‏ރާއްޖޭގެއި މާދަމާ ކޯވިޑް-19ގެ ވެކްސިން ދޭން ފަށާއިރު، ދުޢާއަކީ މި ވެކްސިނާއެކު އުފާވެރި ދިރިއުޅުމަކަށް އެނބުރި ދިޔުމުގެ މަގުފަހިވެގެން ދިޔުން ކަމަށް ރައީސުލް ޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

މާދަމާ ކުޅުދުއްފުށީ ސިޓީގެ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް)އާއި، މާލެ ސިޓީ އަދި އައްޑޫ ސިޓީގައި ކޯވިޑް-19 ވެކްސިން ދޭން ފަށާނެ ކަމަށް ހެލްތު މިނިސްޓްރީއިން މިއަދު ވަނީ ވިދާޅުވެފަ އެވެ.

Ad
rt

ރާއްޖޭގައި ދޭން ނިންމާފައި ވަނީ އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް-19 "ކޮވިޝީލްޑް" ވެކްސިނެވެ. އެ ވެކްސިނުގެ 150،000 ޑޯޒް އިންޑިއާއިން ވަނީ ރާއްޖެއަށް ހަދިޔާކޮށްފަ އެވެ.

''މާދަމާއަކީ ރާއްޖޭގައި ކޯވިޑް 19 އަށް ވެކްސިން ދޭން ފަށާ ދުވަސް. މާތް اللهُ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރުމާއެކު އަޅުގަނޑުގެ ދުޢާއަކީ މި ވެކްސިނާއެކު އުފާވެރި ދިރިއުޅުމަކަށް އެނބުރި ދިއުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް މިންވަރު ކޮށްދެއްވުން. އާމީން.''

ރައީސް ވިދާޅުވެފަ ވެއެވެ.

ރާއްޖޭގައި ކޯވިޑް-19 ވެކްސިން ޖަހަން ފެށުމާއިގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނީ، ރާއްޖޭގައި މާދަމާ ކޯވިޑް ވެކްސިން ޖަހަން ފަށާއިރު ފުރަތަމަ ޖަހާނީ ކުރީ ސަފުގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިންނަށް އިސްކަންދީގެންކަމަށެވެ. އަދި ކުރިއަށްއޮތްތަނުގައި ވެކްސިން ޖަހަމުން ގެންދާނީ، ވެކްސިން ދިނުމަށް ކަނޑައަޅާފައިވާ އިސްކަންދޭ ތަރުތިބާ އެއްގޮތްވާގޮތުގެ މަތިންކަމަށާއި އަދި ރާއްޖޭގެ ހުރިހާ ހިސާބުތަކެއްގައިވެސް ކުރިޔަށް އޮތްދުވަސްތަކުގައި ވެކްސިންދޭން ފެށޭނެކަމަށް ބުންޏެވެ.

މާދަމާ ވެކްސިންދޭން ފަށާއިރު މާލެ ސަރަހައްދުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ، އައި.ޖީ.އެމް.އެޗް.، ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް، އޭ.ޑީ.ކޭ ހޮސްޕިޓަލް އަދި ޓްރީޓޮޕް ހޮސްޕިޓަލްގައެވެ. އައްޑޫ ސިޓީގައި އައްޑޫ އެކުއަޓޯރިއަލް ހޮސްޕިޓަލް އަދި ކުޅުދުއްފުށީގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައެވެ.