‏ރާއްޖޭގައި ކޯވިޑް ބަލީގެ ހާލަތު އިތުރަށް ގޯސްވަމުންދާތީ އަޅާފައިވާ ރައްކާތެރިމަކުގެ ފިޔަވަޅުތައް ވަރުގަދަކޮށް، ގްރޭޓާ މާލޭގެ ޕްރީސްކޫލްތައް ބަންދު ކުރި ނަމަވެސް އަތޮޅުތަކުގެ ޕްރީ ސްކޫލްތައް ބަންދު ނުވާނެ ކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަންއިން ވިދާޅުވެއްޖެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީއިން ވިދާޅުވީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވަކިގޮތެއް އަންގަންދެން، މާލޭ ސަރަޙައްދު (މާލެއާއި ހުޅުމާލެއާއި ވިލިމާލެ) ގައި، ޕްރީ ސްކޫލުތަކާއި ނާސަރީ ކްލާސްތަކުގެ ދަރިވަރުން ސްކޫލަށް ހާޟިރުކޮށްގެން ކިޔަވައިދިނުން މެދުކަނޑާލުމަށް ނިންމާފައިވާކަމަށެވެ.

Ad
rt

ނަމަވެސް ‏އަތޮޅުތެރޭގެ ޕްރީސްކޫލްތަކުގެ ކިޔެވުން ކުރިއެކޭ އެއްގޮތަށް ކުރިއަށް ދާނެ ކަމަށް އެ މިނިސްޓްރީއިން ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގައި ކޯވިޑް ބަލީގެ ހާލަތު އަނެއްކާ ވެސް ގޯސްވެ، ނަމްބަރުތައް މައްޗަށް ދާން ފަށާފައިވާއިރު، ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ވަނީ ގިނަ ފިޔަވަޅުތަކެއް ކުރިއަށްވުރެ ވަރުގަދަކޮށް، އެ ފިޔަވަޅުތައް އިއްޔެ އާންމު ކޮށްފައެވެ.

އޭގެތެރޭގައި ތައުލީމީ ދާއިރާއަށް ޚާއްޞަކޮށް އަޅާފައިވާ ފިޔަވަޅުތަކަކީ ކޮލެޖު އަދި ޔުނިވާސިޓީ ފަދަ ތަންތަނުގެ ކިޔެވުން ކުރިއަށް އޮތް ދެ ހަފުތާގައި އޮންލައިންކޮށް ކުރިއަށް ގެންދަން އެންގުމެވެ. ނަމަވެސް އެތަންތާ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ޕްރެކްޓިކަލް ހަރަކާތްތައް ބޭއްވޭ ގޮތަށް ވަނީ ހުއްދަ ދީފައެވެ. އަދި ޕްރީ ސްކޫލްތަކާއި ޑޭކެއާ އަދި ނާސަރީތައް މުއްދަތެއް ނެތް ގޮތަށް ބަންދުކުރުމަށް އެޗްއީއޯސީ އިން ވަނީ ކަނޑައަޅާފަ އެވެ.