މިއީ އަޒާންއެވެ. މިހާރު އަޒާންގެ އުމުރުން އަށް އަހަރެވެ. އަޒާންގެ ބައްޕައަކީ ހދ.ނޭކުރެންދޫއަށް ނިސްބަތްވާ މީހެކެވެ. ނަމަކީ މުޙައްމަދު ވަހީދެވެ. އަޒާންގެ މަންމައަކީ ހދ.ކުރިނބީއަށް ނިސްބްތަވާ މީހެކެވެ. ނަމަކީ މަރިޔަމް ފަރުޒާންއެވެ.
އަޒާންއަކީ މި ދެމަފިރިންގެ ހުރި ހަމައެކަނި ދަރިފުޅެވެ. އުމުރުން ދެ އަހަރުގައި ފާހަގަ ކުރެވުނު ސިއްހީ މައްސަލައަކަށް ފަހު ފާއިތުވި ހަ އަހަރު ދުވަހު ވެސް އަޒާން އުޅެމުންދަނީ ވަރަށް ވޭނީ ދުނިޔެއެއްގައެވެ. ކިޑްނީއަށް ފަރުވާ ކުރުމުގައެވެ.
އަޒާންގެ ބަލިހާލަތު ތިލަދުން ނޫހާ ހިއްސާކުރަމުން، އަޒާންގެ ބައްޕަ ބުނެފައިވަނީ ދަރިފުޅުގެ އުމުރުން ދެ އަހަރުގައި އެއް ލޮލުގެ ކައިރި ދުޅަވެގެން ޑޮކްޓަރަށް ދެއްކި ކަމަށެވެ. ކުޅުދުއްފުށީ ހޮސްޕިޓަލަށް ދެއްކުމުން ލޮލަށް އެއްޗެއް އެޅުމުގެ ސަބަބުން ދިމާވެފައިވާ ކަމެއްކަމަށް ލަފާކޮށް، ލޮލަށް އަޅާނެ ބޭސް ދިނުމަށް ފަހު ފޮނުވާލި ކަމަށެވެ.
އޭގެފަހުން އަޒާންގެ އަނެއް ލޯވެސް ދުޅަވާން ފެށިއެވެ. ލޮލުގެ އިތުރުން ބަނޑު ވެސް ފުއްޕާ މުޅި ހަށިގަނޑުން ދުޅައިގެ އަސަރު ފެންނަން ފެށިއެވެ. އެ ހިސާބުން ކުޅުދުއްފުށީ ހޮސްޕިޓަލަށް އަނެއްކާ ވެސް ދެއްކިއެވެ. އެ ހޮސްޕިޓަލުގެ ލަފަޔާއިއެކު އަޒާން މާލެ ގެނެސް އޭޑީކޭ ހޮސްޕިޓަލަށް ދެއްކިއެވެ. އެ ހޮސްޕިޓަލުން ޓެސްޓުތަކެއް ހެދުމަށް ފަހު އަޒާންގެ އެއް ކިޑްނީގައި މައްސަލައުޅޭ ކަމުގައި ވަނީ ބުނެފައެވެ. ބޭސް ބޭނުން ކުރުމުން ކިޑްނީގައި އެ ހުރި މައްސަލަ ރަނގަޅުވާނެ ކަމަށް ނިންމައި ހޮސްޕިޓަލުން ތިން މަސްދުބަހުގެ ބޭސް އަޒާންއަށް ދިނުމަށް ފަހު ދޫކޮށްލިއެވެ.
އަޒާން ގޮވައިގެން، އަޒާންގެ މަންމައާއި ބައްޕަ އެނބުރި ރަށަށް އައިސް ބޭސް ބޭނުން ކުރަންފެށިތާ ދެވަނަ ދުވަހެވެ. އަޒާންގެ ހާލަތު އިހުނަށްވުރެ ގޯސްވިއެވެ. އަޒާން އެއްކޮށް ދުޅަވިއެވެ. ވަގުތުން ފުރައިގެން އަޒާން ގޮވައިގެން އައީ މާލެއެވެ. މާލެ އައިސް މި ފަހަރު އަޒާން ދެއްކީ އައިޖީއެމްއެޗް ހޮސްޕިޓަލަށެވެ.
