ހއ. އަހަވަންދޫ ކައުންސިލުން އެރަށުގައި ކުނިއުކުމުގެ ޚިދުމަތް އިއްޔެ ފަށައިފިއެވެ.
މި ޚިދުމަތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ކުނި އުކާލުމުގެ ޚިދުމަތް ހޯދުމަތް ހުޅުވާލުމުން އެންމެ ފުރަތަމަ ރަޖިސްޓްރީވި، އެރަށު ''މޫރިތިގޭ'' ކައިރީގައެވެ. އެ ޚިދުމަތް ފައްޓަވައި ދެއްވީ އިހަވަންދޫ ކައުންސިލް ރައީސް މުޙައްމަދު ރަޝީދެވެ.
އިހަވަންދޫ ކައުންސިލުން ވަނީ މި މަސައްކަތަށް އެރަށުގެ ރައްޔިތުންގެ ތެރެއިން 5 މީހުން ވަޒީފާއަށް ނަގާފައެވެ. އެހެންކަމުން މި ޚިދުމަތް ދިނުމުގައި މަސައްކަތް ކުރާނީ ސަތޭކަ އިންސައްތަ ދިވެހި މުވައްޒަފުންނެވެ.
މި ޚިދުމަތްފައްޓަވައި ދެއްވަމުން އިހަވަންދޫ ކައުންސިލް ރައީސް މުޙައްމަދު ރަޝީދު ދެއްކެވި ވާހަކާގައި، އެ މަސައްކަތް ފެށުމަށް ވެހިކަލް ހޯދުމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ޚާއްޞަ ބަޖެޓެއް ދެއްވިކަން ފާހަގަކޮށް، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙަށް ޝުކުރު ދެންނެވިއެވެ. އަދި އެ ބަޖެޓް ހޯއްދަަވައި ދެއްވުމަށް ރައްޔިތުންގެ މަޖިލިސްގައި އިހަވަންދޫ ތަމްސީލް ކުރަށްވާ މެންބަރު މުޙައްމަދު ޝިފާއު ދެއްވި އެހީތެރިކަން ފާހަގަކޮށް އޭނާއަށް ވެސް ޝުކުރު ދެންނެވިއެވެ.
ރަޝީދު ފާހަގަކުރެއްވި ގޮތުގައި، އެ ޚިދުމަތް ފެށިގެން ދިޔައީ އެރަށުގެ ރައްޔިތުން އެ ކައުންސިލަށް ދެއްވި ހިތްވަރުގެ ސަބަބުންނެވެ. އަދި އާންމުގޮތެއްގައި ރަށްރަށުގައި މިފަދަ ޚިދުމަތްތައް ދިނުމުގައި ބިދޭސީން ބޭނުންކޮށް، ޤައުމުން ބޭރަށް ފައިސާދާގޮތަށް ކަންކަން ހުރިނަމަވެސް، އިހަވަންދޫގައި ސަތޭކަ އިންސައްތަ ދިވެހިންނާއިއެކު އެ ޚިދުމަތް ފެށިގެން ދިޔުމަކީ އެ މުވައްޒަފުންނަށް ލިބޭ މުސާރަ ޤައުމުގައި ހިފެހެއްޓެން މެދުވެރިވާ ސަބަބެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ.
ކުނި އުކާދިނުމުގެ ޚިދުމަތުގެ ތެރެއިން ގޭބިސީތަކުގައި އުފެދޭ ފަތްކުނި ފަދަތަކެތި ހަފްތާގެ 3 ދުވަހު އުކައިދޭއިރު ބަދިގޭގައި އުފެދޭ ކުނި، ހަފްތާގެ ކޮންމެ ދުވަހަކުވެސް އުކައި ދިނުމަށްވަނީ ހަމަޖެހިފައެވެ.
އިހަވަންދޫ ކައުންސިލުން މައުލޫމާތު ދެއްވާގޮތުގައި މިހާރު ވަނީ އެރަށުގެ ކުނި ކޮށި ހުޅުވާފައި ބަހައްޓާ ދުވަސްތަކަށާއި، ގަޑިތަކަށް ވެސް ބަދަލު ގެނެވިފައެވެ. މިގޮތުން މިހާރު ކުނިކޮށު ހުޅުވާފައި ހުންނާނީ ހޮނިހިރު، ހޯމަ އަދި ބުދަ ދުވަހު ކަމަށާއި، އެ ދުވަސްތަކުގައި ކުނިކޮށި ހުޅުވާފަ ހުންނާނޭ ގަޑިތަކަކީ ހެނދުނު 7:00 އިން 11:00 އަށް އަދި މެންދުރު 14:00 އިން ހަވީރު 16:00 އަށް ކަމަށް އެ ކައުންސިލުން ބުނެއެވެ.
އިހަވަންދޫ ކައުންސިލުން އެރަށުގައި ކުނި އުކުމުގެ ޚިދުމަތް އިއްޔެ ފެށިއިރު، އެ ޚިދުމަތް ހޯދުމަށް މިހާރު ވެސް އެ ޚިދުމަތް ހޯދުމަށް އެރަށުގެ ގޭބިސީތަކުން ރަޖިސްޓްރީ ކުރަމުންދާއިރު މިހާތަނަށް ވަނީ 115 ގޭބިސީއަކުން އެ ޚިދުމަތް ލިބިގަތުމަށް ރަޖިސްޓްރީކޮށްފައެވެ. އަދި އެ ޚިދުމަތުގެ އަގެއްގެ ގޮތުގައި އެ ކައުންސިލުން ގޭބިސީއަކުން ނަގަމުން ދަނީ މަހަކަށް 150 ރުފިޔާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!