ޗައިނާ ސަރުކާރުން ހއ. ކެލާއަށް ހަދިޔާކުރި ފަތާ ޓްރެކް އެރަށަށް ގެންގޮސްފިއެވެ.
މި ފަތާ ޓްރެކަކީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް، 2019 ވަނަ އަހަރުގެ ތެރޭގައި ހއ. އަތޮޅުގެ ތިން ރަށަކަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ކެލާއަށް ކުރެއްވި ޒިޔާރަތުގައި އެ ރަށުގެ ޒުވާނުން، އެރަށުގައި ފަތާޓްރެކެއް ހެދުމަށް އެހީތެރިކަމަށް އެދުމުން ހަދިޔާ ކުރެއްވި ފަތާ ޓްރެކެކެވެ.
ކެލާ ކައުންސިލްގެ ރައީސް އާދަމް ޣުފްރާން ''ތިލަދުން'' ވިދާޅުވީ މިއަދު އެ ޓްރެކް އެރަށަށް ލިބިފައިވާ ކަމަށެވެ.
''ޗައިނާ ސަރުކާރުން ހަދިޔާކުރެއްވި ފަތާ ޓްރެކް މިއަދު މިރަށަށް ވަނީ ލިބިފައި، އިރާދަ ކުރެއްވިއްޔާ ލަހެއްނުވެ މި ޓްރެކް ރާވާލެވި ބޭނުން ކުރެވޭނެ، އަޅުގަނޑުމެން ވާނީ މިކަމުގައި ސްވިމިން އެސޯސިއޭޝަންގެ އެހީތެރިކަމަށް އެދިފައި، މި ފެށޭ ފެބްރުއަރީ މަހުގެ ތެރޭގައި އެ އެސޯސިއޭޝަންގެ ޓީމެއް މި މަސައްކަތަށް އެހީތެރިވުމަށް މި ރަށަށް ފޮނުއްވައި ދޭނެ ކަމަށް ވަނީ ވިދާޅުވެފައި''
ޣުފްރާން ވިދާޅުވިއެވެ.
ޗައިނާއިން ކެލާއަށް ހަދިޔާ ކުރި ފަތާ ޓްރެކް އެރަށަށް މިއަދު ބާލާފައި، ފޮޓޯ: ކެލާ ކައުންސިލް
އޭނާ ވިދާޅުވީ އެ ޓްރެކް ރާވާ ބޭނުން ކުރެވޭގޮތް ހެދުމުގެ އިތުރުން، އެ ރަށުގައި ސްވިމިން ކޯޗިން ކޭމްޕެއް ހިންގައި، ކޯޗުން ތަމްރީން ކޮށްދިނުމަށް ވެސް ސްވިމިން އެސޯޝިއޭސަނުން ނިންމާފައިވާ ކަމަށެވެ. އަދި އެރަށަށް އަންނަ ޓީމުން އެ ކޯޗިން ކޭމްޕް ވެސް ހިންގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޗައިނާ ސަފީރު 2019 ވަނަ އަހަރު ކެލާއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން
މި ސްވިމިން ޓްރެކް ލިބުމާގުޅިގެން ރައްޔިތުންގެ މަޖިލިސްގައި ކެލާ ތަމްސީލް ކުރަށްވާ، ކެލާ ދާއިރާގެ މެންބަރު އިބްރާޙީމް ޝަރީފް (ކެލާ އިބްރޭ) ވިދާޅުވީ، ކެލާގެ ރައްޔިތުންގެ ދުޅަހެޔޮ ކަމަށް މިޓްރެކްގެ ސަބަބުން އިތުރު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރަށްވާ ކަމަށެވެ. އަދި ކެލާއާއި، އެ ދާއިރާގެ ރައްޔިތުންނަށްޓަކައި ކުރަށްވަންޖެހޭ މަސައްކަތް ކުރެއްވުމުގައި އޭނާގެ އެހީތެރިކަމާއި، އެއްބާރުލުން ދެއްވުމުގައި ދެމި ހުންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ހއ. ކެލާއަކީ އާބާދީގައި 2230 އަށްވުރެ ގިނަ މީހުން ހިމެނޭ، އެރަށުގެ ތަރައްގީއަށް ކެލާ ކައުންސިލާއި، ދާއިރާގެ މެންބަރު ގުޅިގެން މިހާރުވެސް މަސައްކަތްތަކެއް ކުރަމުންދާ ރަށެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!