ރާއްޖޭގައި ފުޅާދާއިރާއެއްގައި ފަންނީ މަސައްކަތްތެރިކަން ދަސްކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ޓޮޕްސީ ޓްރެއިނިން ސެންޓަރާއި ށ. ފުނަދޫ އިޖްތިމާއީ މަރުކަޒު ގުޅިގެން، ފުނަދޫގައި ހިންގުމަށް ހަމަޖެހިފައިވާ ފެހުމާއި ކޭކު އަޅަން ދަސްކޮށްދިނުމުގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މި ކޯސްތައް 15 ފެބްރުއަރީ 2021 ގައި ފެށުމަށް ހަމަޖެހިފައިވާއިރު، ފެހުމުގެ ސެޓްފިކެޓް ލެވެލް އެކެއް އަދި ދެއެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯސްތަކުގައި އެއް ގޮތަކަށް ފަހަން ނޭނގޭ ފަރާތްތަކަށް ވެސް ބައިވެރި ވެވޭނެ ކަމަށާއި، ކޯސް ނިމޭއިރު ގައިން މިންނަގައިގެން ފޮތިގުނޑުގައި މިންޖަހައިގެން ކަނޑަން ދަސްވުމުގެ އިތުރުން އެންމެ އާދައިގެ ހެދުމުން ފެށިގެން ގޮސް ގަމީހާއި ފަޓްލޫން ވެސް ކަނޑައިގެން ރަނގަޅަށް ފަހަން ދަސްވެގެން ދާނެ ކަމުގައި ޓޮޕްސީގެ ފަރާތުން މަޢުލޫމާތު ދީފައިވެއެވެ.
ކޯހުގައި ބައިވެރިން ކިޔެވުމަށް ބޭނުންވާ ހުރިހާ ތަކެއްޗެއް އެ ސެންޓަރުގެ ފަރާތުން ބައިވެރިންނަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ މި ކޯހުގައި ކޮންމެ ބައިބެރިއެއްގެ އަތުން 1500 (ފަނަރަސަތޭކަ) ރުފިޔާގެ ފީއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯހުގެ މުއްދަތަކީ 12 ނުވަތަ 15 ދުވަހެވެ.
ކޭކް ޑެކަރޭޝަން ކޯހުގައި ބައިވެރިވާ ފަރާތްތަކަށް ވެސް ކޯހުގައި ކިޔެވުމަށް ބޭނުންވާ ހުރިހާ ތަކެއްޗެށް ޓޮޕްސީގެ ފަރާތުން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯސް ފުރިހަމަ ކުރާ ބައިވެރިންނަށް ދަސްވެގެން ދާނެ ކަންތައްތަކުގެ ތެރޭގައި ބަޓަރކޭކު، ޗޮކްލެޓްކޭކު އަދި ފުރުޓްކޭކް އަޅަން ދަށްވުމުގެ އިތުރުން ބަޓަރ އައިސިން، ޗޮކްލެޓް އައިސިން ހަދަން ދަސްވެގެން ދާނެއެވެ. މީގެއިތުރުން ކާޓޫން ކޭކާއި އަދި އާދައިގެ ކޭކްގައި އައިސިން ޖަހަން ދަސްވުމުގެ އިތުރުން ކޭކު އެޅުމުގެ މަސައްކަތް ރަނގަޅަށް ދަސްވެގެންދާނެ ކަމުގައި ޓޮޕްސީގެ ފަރާތުން މަޢުލޫމާތު ދީފައިވެއެވެ.
މި ކޯހުގައި ވެސް ކޯސް ފީއެއްގެ ގޮތުގައި ކޮންމެ ބައިވެރިއެއްގެ އަތުން 1500 (ފަނަރަސަތޭކަ) ރުފިޔާ ނެގުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯހުގެ މުއްދަތަކީ 10 ދުވަހެވެ.
މި ކޯސްތަކުގެ ކިޔެވުން ބަންދު ނޫން ކޮންމެ ދުވަހަކު ބޭއްވުމަށް ހަމަޖެހިފައިވާއިރު، ކޮންމެ ދުވަހެއްގެ ސެޝަން ދެ ގަޑިއިރަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މިކޯސްތައް ފުރިހަމަކުރާ ފަރާތްތަކުގެ ފެންވަރު ބަލައި ވަނަ ހޮވުމާއި އަދި ކޯހުގެ ބައިވެރިންގެ ތަކެތި ދައްކާލުމުގެ ހަރަކާތެއް ބޭއްވުމުގެ އިތުރުން ފެހުމުގެ ކޯސް ފުރިހަމަކުރާ ބައިވެރިންގެ ފެހުންތައް ހިމެނޭ ފެޝަން ޝޯވްއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކޯސް ފުރިހަމަ ކުރާ ބައިވެރިންނަށް ސެޓްފިކެޓް ލިބިގެންދާނެ ކަމުގައި ޓޮޕްސީގެ ފަރާތުން މަޢުލޫމާތު ދީފައިވެއެވެ.
މި ކޯސްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، އެ ފަރާތެއްގެ ފުރިހަމަ މަޢުލޫމާތު އެސްއެމްއެސްއަކުން 9138222، 9139222، 9144086 މި ނަމްބަރު ތަކަށް ފޮނުވުމަށާއި، މި ކޯސްތަކުގައި ކިތަންމެ ގިނަ ފަރާތްތަކަކަށް ވެސް ބައިވެރި ވެވޭނެ ކަމުގައި އެ ފަރާތުން މަޢުލޫމާތު ދީފައިވެއެވެ.
ޓޮޕްސީ ޓްރެއިންން ސެންޓަރަކީ ފެހުމާއި މާޖެހުމާއި ކޭކް އެޅުމާއި ކްރާފްޓްގެ މަސައްކަތާއި، ކެއްކުމުގެ މަސައްކަތްތައް ފަދަ އެތައްއެތައް މަސައްކަތްތަކެއް ދަސްކޮށްދިނުމުގައި ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަރަކާތްތެރިވަމުން އަންނަ ޖަމްޢިއްޔާއެކެވެ. 1997 ވަނަ އަހަރު ރަޖިށްޓަރީކޮށް ފާއިތުވި 22 އަހަރު މެދުކެނޑުމެއްނެތި އެކިއެކި ފަންނު ތަކުން މީހުން ބިނާކުރުމުގައި މަސައްކަތް ކުރަމުން އަންނަ ޓޮޕްސީ އިން މިހާތަނަށް ރާއްޖޭގެ 148 ރަށެއްގައި މިފަދަ ކޯސްތައް ހިންގައި 18000 އަށް ވުރެ ގިނަ މީހުން ވަނީ ތަމްރީން ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!