ހއ. ކެލާގައި ގެސްޓްހައުސް ތަރައްގީކޮށް ހިންގަން 12 ބިމެއް އަދި ސިޓީ ހޮޓާ ތަރައްގީކޮށް ހިންގަން 2 ބިމެއް، ބީލަމަށް ހުޅުވާލާނަން ނިންމާފައިވާ ކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.
ކެލާ ކައުންސިލުން ވިދާޅުވީ، އެ ރަށުގެ ޓޫރިޒަމް ޒޯނުން، ފަތުރުވެރިކަމަށް ހުޅުވާލާ މި ބިންތައް ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަސް ތެރޭގައި ބީލަމަށް ހުޅުވާލެވޭ ވަރުވަރު ވާނެ ކަމަށެވެ.
އެރަށުން ގެސްޓްހައުސް ތަރައްގީކުރަން ހުޅުވާލާ ބިމެއްގެ ބޮޑު މިނަކީ، ބިމެއް 5 ހާސް އަކަފޫޓެވެ. އަދި ސިޓީ ހޮޓާ ތަރައްގީ ކުރަން ހުޅުވާލާ ބިމެއްގެ ބޮޑު މިނަކީ، ބިމެއް 10 ހާސް އަކަފޫޓެވެ.
މި ބިންތައް ދޫކުރުމާއިގުޅޭ ގޮތުން މައުލޫމާތު ހިއްސާކުރަށްވަމުން އެރަށު ކައުންސިލްގެ ރައީސް އާދަމް ޣުފްރާން ''ތިލަދުން''އަށް ވިދާޅުވީ، މިހާރު ކުރިއަށް ދަނީ އެ ބިންތައް ބީލަމަށް ހުޅުވާލުމުގެ އެންމެފަހުގެ މަސައްކަތްތައް ކަމަށެވެ.
''އަޅުގަނޑުމެން މިރަށުގެ ޓޫރިޒަމް ޒޯނުން ގެސްޓްހައުސް ތަރައްގީ ކުރަން 12 ބިމެއް އަދި ސިޓީ ހޮޓާ ތަރައްގީ ކުރަން 2 ބިމެއް މި ބީލަމަށް ހުޅުވާލަނީ، މިހާރު އެމްއޯޔޫގެ ޑްރާފްޓާއި، ބިޑް ޑޮކިއުމެންޓް ވެސް ޓޫރިޒަމް މިނިސްޓްރީއިން ވަނީ މިކޮޅަށް ފޮނުވާފައި، ކުރިއަށް މިއޮށް ހަފުތާއެއް ނޫނީ ލަސްވެގެން ދެ ހަފުތާއެއްހާ ދުވަސްތެރޭ މި ބިންތައް ބީލަމަށް ހުޅުވާލެވޭނެ''
ޣުފްރާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ކައުންސިލްގެ އަމާޒަކީ ކުރިއަށްއޮތް ދެ އަހަރެއްހާ ދުވަސްތެރޭގައި އެރަށުގައި ފަތުރުވެރިކަމުގެ 400 އެނދު ތަރައްގީ ކުރެވޭގޮތަށް ކަންކަން ފަހިކޮށް ދިނުން ކަމަށެވެ. އެކަމުގެ ސަބަބުން ކެލާ ރައްޔިތުންނަށް ތިޔާގިކަންލިބި، އުފާވެރި ދިރިއުޅުމެއް އުޅެވޭނެ މަގު ފަހިކޮށް ދިނުމަކީ އެ ކައުންސިލްގެ އެންމެ ބޮޑު ވިސްނުންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ 15 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓްރީއިން ވަނީ އެރަށު ތުނޑީ ސަރަހައްދުން 864،414 އަކަފޫޓުގެ ބިމާ އަދި އެބިމާ ގުޅުވައިގެން ފަތުރުވެރިކަމަށް ކަނޑައަޅާފައިވާ މޫދުގެ ސަރަޙައްދުގައި ޓޫރިސްޓް ހޮޓަލެއް ތަރައްޤީކުރަން ހުޅުވާލާފަ އެވެ. އެ ހޮޓާ ތަރައްގީ ކުރަން ތިން ފަރާތަކުން ކުރިމަތިލިއިރު، އެ މަޝްރޫޢު ހަވާލުކުރާނެ ފަރާތެއް ވެސް މިހާރު ވަނީ ކަނޑައަޅާފައި ކަމަށް މައުލޫމާތު ލިބެއެވެ.
މީގެ އިތުރުން ކެލާ ކައުންސިލުން އިއްޔެ ވަނީ އެ ކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތަށް އެރަށުގައި މެޑިކަލް ފެސިލިޓީއެއް ގާއިމްކޮށް ހިންގައި ދޭނެ ފަރާތެއް ހޯދަން ވެސް ޢިއުލާން ކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!