ިއިންތިޚާބެއްގެ ވޯޓުލާ ދުވަހާ ހަމަޔަށް ޢުމުރުން 18 އަހަރުފުރޭ އެންމެންގެ ނަން ވޯޓުލާ މީހުންގެ ލިސްޓުގައި އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.
ހަބީބު މިހެން ވިދާޅުވީ އިއްޔެ ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ 2021 ވަނަ އަހަރުގެ ދައުރުން ބޭރުގައި ބާއްވާ ދެވަނަ ޚާއްޞަ ޖަލްސާގައި ބައެއް މެންބަރުން ދެއްކެވި ވާހަކައާއި ގުޅިގެން ނޫހަކުން ގެނެސްދީފައިވާ ޚަބަރެއް ހިއްސާކުރަށްވަމުން ކުރެއްވި ޓުވީޓެއްގައެވެ.
''ފަހުން 18 އަހަރު ފުރުނު ޒުވާނުންނަށް ވޯޓުލެވެން ޖެހޭ: މެމްބަރުން'' މި ސުރުޚީގެ ދަށުން ގެނެސްދީފައިވާ އެ ޚަބަރު ހިއްސާ ކުރައްވަމުން ހަބީބު ވިދާޅުވީ، އިންތިޚާބެއްގެ ވޯޓުލާ ދުވަހާ ހަމަޔަށް ޢުމުރުން 18 އަހަރުފުރޭ އެންމެންގެ ނަން ވޯޓުލާ މީހުންގެ ލިސްޓުގައި އޮންނާނެ ކަމަށެވެ.
''އިންތިޚާބެއްގެ ވޯޓުލާ ދުވަހާ ހަމަޔަށް ޢުމުރުން 18 އަހަރުފުރޭ އެންމެންގެ ނަން ވޯޓުލާ މީހުންގެ ލިސްޓުގައި އޮންނާނެ. ދެވަނަ ބުރަކަށް ދާނަމަ، ދެވަނަ ބުރުގެ ވޯޓުލާ ދުވަހަށް 18 ފުރޭ މީހުންވެސް ލިސްޓުގައި ހިމެނޭނެ''
މަޑުއްވަރީ ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޕީޖީ ލީޑަރ އާދަމް ޝަރީފާއި، އިލެކްޝަންސް ކޮމިޝަނާއި އަދި ރައްޔިތުން މަޖިލިސް ޓެގް ކުރަށްވާފައިވާ އެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.
އިއްޔެ ކުރިއަށް ދިޔަ މަޖިލިސްގެ ޖަލްސާގައި އެ މައުލޫއަށް ވާހަކަ ދައްކަވަމުން މެމްބަރު އާދަމް ޝަރީފް ވިދާޅުވީ، ފަހުން 18 އަހަރު ފުރުނު ޒުވާނުންނާ އެކު، ވޯޓާސް ލިސްޓުގެ ސައްހަކަން އަލުން ކަށަވަރު ކުރަން ޖެހޭނެ ކަމަށެވެ. އެކަމަށް އެކަށީގެންވާ ވަގުތު ލިބެން ޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމު ވެސް ވިދާޅުވީ ވޯޓުލާ ދުވަހާ ހަމައަށް އުމުރުން 18 އަހަރު ފުރޭ ކޮންމެ މީހަކަށް ވޯޓުލެވެން ޖެހޭ ކަަމަށް ގަބޫލުކުރައްވާ ކަމަށާއި އެ މައްސަލަ (އަމިއްލަ ފަރާތަކުން) މިހާރު ހައި ކޯޓަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވީ އެ ފުރުސަތު ލިބޭނެކަން ޔަގީންވެވަޑައިގަންނަވާ ކަމަށެވެ.
އިއްޔެގެ ޖަލްސާގައި ވަނީ ލޯކަލް ކައުންސިލް އިންތިޚާބުގެ ޚާއްސަ ޤާނޫނަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެންބަރު، ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގެ މުޤައްރިރު އަދި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒު ހުށަހަޅުއްވާފައިވާ އެ ބިލު ބަލައިގަތުމުގެ ވޯޓުގައި ބައިވެރިވި 39 މެމްބަރުންގެ ވޯޓާއެކު ބަލައިގަނެ، ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމީޓީއަށް ފޮނުވާފަ އެވެ.
ކައުންސިލް އިންތިޚާބު ބޭއްވުމުގެ 45 ދުވަސް ކުރިން ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އާންމު ކުރަންވާނެ ކަމަށް އިންތިޚާބާ ބެހޭ ޤާނޫނުގައި ބުނެފައިވާއިރު، މިހާރު މަޖިލިސްގައި މަސައްކަތް ކުރިއަށްދާ ބިލުގައި އެ މުއްދަތު ވަނީ 30 ދުވަހަށް ކުޑަކޮށްފައެވެ. އަދި ވޯޓާސް ލިސްޓު އާންމުކުރުމާއެކު ޝަކުވާ ހުޅުހެޅުމަށް މިހާރު 10 ދުވަސް އޮތް ނަމަވެސް، އެ މުއްދަތު ފަސް ދުވަހަށް ކުޑަކުރުމަށް ބިލުގައި ވަނީ ހިމަނާފައެވެ.
ހުށަހެޅޭ ޝަކުވާއަކާ މެދު ފަސް ދުވަސް ތެރޭ ގޮތެއް ނިންމުމަށް އިންތިޚާބާ ބެހޭ ޤާނޫނުގައި ބުނެފައިވާއިރު އެ މުއްދަތު ތިން ދުވަހަށް ކުޑަކުރުމަށް ވެސް މިހާރު މަޖިލިސްގައި މަސައްކަތް ކުރިއަށްދާ ބިލުގައި ވަނީ ހިމަނާފައެވެ. ވޯޓާސް ލިސްޓަށް ހުށަހެޅޭ ޝަކުވާއަކާ ގުޅިގެން ކޮމިޝަނުން ނިންމާ ނިމުމެއްގެ މައްސަލަ ހައި ކޯޓަށް ފަސް ދުވަސް ތެރޭ ހުށަހަަޅަން ޖެހޭއިރު، އެ މުއްދަތު ތިން ދުވަހަށް ވަނީ ކުޑަކުރުމަށް ހުށަހަޅާފައެވެ. އަދި 15 ދުވަސް ތެރޭ އެ މައްސަލައަކާ މެދު ހައި ކޯޓުން ގޮތެއް ނިންމަން ޖެހޭއިރު، އެ މުއްދަތުވެސް ވަނީ ހަތް ދުވަހަށް ކުޑަކޮށްފައެވެ.
ކޯވިޑް-19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު އަންނަ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން އިތުރުކޮށްފައިވާއިރު، އެހާލަތު އިތުރުކުރުމުން ގާނޫނީ ޖާގަނެތުމުން އޭޕްރިލްމަހު ބާއްވަން ނިންމި ކައުންސިލްތަކުގެ އިންތިޚާބު އެ މަހު ނުބޭއްވޭނެކަމަށް އީސީއިން ވަނީ ބުނެފައެވެ.
އެންމެފަހުން އީސީއިން ބުނެފައިވާގޮތުން ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުތައް އަންނަ އޭޕްރީލް މަހުގެ ތިންވަނަ ދުވަހު ބޭއްވުމަށް ވަނީ ތާވަލު ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!