ށ. އަތޮޅު ހޮސްޕިޓަލުގައި ވޭތުވި ދެމަހެއްހާ ދުވަސްތެރޭގައި ކާމިޔާބު ކަމާއިއެކު ތައިރޮއިޑްގެ 7 އޮޕަރޭޝަންއެއް ކޮށްފިއެވެ.
ށ. އަތޮޅު ފުނަދޫގައި ހުންނަ، އެ ހޮސްޕިޓަލުން މިއަދު ވިދާޅުވީ، ވޭތުވި ދެ މަސްދުވަހުގެ ތެރޭގައި ތައިރޮއިޑްގެ 7 އޮޕަރޭޝަންއެއް އެ ހޮސްޕިޓަލުން ކޮށްފައިވާނެ ކަމަށާއި، މިއީ މިހާ ކުރު މުއްދަތެއްގެ ތެރޭގައި އަތޮޅު ހޮސްޕިޓަލަކުން މިފަދަ ބޮޑެތި އޮޕަރޭޝަންތަކެއްކުރި ފުރަތަމަ ފަހަރުކަމަށެވެ.
ފުނަދޫ ހޮސްޕިޓަލުން މިހޯދި ކާމިޔާބާއި ގުޅިގެން އެ ހޮސްޕިޓަލްގެ މެނޭޖަރު އަޙްމަދު ޒުމްރަތު ''ތިލަދުން'' އަށް ވިދާޅުވީ ހުސްވި 2020 ވަނަ އަހަރުގެ ނޮވެމްބަރު އެ ހޮސްޕިޓަލްގައި ކާމިޔާބު ތައިރޮއިޑްގެ ބޮޑު އޮޕަރޭޝަންއެއް ކުރިފަހުން އެ ހޮސްޕިޓަލަށް އެ އޮޕަރޭޝަން ކުރުމަށް އަންނަ މީހުންގެ ޢަދަދު އިތުރުވެ، ރައްޔިތުންގެ އިތުބާރު ލިބިފައިވާ ކަމަށެވެ.
''ވޭތުވި ދެމަހެއްހާ ދުވަސްތެރޭ މި ހޮސްޕިޓަލްގައި މިވަނީ ކާމިޔާބު ތައިރޮއިޑްގެ 7 އޮޕަރޭޝަންއެއް ކޮށްފައި، މިހާރު ވެސް ފަސް އޮޕަރޭޝަނެއް ކުރުމަށް ވަނީ ވެއިޓިން ލިސްޓްގައި، މި ނޫންވެސް އޮޕަރޭޝަންތައް ކުރުމަށް މި ހޮސްޕިޓަލަށް އަންނަ ރައްޔިތުންގެ ޢަދަދު އިތުރުވެގެން ގޮސްފައިވާކަން ފާހަގަކުރެވޭ، އަޅުގަނޑުމެން މަސައްކަތް މިކުރަނީ ލިބިހުރި ވަސީލަތްތަކުން ވީހާވެސް ރަނގަޅަކަށް ރައްޔިތުންނަށް ހިދުމަތް ފޯރުކޮށް ދެވޭތޯ''
ޒުމްރަތު ވިދާޅުވިއެވެ.
ޒުމްރަތު ވިދާޅުވީ، މި ކާމިޔާބީއަކީ އެ ހޮސްޕިޓަލުގެ ޑޮކްޓަރުންނާއި، ނަރުހުންގެ ޓީމުގެ ވަރަށް ބުރަ މަސައްކަތެއްކަމަށާއި، އެ ކާމިޔާބީގެ ފަހަތުގައި މުޅި ހޮސްޕިޓަލްގެ ހީވާގި މުވައްޒަފުންގެ މަސައްކަތާއި، ގުޅުން ޝާމިލްވާކަމަށެވެ.
''ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން އަތޮޅުތެރޭގެ ސިއްހީ ނިޒާމު ލާމަރުކަޒު ކުރެވެގެން ދިޔުމަކީ އަދިވެސް އޭގެ ހެޔޮނަތީޖާ ރަށްފުށުގެ ރައްޔިތުންނަށް ލިބޭނެ ކަމެއް، އެ މަސައްކަތް އަވަސްވެގެން ދިޔުމަކީ ވަރަށްބޮޑު އުންމީދެއް''
ޒުމްރަތު އިތުރަށް ވިދާޅުވިއެވެ.
ށ. އަތޮޅު ހޮސްޕިޓަލުގައި ވޭތުވި ދެމަހެއްހާ ދުވަސްތެރޭގައި ކާމިޔާބު ކަމާއިއެކު ތައިރޮއިޑްގެ 7 އޮޕަރޭޝަންއެއް ކޮށްފައިވާއިރު، ފަހަކަށް އައިސް، އުތުރުގެ ގިނަ ހޮސްޕިޓަލުން އަންނަނީ ފާހަގަ ކުރެވޭ ފަދަ ބޮޑެތި ކާމިޔާބު އޮޕަރޭޝަންތައް ކުރަމުންނެވެ. ށ. އަތޮޅު ހޮސްޕިޓަލުގެ އިތުރުން، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ފަހަކަށް އައިސް ހޯދަމުން އަންނަ ކާމިޔާބީއާއި ކުރިއެރުން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!