އައިޖީއެމްއެޗަށް އައިސް ޑޮކްޓަރަށް ދައްކައި ފަރުވާ ފެށުމުން އަޒާންގެ ބަލި ހާލަތަށް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބިގެންދިޔައެވެ. ނަމަވެސް އެ ދުވަހުން ފެށިގެން އަޒާން ގޮވައިގެން އިންޑިއާއަށް ޑޮކްޓަރަށް ދެއްކުމަށް ދިއުމަށް އަޒާންގެ ބައްޕަ ވަނީ މަސައްކަތް ފަށާފައެވެ. އަމިއްލަ ގޮތުން ދެވޭ ވަރުގެ ތަނަވަސްކަން ނެތުމުން އާސަންދަ މެދުވެރިކޮށް އެކަން ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް އެ ބައްޔަކީ ރާއްޖެއިން ފަރުވާ ކުރެވޭ ބައްޔެއްކަމަށް ޑޮކްޓަރުން ވެސް ނިންމުމުގެ ސަބަބުން އާސަންދަ ހަމަޖެއްސުމަށް ބޭނުންވާ ޑޮކްޓަރުގެ ލިޔުން އެ ދުވަހު އަޒާންއަށް ވަނީ ލިބޭގޮތް ނުވެފައެވެ.
އަޒާން އެނބުރި ރަށަށް ދިޔައީ ހާލަތު ކޮންމެވެސް ވަރަކަށް ރަނގަޅު ވުމުންނެވެ. ޑޮކްޓަރުންގެ ލަފަޔާއި އެކުގައެވެ. އުމުރުން ދެ އަހަރުން ފެށިގެން އަޒާންގެ އުމުރުން ހަ އަހަރާއި ހަމައަށް ކޮންމެ މަހަކު އެއްފަހަރު، ނުވަތަ މަހަކު ދެ ފަހަރު އަޒާން މާލެ ގެންގޮސް ޓެސްޓް ހަދައި ހާލަތު ބަލަމުން ގެންދަނިކޮށް އަޒާންގެ ހާލަތު ވަރަށް ބޮޑަށް ދަށަށް ދިޔައެވެ. އައިޖީއެމްއެޗަށް ޑޮކްޓަރަށް ދެއްކުމުން އެއް ކިޑްނީ ފެއިލްވެފައިވާ ކަމުގައި ވަނީ ބުނެފައެވެ. އެ ހިސާބުން އާސަންދަ ހަމަޖެހި އަޒާންއަށް ފުރައިގެން އިންޑިއާއަށް ދިއުމުގެ އިންތިޒާމް ވަނީ ހަމަޖިހެގެން ގޮސްފައެވެ. އިންޑިއާއަށް ފުރައިގެން ދިޔައިރު އަޒާންގެ ހާލު ވަރަށް ބޮޑުވިއެވެ. އިނޑިއާގެ ބެންގަލޫރުގައި ހުންނަ އެންޔޫ ހޮސްޕިޓަލަށް ގެންދިއުމަށް ފަހު ވަގުތުން ފަރުވާދޭން ފެށިއެވެ. އެ ހޮސްޕިޓަލުގެ ޑޮކްޓަރުން މަޢުލޫމާތު ދިން ގޮތުގައި އަޒާންގެ އެއް ކިޑްނީ ވަނީ ހުއްޓިފައެވެ. އަނެއް ކިޑްނީގެ ވެސް ހާލަތު ދަށެވެ.
