9. ޤުރްއާނުގައިވާ އަޚްލާޤީ ރިވެތި ސިފަތަކުގެ ވާހަކަތައް އުނގެނި، ކުދިންނަށް ކިޔައިދޭށެވެ.

އިސްލާމީ އަޚްލާޤުގެ އުސޫލުތައް ނެގިފައިވަނީވެސް ކީރިތި ޤުރްއާނުންނެވެ. ހަމައެހެންމެ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޚުލުޤުފުޅާ ބެހޭގޮތުން ޢާއިޝާ ރަޟިޔަﷲ ޢަންހާއާ ސުވާލު ދެންނެވުމުން އެކަމަނާގެ ޖަވާބަކަށްވެސް ވީ: ((كَانَ خُلُقُهُ الْقُرْآنَ)) އެވެ.

Ad
rt

މާނަ: " އެކަލޭގެފާނުގެ ޚުލުޤުފުޅަކީ ޤުރްއާނެވެ. "

ޤުރްއާނުގައިވާ އާޔަތްތައް ކުދިންނަށް ކިޔައިދީ އެއާޔަތްތަކުން ލިބޭ އަޚްލާޤީ ފައިދާތައް ކުދިންނަށް ކިޔައިދިނުމުން، ކުދިންގެ އަޚްލާޤަށްވެސް އެދެވޭ ބަދަލުތައް އައިސް އެކުދިންގެ ހިތުގައި ޤުރްއާނަށް ޝައުޤުވެރިކަން އުފެދުމާއެކު އިސްލާމީ ރިވެތި އަޚްލާޤުން ޒީނަތްތެރިވެފައިވާ އަޚްލާޤު ރަނގަޅު، މުރުއްވަތްތެރި ޖީލެއް ބިނާކުރުމަށް މަގުފަހި ވެގެންދާނެއެވެ.

ޢަރަބި ބަސް ނޭގޭ ކަމަށް ވާނަމަ، ވަގުތު ކޮޅެއް ހޯދައިގެން ކޮންމެ ދުވަހަކުވެސް ޤުރްއާނުގެ ކޮންމެވެސް މިންވަރެއްގެ މާނަ ތިމާ ދަންނަ ބަހަކުން ކިޔާލާށެވެ. އޭރުން ޤުރްއާނުގައިވާ ވާހަކަތައް ދެނެގަނެވި، މިދެންނެވުނު ފަދަ އަޚުލާޤީ ސިފަތައްވެސް ދެނެގަނެ، ދަރިންނަށް އެފަދަ ވާހަކަތައް ކިޔައިދޭން ފަސޭހަ ވެގެންދާނެއެވެ.

10. ޤުރްއާން އަޑުއެހުމަށާއި ހިތުދަސްކުރުމުގެ މާތްކަމާ ބެހޭގޮތުން ޝައުޤުވެރި ގޮތްގޮތަށް ކުދިންނާ ވާހަކަދެއްކުން. އެގޮތުން ޤުރްއާން ހިތުދަސްކުރާ ކުއްޖަކަށް ލިބޭނޭ މަތިވެރި ދަރުމައާއި ޘަވާބުގެ ވާހަކަ ކުދިންގާތު ބުނެވިދާނެއެވެ. ފަހެ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘް ބަސްފުޅެއްގައި ވެއެވެ:

((مَثَلُ الَّذِي يَقْرَأُ الْقُرْآنَ وَهُوَ حَافِظٌ لَهُ مَعَ السَّفَرَةِ الْكِرَامِ الْبَرَرَةِ))(1)

މާނާ: "ޤުރްއާން ހިތުދަސްކޮށްފައިވާ ޙާލު، ޤުރްއާން ކިޔަވާ މީހާ ވާނީ ﷲ ތައާލާ އާއި އެންމެ ކުއްތަން ކުރެވި، އަރިސްކުރެވިގެންވާ މަލާއިކަތް ބޭކަލުންނާއި އެކީގައެވެ."

އަދިވެސް އެކަލޭގެފާނު ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރައްވާފައި ވެއެވެ:

((إِنَّ اللَّهَ يَرْفَعُ بِهَذَا الْكِتَابِ أَقْوَامًا وَيَضَعُ بِهِ آخَرِينَ))(2)

މާނަ: "ހަމަކަށަވަރުން ﷲ މިފޮތުން (އެބަހީ: ޤުރްއާންމެދުވެރިކުރައްވައި) އެއްބަޔަކު މަތިވެރި ކުރައްވައެވެ. އަދި ހަމަ (އެޤުރްއާން މެދުވެރިކުރައްވައި) އަނެއްބަޔަކު ނިކަމެތި ކުރައްވައެވެ."

