ހދ. ނޮޅިވަރަންފަރު ސްކޫލްގެ ދިވެހި ނަސްލުގެ މުވައްޒަފުން އެ ސްކޫލަށް ޓީވީ ހަދިޔާ ކޮށްފިއެވެ.

މިގޮތުން އެ ސްކޫލްގެ ދިވެހި ނަސްލަށް ނިސްބަތްވާ މުވައްޒަފުންގެ ފަރާތުން ޓީވީއެއް ހަދިޔާކޮށްފައިވާއިރު، އެ ސްކޫލްގެ ސީނިއާ މެނޭޖްމަންޓާއި، އެޑްމިންނާއި، ޓެކްނިކަލް ސްޓާފުންނާއި އަދި ސަޕޯޓް ސްޓާފުން ގުޅިގެން ވެސް ވަނީ ޓީވީއެއް ހަދިޔާކޮށްފައެވެ. މި 2 ޓީވީއަކީ ވެސް 55 އިންޗީގެ ދެ ޓީވީއެވެ.

Ad
rt

ނޮޅިވަރަންފަރު ސްކޫލްގެ ދިވެހި ނަސްލުގެ މުވައްޒަފުން އެ ސްކޫލަށް 2 ޓީވީ ހަދިޔާ ކޮށްފައި ވަނީ، 2013 އަދި 2014 ވަނަ އަހަރު އެ ސްކޫލްގެ ކްލާސްރޫމްތައް ޑިޖިޓަލް ކުރެވުނު ނަމަވެސް އޭގެ ތެރެއިން 6 ކްލާސްރޫމެއްގެ ޓީވީތައް ހަލާކުވެފައި ވުމުގުގެ ސަބަބުން އެ ސްކޫލްގެ މުދައްރިސުން އެ ކަމާއި ގުޅިގެން އުފުލަމުންދާ ދަތިތައް ހައްލު ކުރުމުގެ ގޮތުން ކަމަށް އެ ސްކޫލުން މައުލޫމާތު ދެއްވައެވެ.

އެ ސްކޫލްގެ ޕްރިންސިޕަލް ޢަލީ އަޙްމަދު ''ތިލަދުން''އަށް ވިދާޅުވީ، އެ ޓީވީތައް ހަލާކުވެ، ބޭނުން ނުކުރެވި ހުންނަތާ އަހަރެއްހާ ދުވަސް މިހާރު ވޭތުވެފައިވާ ކަމަށެވެ.

''ސްކޫލްގެ ދިވެހި ނަސްލު މުދައްރިސުން އިސްނަގައިގެން ފުރަތަމަ ޓީވީ ހަދިޔާ ކުރީ، އޭގެފަހުން ސްކޫލްގެ އެހެން މުވައްޒަފުން ވެސް މިވަނީ ޓީވީއެއް ހަދިޔާކޮށްފައި، މީ ފެށުމެއް، މުދައްރިސުން އިސްނަގައިގެން މިކަން ފެށީތީ އުފާކުރަން، ހަމަ އެހެންމެ އޭގެ ފަހަތުން ސްކޫލްގެ ދެންތިބި މުވައްޒަފުން ދެއްކި ނަމޫނާ ވެސް ފާހަގަކޮށްލަން''

ޢަލީ ވިދާޅުވިއެވެ.

ނޮޅިވަރަންފަރު ސްކޫލްގެ ދިވެހި ނަސްލުގެ މުދައްރިސުން ޓީވީ ހަދިޔާ ކުރަނީ، ފޮޓޯ: ނޮޅިވަރަންފަރު ސްކޫލް

ޢަލީ ވިދާޅުވީ، އެ ސްކޫލްގެ ޑިޖިޓަލް ޕްރޮގްރާމްގެ ދަށުން ކްލާސް ރޫމުތަކުގައި ހަރުކުރި 6 ޓީވީއެއް 6 ކްލާސް ރޫމަކުން ހަލާކުވެފައި ވާކަމަށެވެ. އަދި މަސައްކަތްކޮށް އެ ޓީވީތައް ހަދައިގެން ބޭނުން ކުރެވޭވަރު ނުވިކަމަށް ޢަލީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މަވުގުތަށް އެ ސްކޫލަށް ބޭނުންވާ 4 ޓީވީ ތެރެއިން 2 ޓީވީ މުވައްޒަފުން ހަދިޔާ ކުރެއްވުމުން، ކައިރި ކުރިމަގެއްގައި އަނެއް 2 ޓީވީ ވެސް ލިބޭނެ މަގެއް ފަހިވެގެން ދާނެ ކަމަށް އުންމީދު ކުރަށްވާ ކަމަށެވެ.

ނޮޅިވަރަންފަރު ސްކޫލަކީ މިހާރު ވެސް 302 ދަރިވަރުން ތަޢުލީމް ހާސިލް ކުރަމުންދާ، ގްރޭޑް 10 އަކާއި ހަމައަށް ކިޔަވައިދެމުން އަންނަ ސްކޫލެކެވެ.