މަދަނީ ޖަމިއްޔާތަކުގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އަތޮޅުތެރޭގައި ހިންގުމަށް ހަމަޖެހިފައިވާ ކެޕޭސިޓީ ބިލްޑިންގ ވޯކްޝޮޕް ހޯސްޓް ކުރަން ބޭނުންވާ މަދަނީ ޖަމިއްޔާތަކަށް އެފުރުޞަތު ހުޅުވާލައިފިއެވެ.

މިގޮތުން، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އިން ވިދާޅުވީ، ''ޓްރެއިނިންގ ވޯކްޝޮޕް އޮން ޕްރޮޖެކްޓް ސައިކަލް މެނޭޖްމަންޓް'' ނަމުގައި ކުރިއަށް ގެންދާ މި ވޯކްޝޮޕްތައް މިފަހަރު އަމާޒުކޮށްފައި ވަނީ 6 އަތޮޅަކަށް ކަމަށެވެ.

Ad
rt

ޔޫތު މިނިސްޓްރީއިން ވިދާޅުވިގޮތުގައި މިވޯކްޝޮޕްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ވޯކްޝޮޕް ހިންގުމަށް ހަމަޖެހިފައިވާ ރަށުގެ މަދަނީ ޖަމްޢިއްޔާއަކާއި ގުޅިގެންނެވެ.

މިގޮތުން ކުރިއަށް ގެންދެވޭ ވޯކްޝޮޕްތައް ހޯސްޓް ކުރަން ބޭނުންވާ ޖަމިއްޔާއަށް ވޯކްޝޮޕް ހޯސްޓު ކުރުމާއި، ވޯކްޝޮޕް އިންތިޒާމް ކުރުމުގެ ހުރިހާ ކަމެއް ކުރިއަށް ގެންދިއުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވާކަމަށް ޔޫތު މިނިސްޓްރީއިން ވިދާޅުވިއެވެ.

މިއާއިއެކު އެ މިނިސްޓްރީއިން ވަނީ މިކަމަށް ޝައުޤުވެރިވާ ޖަމިއްޔާތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލާފައެވެ.

ވޯކްޝޮޕް ބާއްވާ ރަށްތަކާއި ތާރީޚްތައް

  • ފުވައްމުލައް ސިޓީ (27 ޖަނަވަރީ 2021 އިން 30 ޖަނަވަރީ 2021 ނިޔަލަށް) (3 ދުވަސް)
  • ގދ. މަޑަވެލި (03 ފެބުރުވަރީ 2021 އިން 06 ފެބުރުވަރީ 2021 ނިޔަލަށް) (3 ދުވަސް)
  • ބ. ދަރަވަންދޫ (10 ފެބުރުވަރީ 2021 އިން 13 ފެބުރުވަރީ 2021 ނިޔަލަށް) (3 ދުވަސް)
  • ރ. އުނގޫފާރު (17 ފެބުރުވަރީ 2021 އިން 20 ފެބުރުވަރީ 2021 ނިޔަލަށް) (3 ދުވަސް)
  • ޅ. ހިންނަވަރު (24 ފެބުރުވަރީ 2021 އިން 27 ފެބުރުވަރީ 2021 ނިޔަލަށް) (3 ދުވަސް)

މިކަމަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅާ ފޯމްތައް ބަލައިގަތުމަށް ހަމަޖެހިފައިވާ އެންމެ ފަހުގެ ތާރީޚް 18 ޖަނަވަރީ 2021 ވަނަ ދުވަހުގެ 13:00ގެ ނިޔަލަށް ކަމަށް ޔޫތު މިނިސްޓްރީއިން ވިދާޅުވެއެވެ. އަދި ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނީ އީމެއިލް މެދުވެރިކޮށް ކަމަށް ވެސް އެ މިނިސްޓްރީއިން ވަނީ ވިދާޅުވެފައެވެ.

މި ވޯކްޝޮޕްތައް ހިންގުމަށް ފުރުޞަތު ދިނުމުގައި ބަލާނެ މިންގަނޑު ކަމަށް އެ މިނިސްޓްރީއިން ހާމަކުރަށްވާފައި ވަނީ، މިފަދަ ޕްރޮގްރާމްތައް ހިންގުމުގައި އެ ޖަމްޢިއްޔާއަކަށް ލިބިފައިވާ ތަޖުރިބާއާއި، ވޯކްޝޮޕް ހިންގުމުގައި އެހެން ފަރާތްތަކުގެ ބައިވެރިވުން އޮތް މިންވަރަށާއި، ވޯކްޝޮޕް ހިންގުމުގައި އެޖަމްޢިއްޔާއަކުން ކުރާނެ ޙިއްޞާގެ މިންވަރަށެވެ. އަދި މިކަމަށް ޖަމްޢިއްޔާއެއް ހޮވުމުގައި ފުވައްމުލައް ސިޓީއަށް ނިސްބަތްވާ ޖަމްޢިއްޔާތަކަށް އިސްކަން ދެވޭނެ ކަމަށް ޔޫތު މިނިސްޓްރީއިން ވިދާޅުވިއެވެ.

އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ނަންބަރު 3347300 ، 7556883 ، 7662474 އަށް ގުޅުއްވުވުމަށް އެ މިނިސްޓްރީއިން ވަނީ އެދިފައެވެ.