‏‬⁩ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ފަރާތުން ހއ ދިއްދޫގެ ކުނިކޮށި ސާފުކުރުމުގެ މަސައްކަތް އިއްޔެ ފަށައިފިއެވެ.

ދިއްދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޙާޝިމް ވިދާޅުވީ ދިއްދޫގެ ކުނި ކޮއްޓާއި ފުލެޓް ސަރަހައްދުގައި ޒަމާންތަކެއް ވަންދެން ޖަމާވެފައިހުރި ކުނިތައް ނަގާ ސާފުކުރުމުގެ މަސައްކަތް ވެމްކޯގެ އެހީތެެރިކަމާއި އެކު ވަރަށް ބާރަށް ފެށިގެން ކުރިއަށް ދާކަމަށެވެ.

Ad
rt

ހާޝިމް ވިދާޅުވީ ކުނީގެ މައްސަލައަކީ ރައްޔިތުންނަށް ދިމާވެފައިވާ ވަރަށް ބޮޑު ދައްޗެއް ކަމަށެވެ. ކުނިތައް ނަގާ ސާފުކުރުމާއި އެކު ރައްޔިތުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެން ދާނެކަމަށް ހާޝިމް ވިދާޅުވި އެވެ.

ހާޝިމް އިތުރަށް ވިދާޅުވީ މިމަސައްކަތް ކުރިއަށް ގެންދަނީ ސަރުކާރުން ކައުންސިލްއަށް ދީފައިވާ ގްރާޓްގެ ދަށުން ކަމަށެވެ. މިކަން ދާއިމީ ގޮތެއްގައި ކުރެވޭނެ އިންތިޒާމެއް ހަމަޖެހިގެން ދިއުމަކީ މިމައްސަލައަށް އޮތް ދާއިމީ ހައްލުކަމުގައިވެސް ހާޝިމް ފާހަގަ ކުރެއްވި އެވެ.

ދިއްދޫގެ ކުނީގެ މައްސަލަ ބޮޑުވެފައިވާ މިދަނޑިވަޅުގައި ވެމްކޯގެ އެހީތެރިކަމާއިއެކު މިމަސައްކަތް ފެށިގެން ކުރިއަށްގޮސް ނިންމާލެވުމުން، ރައްޔިތުން އުފުލަމުން އައި ތަކުލީފަށް ހައްލެއް ލިބިގެން ދާނެ، ކައުންސިލްތަކަށް ކުނީގެ މައްސަލަ ހައްލުކުރަން ލާޒިމް ކޮށްފައިވާއިރު އެކަމަށް އެކަށީގެންވާ ވަސީލަތްތަކާއި ބަޖެޓެއް ފޯރުކޮށްދެއްވުން މުހިންމު

ދިއްދޫ ކައުންސިލްގެ ރައީސް ހާޝިމް ވިދާޅުވި އެވެ.

ޙާޝިމް ވިދާޅިވީ ދިއްދޫ އަކީ ސާފުތާހިރު ވެއްޓެއްކަމުގައި ހެދުމަށް ވެމްކޯގެ ފަރާތުން ކޮށްދެއްވަމުން އަންނަ މަސައްކަތް އަގުވަޒަންކޮށް ވެމްކޯގެ މެނޭޖްމެންޓްއަށާއި ވެމްކޯގެ ހީވާގި މުވައްޒަފުންނަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރާކަމަށެވެ.

ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވީ މިމަސައްކަތަކީ ވެމްކޯއިން ރަށްރަށުގައި ޒަމާންވަންދެން ޖަމާވެފައިވާ ކުނިކޮށިތަށް ސާފުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ކައުންސިލްތަކާއި އެކު ކުރެވެމުން އަންނަ މަސައްކަތެއް ކަމަށެވެ. މިފުރުޞަތު ހުރިހާ ކައުންސިލްތަކަށްވެސް ހުޅުވާލެވިފައިވާކަން އާދަމް ވިދާޅުވި އެވެ.

އުންމީދަކީ ކުނީގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބުމާއި، 2021 ގެ ބަޖެޓްގައިވާ ޒަމާނީ ކުނިކޮށި ދިއްދޫގައި ޤާއިމްކުރުމުގެ މަސައްކަތް ⁦‪‬⁩މި މަހުގެ ތެރޭގައި ފެށުމެވެ.

މިމަސައްކަތުގެ ފޮޓޯތައް ހިއްސާކުރަމުން ދިއްދޫ ރައްޔިތުންގެ އަޑުގެ ފަރާތުން ކުރި ޓުވީޓެއްގައި ބުނެފައިވެއެވެ.

ހއ ހދ ރަށްރަށުގައި އުފެދޭ ކުނި ނައްތާލުމުގައި އެ ރަށްތަކަށް ދިމާވެފައިވާ ހުރި ދަތިތައް އޮޅުންފިލުމަށް ވެމްކޯގެ ޓީމެއް މިދިޔަ މަހުވަނީ ތިލަދުންމައްޗަށް ދަތުރެއްކޮށް ކައުންސިލްތަކާއި އެކު މަޝްވަރާކޮށްފަ އެވެ.

މި ދަތުރުގެ ވެމްކޯގެ ޓީމް ވަނީ ދިއްދޫ ކައުންސިލްއާއި އެކު ބައްދަލުވުމެއް ބާއްވާ ކުނިމެނޭޖްކުރުމުގައި އެރަށަށް ދިމާވެފައިވާ ދަތިތަކާއި އަދި އެ ދަތިތައް ހައްލުކުރުމަށް އޮތީ ކޮން ކަމެއް ތޯ ބަލައި މަޝްވަރާކޮށްފަ އެވެ.

މިދަތުރުގައި ހއ، ހދ ގެ 10 ރަށަކަށް މި ޓީމް އިންވަނީ ދަތުރުކޮށްފަ އެވެ.