އިންޑިއާގައި ދެ މަސްދުވަހުގެ ފަރުވާއަށް ފަހު އެނބުރި ޤައުމަށް އައީ ދެ ކިޑްނީގެ ހާލަތު ކޮންމެވެސް ވަރަކަށް ރަނގަޅު ވުމުންނެވެ. އެނބުރި ޤަޢުމަށް އައި ނަމަވެސް ފަރުވާއަކަށް ހުއްޓުމެއް ނާދެއެވެ. ކޮންމެ މަހަކު މާލެ އައިސް ޓެސްޓް ހަދައި އެކިއެކި ޑޮކްޓަރުންނަށް ދައްކަމުން ގެންދިޔައެވެ. އޭގެ ދުވަސްތަކެއް ފަހުން އަނެއްކާ އެނބުރި އިންޑިއާއަށް ދިޔައެވެ. އޭރުވެސް އަޒާންގެ ކިޑްނީގެ ހާލަތު މާ ގޯސް ނޫންކަމަށް ޑޮކްޓަރުން ލަފާދިނެވެ.
ނަމަވެސް ހާލަތު އައީ އުންމީދުކުރި ގޮތަކަށް ނޫނެވެ. އަޒާންގެ އުމުރުން އަށް އަހަރަށް ފޯރިއިރު އަޒާންގެ ދެ ކިޑްނީގެ ހާލަތު ވީ އިތުރަށް ގޯހެވެ. މިހާރު ހުރިހައި ޑޮކްޓަރުން ވެސް ދެނީ އެންމެ ލަފައެކެވެ. އަޒާންގެ ކިޑްނީ ބަދަލުކުރުމަށެވެ.
ފާއިތުވި ހަ އަހަރު ދުވަހު މިފަދަ ހާލަތެއްގައި އުޅެން ޖެހުނު ނަމަވެސް އަޒާންގެ މަންމަ އަދި ބައްޕަގެ ހިތްވަރަކަށް ބަދަލެއް ނާދެއެވެ. ނަމަވެސް ދިގުމުއްދަތެއްގައި މިފަދަ ހާލަތެއްގައި އުޅެން ޖެހުމުން މާލީ ގޮތުން އެ އާއިލާއަށް ވަނީ އިންތިހާއަށް ދަތިކަމާއި ކުރިމަތިލާން ޖެހިފައެވެ.
އަޒާނަށް އެހީތެރިކަމެއް ފޯރުކޮށްދެއްވާ؟
Help AZAAN!Posted by Ahmed Wajeeh on Monday, January 18, 2021
އަޒާންއަށް ކިޑްނީ ހަދިޔާ ކުރުމަށް އަޒާންގެ ބައްޕަ ވެސް އަޒާންގެ މަންމަ ވެސް ހުރީ ތައްޔާރަށެވެ. ބޭނުންވަނީ މާލީގޮތުން އެކަން ކުރުމަށް ބޭނުންވާ ތަނަވަސް ކަމެވެ. ފައިސާ ހަމަޖެހުނުހާ އަވަހަކަށް އަޒާން ގޮވައިގެން ކިޑްނީ ޓްރާންސްޕްލާންޓް ކުރުމަށް ފުރަން އަޒާންގެ އާއިލާއިން މިހާރު ވެސް ތިބީ ފޮށިތަނމަތި ތައްޔާރު ކޮށްގެންނެވެ.
މިފަދަ ދަތި ހާލަތުގައިވާ ފަރާތްތަކަށް އެހީތެރި ވުމަކީ އުފަލަކަށް ހަދަމާ ހިނގާށެވެ.
އަޒާންއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް:
ބީއެމްއެލް އެކައުންޓް ނަމްބަރ: 7730000036586
އެކައުންޓް ނަން: Mohammed Waheed
އިތުރު މަޢުލޫމާތު: 9705056 (މުޙައްމަދު ވަހީދު/ އަޒާންގެ ބައްޕަ)
ތިލަދުންއިން ގެނެސްދެމުންދާ އެހީ ރިޕޯޓްތަކަށް އެހީތެރިވުމަށް އެ އާއިލާއާ ގުޅުއްވައިގެން އެހީގެ ކަންކަން ކުރިއަށް ގެންދެވުން އެދެމެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!