ ބައިވެރިން ރައީސް ޞާލިޙް ދިރިއުޅުއްވާ ރިޔާސީ ގެ ކޮޅު، މުލިއާގެއާއި ދިމާއަށް މިސްރާބު ހިފިނަމަވެސް ފުލުހުން ވަނީ އިހުތިޖާޖުގެ ބައިވެރިންނަށް ހުރަސް އަޅާފައެވެ. އެ ސަރަޙައްދު ހިމެނޭނީ ވެސް އެއްވުން މަނާ ގްރީން ޒޯންގެ ތެރޭގައެވެ.
އެ މުޒާހަރާގެ ބައިވެރިން ގޮވާލަމުން ދަނީ މައިގަނޑު ދެކަމަކަށެވެ. އެއީ ޖަލުގައި ހުންނެވި އިދިކޮޅު ލީޑަރ ރައީސް ޔާމީން މިނިވަން ކުރުމަށާއި، ހިޔާ ފްލެޓްތައް ހައްގުވެރިންނަށް އިންސާފް ވެރިކަމާއެކު ދިނުމަށެވެ. އެ މުޒާހަރާގެ ބައިވެރިންތެރެއިން ''ފްލެޓްތައް ފޭރިގަނެފައިވާ'' ކަމަށް ގޮވާ އަޑުވެސް އިވެއެވެ.
އިދިކޮޅުން މާލޭގައި މުޒާހަރާ ކުރަމުންދާއިރު، ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުރައް ވަރުގަދަކޮށް ގްރޭޓަރ މާލެ ސަރައްދުގައި ހަވީރު ހަޔަކުން ފެށިގެން ހެނދުނު ހަޔަކަށް އެއްގަމު އުޅަނދު ފަހަރު ދުއްވުން މިރެއިން ފެށިގެން ވަނީ މަނާ ކޮށްފައެވެ. އަދި މި ދުވަސްވަރަކީ ކޯވިޑްގެ ކޭސްތައް ބޮޑުތަނުން މައްޗަށް ގޮސްފައިވާ ދުވަސް ވަރެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!