11. ޤުރްއާން ހިދުދަސްކުރާ ކުއްޖެއްގެ މައިންބަފައިންނަށް ލިބޭނޭ ދަރުމައާއި ޘަވާބުގެ ވާހަކަތައް ދެނެގަނެ، އެކަންކަމަކީ ދަރިން ގެ ހިތުގައި ޤުރްއާނަށް ލޯބި ޖެއްސުމަށް އިތުރަށް މަސައްކަތްކުރުމަށް ހިތްވަރެއް ކަމުގައި ހަދާށެވެ. ފަހެ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ވަސައްލަމްގެ ޙަދީޘް ބަސްފުޅެއްގައި ވެއެވެ:

((مَن قَرَأَ القُرآنَ وَتَعَلَّمَ وَعَمِلَ بِهِ أُلْبِسَ وَالِدَاهُ يَومَ القِيَامَةِ تَاجًا مِن نُورٍ ضَوءُهُ مِثلُ الشَّمْسِ وَيُكسَى وَالِدَاه حُلَّتَيْن لَا يَقُومُ لَهُمَا الدُّنيَا فَيَقُولَانِ بِمَ كُسِينَا هَذَا فَيُقَالُ بِأَخْذِ وَلَدِكُمَا القُرْآنَ))(3)

މާނަ: "ޤުރްއާން ކިޔަވައި، ދަސްކޮށް، އެއުނގަންނައިދީ، އޭގައި ވާއެއްޗަކަށް ޢަމަލު ކުރާ މީހާގެ މައިންބަފައިންގެ ބޮލުގައި ޤިޔާމަތްދުވަހު ނޫރުން ވާ ތާޖެއް އެޅުވޭނެއެވެ. އޭގެ އަލިކަން އިރުގެ އަލިކަން ފަދައެވެ. އަދި އެހެދުމެއް، މުޅި މިދުނިޔެއާ އަޅާނުކިޔޭ ވަރުގެ (އަގުހުރި) ހެދުމެއް އެދެމީހުން ގައިގައި ލެއްވޭނެއެވެ. އެހިނދު އެދެމީހުން ބުނާނެއެވެ. އަހަރެމެން ގައިގައި މިހެދުން ލެއްވުނީ ކޮން ސަބަބަކާހުރެތޯއެވެ؟ އެހިނދު ދެންނެވޭނެއެވެ. އެއީ ތިޔަދެމީހުންގެ ދަރިފުޅު ޤުރްއާނުން ހިފައިގަތް (ކިޔަވައި، ހިތުދަސްކޮށް، އުނގަންނައިދީ، އެއަށް ޢަމަލުކުރި) އެއްޗެއްގެ ސަބަބުންނެވެ."

ކޮންފަދަ މަތިވެރި މަޤާމެއްއް ތޯއެވެ! އަދި މިފަދަ ވާހަކަތައް ކުދިންނަށް ކިޔައިދީ، ޤިޔާމަތް ދުވަހުގައި، އެކުދިންގެ މަންމައާއި ބައްޕައަކީ ބޮލުގައި ތާޖެއް އެޅުވިފައިވާ ބަޔަކަށް ހެދުމަށްޓަކައިވެސް ޤުރްއާނަށް އިތުރު އަހަންމިއްޔަތުކަމެއްދީ، ޤުރްއާން ހިތުދަސްކުރުމަށް އިތުރަށް މަސައްކަތް ކުރުމަށް ކުދިންނަށް ވިސްނައިދޭށެވެ އަދި ކުދިން ޤުރްއާން ހިތުދަސްކުރުމުން އެކުދިންގެ މައިންބަފައިންގެ ބޮލުގައި ތާޖު އެޅުވި، އެފަދަ މަތިވެރި މަޤާމަކަށް އިސް ކުރެވޭއިރު، އެދުވަހުން އެކުދިންގެ މަޤާމް ވާނީ ކިހާމަތީގައި ކަން އެކުދިންނަށް ވިސްނައިދީ ތަސައްވަރު ކޮށްދޭށެވެ.

ވަރަށް ކުރާހިތުން ޤުރްއާން ހިތުދަސްކުރާ ބައެއްކަމުގައި އެކުދިންވެ، ޤުރްއާނަށް ހިތުގައި ބޮޑު ލޮތްބެއް އުފެދިފައިވާ ބައެއް އެކުދިން ވެގެންދާނެއެވެ.

(ނިމުނީ)

(1) البخاري (4937)

(2)المسلم (817)

(3) الحاكم ( 2086 )