ށ. ކަނޑިތީމު ބަނދަރުގައި އަޅާފައި އޮތް ތެޔޮ އުފުލާ ދޯންޏެއްގައި ރޯވި އަލިފާންގަނޑުގެ 90 ޕަސެންޓް އަލިފާން ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ އެ ހާދިސާގެ ރިޕޯޓު އެ އިދާރާއަށް ލިބުނީ މިރޭ 23:05 ގައި ކަމަށެވެ.
އެ ހާދިސާގެ ރިޕޯޓު ލިބުމާއިއެކު އެމްއެންޑީއެފްގެ ކުޅުދުއްފުށީ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވަމުން ދާ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މި ހާދިސާއާއި ގުޅިގެން ކުރިން ފުލުހުން ވިދާޅުވެފައިވަނީ، ކަނޑިތީމު ބަނދަރު ތެރޭގައި އަޅާފައި ޕެޓްރޯލް އުފުލާ ލަކުޑި ދޯންޏެއްގައި އަލިފާން ރޯވެފައިވާ ކަމުގެ މަޢުލޫމާތު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށާއި، ފުލުހުންނާއި އާންމުން ގުޅިގެން އެ ސަރަހައްދުގައި ހުރި އިތުރު އުޅަނދުތައް ދުރައްޖައްސައި އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރިއަށް ދާކަމަށް ފުލުހުން ވެސް ވަނީ ވިދާޅުވެފައެވެ.
މި ހާދިސާއާއި ގުޅޭގޮތުން ތިލަދުން ނޫހަށް މަޢުލޫމާތު ދެމުން ކަނޑިތީމު ކައުންސިލުގެ ރައީސާ އައިމިނަތު އަހްމަދު ވިދާޅުވެފައިވަނީ ފުލުހުންނާއި ރައްޔިތުން ގުޅިގެން އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!