ހއ. ދިއްދޫގެ ގޭބިސީތަކުގައި ދުވަސްވެ، ހަލާކުވެފައި ހުރި މުސްޙަފްތައް ރަނގަޅުގޮތުގައި ނައްތާލުމަށް، ދިއްދޫ މިޑްލް ސްޕޯޓްސް ކްލަބުން ހިންގި ޕްރޮގްރާމްގެ ދަށުން އެއްކުރި މުސްޙަފްތައް މިއަދު ނައްތާލައިފިއެވެ.

މިޑްލް ސްޕޯޓްސް ކްލަބުން ބުނީ އެ ކްލަބުން ހިންގި، އެ ރަށުގެ ގޭބިސީތަކުގައި ދުވަސްވެ، ހަލާކުވެފައި ހުރި މުސްޙަފްތައް ރަނގަޅުގޮތުގައި ނައްތާލު ޕްރޮގްރާމްގެ ދަށުން އެއްކުރި މުސްޙަފްތައް މިއަދު ނައްތާލާފައި ވާކަމަށެވެ. އަދި މުސްޙަފްތައް ހިމެނޭހެން ގުރުއާންގެ އާޔަތްތައް ލިޔެފައިވާ އެކިއެކި ފޮތްތައް ހިމެނޭ ހާހެއްހާ ފޮތް މިއަދު ނައްތާލި ކަމަށް އެ ކްލަބުން ބުނެއެވެ.

Ad
rt

މިޑްލް ސްޕޯޓްސް ކްލަބުން ވަނީ ދުވަސްވެ، ހަލާކުވެފައި ހުރި މުސްޙަފްތަކާއި، ގުރުއާންގެ އާޔަތްތައް ލިޔެފައިވާ އެކިއެކި ފޮތްތައް ރަނގަޅުގޮތުގައި ނައްތާލުމަށް ބޭނުންވާ އެރަށުގެ ރައްޔިތުން އެފަދަ ތަކެތި 14 ޖެނުއަރީ 2021ވާ ބުރާސްފަތި ދުވަހުގެ 13:00 އިން 15:00 އަށް އަދި 15 ޖެނުއަރީ 2021ވާ ހުކުރު ދުވަހުގެ ރޭގަނޑު 20:00 އިން 21:00 އަށް އެކްލަބާއި ހަވާލުކޮށް ދިނުމަށް ކުރިން އެދިފައެވެ.

މިގޮތުން އެރަށުގެ ގޭބިސީތަކުން އެ ކްލަބާއި ހަވާލުކުރި ތަކެތި މިއަދު ނައްތާލާފައި ވަނީ ދިއްދޫ ކައިރި ފިނޮޅަކަށް ގެންގޮސްގެންނެވެ. އެތަކެތި އަންދާލުމަށްފަހު އަޅިތައް ވަނީ ކަނޑަށް އަޅައިލާފަ އެވެ.

މިޑްލް ސްޕޯޓްސް ކްލަބުގެ ރައީސް ނަޝްވާން އިބްރާޙީމް ''ތިލަދުން''އަށް ބުނީ އެތަކެތި ނައްތާލީ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނައުމަށްފަހު، އެ ފަރާތްތަކުގެ އިރުޝާދުގެ ދަށުން ކަމަަށެވެ.

''އަޅުގަނޑުމެން ދިއްދޫ ކައުންސިލް މެދުވެރިކޮށް އިސްލާމިކް މިނިސްޓްރީއަށް އެންގިން މި ޕްރޮގްރާމް ހިންގަން ވެގެން ވެސް، އަދި މިއަދު މިތަކެތި ނައްތާލާކަން ވެސް ވާނީ ސިޓީއަކުން ދަންނަވާފައި، ކައިރި ފިނޮޅަކަށް އެތަކެތި ގެންގޮސްގެން ނައްތާލީ، މީގައި ހިމެނޭ މުސްޙަފްތަކުގެ އިތުރުން ގުރުއާންގެ އާޔަތްތައް ހުރި ސްކޫލް ފޮތްތަކާއި، އެހެނިހެން ފޮތްތަކާއި ކަލަންޑަރު ފަދަ ތަކެތި، ހާހެއްހާ އައިޓަމް ނައްތާލެވުނު''

ނަޝްވާން ބުންޏެވެ.

ދިއްދޫ މިޑްލް ސްޕޯރޓްސް ކްލަބަކީ ފުޅާދާއިރާއެއްގައި ހއ. ދިއްދޫގައި އެރަށުގެ އިޖުތިމާއީ ދުޅަހެޔޮ ކަމަށް މަސައްކަތް ކުރާ، ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ކްލަބެކެވެ.

https://thiladhun.wonstasite.com/51183