ށ. ފޭދޫއަށް ހޭންޑްބޯލް ތަޢާރުފުކުރުމުގެ ޕްރޮގްރާމެއް ފަށަން، އެރަށު ކައުންސިލުން ނިންމައިފިއެވެ.

މިގޮތުން ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ފޭދޫ ކައުންސިލާއި، ހޭންޑްބޯލް މޯލްޑިވްސްއާއި ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމެއް ކަމަށް ފޭދޫ ކައުންސިލުން ވިދާޅުވިއެވެ.

Ad
rt

ހަ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމާއި ގުޅޭގޮތުން ފޭދޫ ކައުންސިލްގެ ރައީސް މުޙައްމަދު ސާމިރު ''ތިލަދުން''އަށް ވިދާޅުވީ، މި ޕްރޮގްރާމަކީ އެރަށަށް ހޭންޑް ބޯލް ތައާރަފްކޮށް، އެރަށުގެ ކަނބަލުންގެ މެދުގައި މަގްބޫލް ކުޅިވަރަކަށް އެ ކުޅިވަރު ހެދުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.

ފޭދޫގެ ރައްޔިޔުންނަކީ އަބަދުވެސް ދުޅަހެޔޮކަން މަތީ ތިބުމަށް ލޯބި ކުރާ ބަޔެއް ކަމަށާއި، މި ގޮތުން މި ތައާރަފް ކުރެވޭ ކުޅިވަރުގެ ސަބަބުން ރަށުގެ ކަނބަލުންނަށް ދުޅަހެޔޮކަންމަތީ ތިބުމަށް އިތުރު ކުޅިވަރެއް ކުޅުމަށް ދަސްވެގެންދާނެ ކަމަށް ވެސް ސާމިރު ވިދާޅުވިއެވެ.

7 ފެބްރުއަރީ 2021ގައި ފެށުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި ކިޔަވައިދެއްވާނީ ހޭންޑްބޯލް މޯލްޑިވްސްގެ ހޭންޑްބޯލް ކޯޗިން ކޯސް ފުރިހަމަކޮށްފައިވާ ކޯޗުން ކަމަށްް ވެސް ފޭދޫ ކައުންސިލުން ވިދާޅުވެއެވެ.

އެ ކައުންސިލުން ވިދާޅުވީ، މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ އެރަށުގެ ކަނބަލުން މާދަމާގެ 14:00ގެ ކުރިން އެ ކައުންސިލަށް ގޮސް ނަން ނޯޓު ކުރުމަށް އެދޭ ކަމަށެވެ. އަދި 9876442 ނަންބަރު ފޯނާއި ގުޅުމުން ވެސް ނަންނޯޓު ކުރުމުގެ އިންތިޒާމު ހަމަޖެހޭނެ ކަމަށާއި، އެ ނަންބަރާއި ގުޅުމުން
އިތުރު މަޢުލޫމާތު ވެސް ލިބޭނެ ކަމަށް އެ ކައުންސިލުން ބުނެއެވެ.