ހއ. ކެލާ ކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތަށް އެރަށުގައި މެޑިކަލް ފެސިލިޓީއެއް ގާއިމްކޮށް ހިންގައި ދޭނެ ފަރާތެއް ހޯދަން ޢިއުލާން ކޮށްފިއެވެ.
މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 14 ފެބްރުއަރީ 2021 އިން 23 ފެބްރުއަރީ 2021 އަށް، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 14:00 އާއި ދެމެދު ކެލާ ކައުންސިލަށް ދިޔުމުން އެކަމަށްއެދި ރަޖިސްޓްރީ ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެ ކަމަށް އެ ކައުންސިލުން ބުނެއެވެ. އަދި ޕްރޮޕޯސަލް ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީކުރާ ފަރާތްތަކަށް ކަމަށް ވެސް އެ ކައުންސިލުން ވަނީ ބުނެފައެވެ.
ކެލާ ކައުންސިލުން ބުނީ އެރަށުގައި މެޑިކަލް ފެސިލިޓީއެއް ގާއިމްކޮށް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން 14 ފެބްރުއަރީ 2021ވާ އާދީއްތަ ދުވަހުގެ 13:00އަށް އެ ކައުންސިލަށް ގޮސް މަޢުލޫމާތު ސާފުކުރަން ހުޅުވާލާފައި ވާކަމަށެވެ. އަދި 16 މާރިޗް 2021 ވަނަ ދުވަހުގެ 13:00ގެ ނިޔަލަށް މިކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅުން ވެސް އެ ކައުންސިލުން ވަނީ ހުޅުވާލާފަ އެވެ.
ކެލާގައި މެޑިކަލް ފެސިލިޓީއެއް ގާއިމްކޮށް ހިންގައި ދޭނެ ފަރާތެއް ހޯދަން ޢިއުލާން ކުރުމާއިގުޅިގެން މައުލޫމާތު ހިއްސާކުރަށްވަމުން އެރަށު ކައުންސިލްގެ ރައީސް އާދަމް ޣުފްރާން ''ތިލަދުން''އަށް ވިދާޅުވީ، ކެލާގައި މެޑިކަލް ފެސިލީޓީއެއް ތަރައްގީކޮށް ހިންގުމަށް 30 ހާސް އަކަފޫޓްގެ ބިމެއް ކުއްޔަށް ދޫކުރަން ނިންމާފައިވާ ކަމަށެވެ.
''މިއީ މިރަށުގެ ރައްޔިތުންނާއި، އުތުރުގެ ރައްޔިތުންނަށް ވެސް ބޭނުންތެރި ތަނަކަށް ވެގެންދާނެ، އަޅުގަނޑުމެންގެ ވިސްނުމަކީ މިރަށުގައި ފެންވަރު ރަނގަޅު ހޮސްޕިޓަލެއް ތަރައްގީ ކުރެވި ރައްޔިތުންނަށް އެ ތަނުގެ ޚިދުމަތް ލިބޭނެ މަގު ފަހިވެގެން ދިޔުން، ސަރުކާރުން އުތުރުގެ އަތޮޅުތަކަށް ހައިސްޕީޑް ފެރީގެ ޚިދުމަތް ފަށަން ނިންމާފައިވުމާއެކު އުތުރުގެ ރައްޔިތުންނަށް ވެސް އެތަނުން ޚިދުމަތް ހޯދުން ފަސޭހަވެގެން ދާނެ، އަނެއްކޮޅުން މި ކައުންސިލްގެ އަމާޒަކީ ކުރިއަށް އޮތް ދެ އަހަރު ތެރޭގައި މިރަށުގައި ފަތުރުވެރިކަމުގެ 400 އެނދު ތަރައްގީ ކުރުން، މި ވެސް ހޮސްޕިޓަލެއް ބޭނުންވާ އިތުރު ސަބަބެއް''
ޣުފްރާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެ މެޑިކަލް ފެސިލިޓީގެ ސަބަބުން ރައްޔިތުން މިހާރު ބޭސްފަރުވާ ކުރުމަށް އުފުލަމުންދާ ތަކުލީފުތައް ކުޑަވެ، ރައްޔިތުންގެ ޖީބަށް ވެސް ލުއި ވެގެންދާނެ ކަމަށެވެ.
ޣުފްރާން ވިދާޅުވިގޮތުގައި އެ މެޑިކަލް ފެސިލިޓީގެ އަޅައި، ހިންގަން ބަޔަކާއި ހަވާލު ކުރަނީ 50 އަހަރުގެ މުއްދަތަކަށެވެ. އަދި އެ ފެސިލިޓީ ހިންގާ ބިމު ކުލި ކެލާ ކައުންސިލަށް ލިބޭގޮތަށް ހަމަޖައްސާފައިވާއިރު، އެ ބިމުން އަކަފޫޓަކަށް އެންމެ ކުޑަކޮށް ހުށަހެޅޭނެ އަގަކީ އަކަފޫޓަކަށް 50 ލާރިއެވެ.
ކެލާގައި މެޑިކަލް ފެސިލިޓީއެއް ގާއިމްކޮށް ހިންގައި ދޭނެ ފަރާތެއް ހޯދަން ޢިއުލާން ކުރިއިރު، އެ ރަށުގެ ތުނޑީގައި 200 އެނދުގެ ފަތުރުވެރިކަމުގެ ހޮޓަލެއް ތަރައްގީ ކުރުމަށް ހުޅުވާލައި، މިހާރު ވަނީ އެމަސައްކަތް ބަޔަކާއި ހަވާލު ކުރުމުގެ މަގުމަތީއެވެ.
ހަނިމާދޫ އިންޓަނެޝަނަލް އެއާޕޯޓާ އެންމެ 10 މޭލު ދުރުގައި އޮންނަ ކެލާ އަކީ ގުދުރަތީ މުއްސަނދިކަން ލިބިފައިވާ، ބޮޑުމިނުގައި 213 ހެކްޓަރު ހުންނަ ރަށެކެވެ. އެރަށުގައި މިހާރުވެސް ފަސް ގެސްޓްހައުސް އެއް ހިންގައެވެ.
ކެލާއަށް ވަނީ، މޯލްޑިވްސް ޓްރެވަލް އެވޯޑް 2017 ގެ ގެސްޓް ހައުސް އެޑިޝަންގެ "ލީޑިންގ ބީޗް އައިލަންޑް އެވޯޑު" ލިބިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!