ކުޅުދުއްފުށި ސިޓީގެ ލޯކަލް ބަނދަރުގައި ހޮނިހިރު ދުވަހު އެލޯންގްސައިޑް ކޮށްގެން ކްރޭން ބޭނުން ކޮށްގެން މުދާ ނުބޭލޭނެ ވަގުތެއް ކަނޑައަޅައިފިއެވެ.
މިގޮތުން ކުޅުދުއްފުށީ ލޯކަލް ބަނދަރުގައި އެލޯންގްސައިޑްކޮށްގެން އަދި ކްރޭން ބޭނުންކޮށްގެން، މުދާ ބޭލުން ކޮންމެ ހޮނިހިރު ދުވަހެއްގެ ހެނދުނު 7:00 އިން މެންދުރު ފަހު 14:30 އަށް ވަނީ މަނާކޮށްފައެވެ.
މިކަމާއި ގުޅިގެން އެ ކައުންސިލުން ނެރެފައިވާ އިޢުލާނުގައި އިތުރަށް ބުނެފައިވަނީ ކުޅުދުއްފުށި ލޯކަލް ބަނދަރަކީ އަބަދުވެސް ކާރުބާރު ބޮޑު ބަނދަރަކަށްވެފައި، ކޮވިޑް-19 ރޯގާއާ ގުޅިގެން ކުޅުދުއްފުއްޓަށް ދުރުހިސާބުތަކުގެ ރަށްތަކުން އެކި ބޭނުންތަކަށް ޒިޔާރަތްކުރާ ފަރާތްތަކުގެ އަދަދު ވަނީ އިންތިހާއަށް އިތުރުވެފައި ކަމަށެވެ.
އަދި ބަނދަރުގެ އެންމެ ކާރުބާރުބޮޑު ހޮނިހިރު ދުވަހު، ކްރޭން ބޭނުންކޮށްގެން މުދާ ބޭލުމަކީ ނުރައްކާތެރި ހާދިސާއެއް ހިނގައިފާނެ ކަމަކަށް ކަމަށާއި، އަދި ކްރޭން ބޭނުންނުކޮށްވެސް އުޅަނދު އެލޯންގްސައިޑްކޮށްގެން މުދާ ބޭލުމަކީ ބަނދަރުގައި އުޅަނދު އެޅުމަށް އޮންނަ ޖާގަ ވަރަށް ބޮޑަށް ގެއްލޭކަމަކަށް ވުމާއިއެކު އެންމެންގެ ރައްކަލާއި ފަސޭހައަށްޓަކައި ބަނދަރު ބޭނުންކުރުމުގައި މި ގޮތަށް ޢަމަލު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ކުޅުދުއްފުއްޓަކީ ރާއްޖޭގެ އުތުރުން އެންމެ ގިނަ މީހުން އެއް ރަށަކަށް އެންމެ ގިނައިން ޚިދުމަތް ހޯދަންދާ އެއްރަށެވެ. ކޮންމެ ހަފުތާއެއްގެ ވެސް ހޮނިހިރު ދުވަހަކީ އެރަށު ލޯކަލް ބަނދަރަށް ވަރަށް ބާރުބޮޑުވާ ދުވަހެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!