ހދ. ނޮޅިވަރަންފަރު ސްކޫލްގެ ދަރިވަރުން އެއްކުރި 1.26 ޓަނު ޕްލާސްޓިކް ރިސައިކަލް ކުރުމަށް ޕްލާސްޓިކާ ދެކޮޅަށް ރާއްޖޭގައި މަސައްކަތް ކުރާ ޖަމިއްޔާ ޕާލޭއާއި ހަވާލުކޮށްފިއެވެ.
ނޮޅިވަރަންފަރު ސްކޫލުން ބުނީ، އެއީ ނިމުނު 2020 ވަނަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް އެ ސްކޫލްގެ ދަރިވަރުން އެއްކުރި ޕްލާސްޓިކް ކަމަށެވެ.
ނޮޅިވަރަންފަރު ސްކޫލްގެ ޕްރިންސިޕަލް ޢަލީ އަޙްމަދު ''ތިލަދުން''އަށް ވިދާޅުވީ، އެއީ އެ ސްކޫލްގެ ދަރިވަރުންނާއި، ބެލެނިވެރިން އަދި މުވައްޒަފުންގެ ވަރަށް ބޮޑު މަސައްކަތެއް ކަމަށެވެ.
''2019 ވަނަ އަހަރު އަޅުގަނޑުމެން މި މަސައްކަތް ފެށީ، ކޯވިޑްގެ ސަބަބުން އެއްކޮށް ފޮނުވާ ނުލެވިހުރީ، އަޅުގަނޑުމެން ނެގިން މުޅިރަށުން 50 ޖަމްބޯ ބޭގްގެ ޕްލާސްޓިކް، އެފަހަރު އެއްކޮށް މުޅިރަށް ސާފުކޮށްލެވުނު، އެ ޕްލާސްޓިކްތައް ސްކޫލަށް ޖަމާކޮށްގެން ފޮނުވަމުން މިދިޔައީ، މިދިޔަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ހުރިހާ ޕްލާސްޓިކެއް ފޮނުވާލެވިއްޖެ''
ޢަލީ ވިދާޅުވިއެވެ.
ޢަލީ ވިދާޅުވީ، އެ މަސައްކަތުގައި އެރަށުގައި އަމިއްލަ މީހަކު ހިންގަމުން އަންނަ ''ނޮޅި އެސްކޭޕް'' ގެސްޓް ހައުސްގެ ފަރާތުން ވެސް އެހީތެރިކަން ލިބިފައިވާ ކަމަށެވެ. މިގޮތުން އެ ޕްލާސްޓިކްތައް ބޯޓުން މާލެ ފޮނުވުމުގައި ނާލު ދައްކައިދީފައި ވަނީ އެ ގެސްޓް ހައުސްއިން ކަމަށް އޭނާ ވިދާޅުވިއެވެ.
ނޮޅިވަރަންފަރު ސްކޫލު ދަރިވަރުން ޕްލާސްޓިކް ނެގުމުގެ މަސައްކަތް ކުރަނީ، ފޮޓޯ: ނޮޅިވަރަންފަރު ސްކޫލް
ޢަލީ ވަނީ އެ މަސައްކަތުގައި ނޮޅިވަރަންފަރު ސްކޫލްގެ ދަރިވަރުންނާއި، ބެލެނިވެރިން އަދި މުވައްޒަފުން ކުރި ބުރަ މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކުރަށްވާފައެވެ. އަދި އެ މަސައްކަތަށް ''ނޮޅި އެސްކޭޕް'' ގެސްޓް ހައުސްއިން ދެއްވި އެއްބާރުލުން ފާހަގަކޮށް އެފަރާތަށް ވެސް އޭނާ ޝުކުރު އަދާކުރެއްވިއެވެ.
ނޮޅިވަރަންފަރު ސްކޫލްގެ ދަރިވަރުން އެއްކުރި 1.26 ޓަނު ޕްލާސްޓިކް ރިސައިކަލް ކުރުމަށް ''ޕާލޭ ފޮރ ދަ އޯސަންސް'' އާއި ހަވާލުކޮށްފައިވާއިރު، ޕްލާސްޓިކުން ތައްޔާރުކޮށްފައި ހުންނަ އެއްޗެހީގެ ތެރެއިން ރާއްޖެއަށް އެތެރެކުރާ 12 ބާވަތެއް ސިންގަލް ޔޫޒް ޕްލާސްޓިކުގެ ގޮތުގައި ކަނޑައަޅައި، އަންނަ އަހަރުން ފެށިގެން އެ ބާވަތްތައް ރާއްޖެ އެތެރެކުރުން ސަރުކާރުން ވަނީ މަނާކޮށްފައެވެ.
ނޮޅިވަރަންފަރު ސްކޫލުން އެއްކުރި ޕްލާސްޓިކް އަޅާފައި ހުރި ބައެއް ޖަމްބޯ ބޭގްތައް، ފޮޓޯ: ނޮޅިވަރަންފަރު ސްކޫލް
ސިންގަލް ޔޫޒް ޕްލާސްޓިކުގެ ގޮތުގައި ކަނޑައަޅައި، އަންނަ އަހަރުން ފެށިގެން ރާއްޖެ އެތެރެކުރުން މަނާކުރި ބާވަތްތައް:
- ދިޔާތަކެތި ބޯން ބޭނުންކުރާ ޕްލާސްޓިކް ހޮޅި (އެތެރެކުރުން މަނާވަނީ، 1 ޖޫން 2021 ފެށިގެން)
- ޕްލާސްޓިކް ތަށި، ސަމުސާ، ވަޅި، އޫ، ދިޔާތަކެތި ގިރަން ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު، (އެތެރެކުރުން މަނާވަނީ، 1 ޖޫން 2021 ފެށިގެން)
- ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅު، (އެތެރެކުރުން މަނާވަނީ، 1 ޖޫން 2021 ފެށިގެން)
- ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި، (އެތެރެކުރުން މަނާވަނީ، 1 ޖޫން 2021 ފެށިގެން)
- ބާޒާރުކުރަން ބޭނުންކުރާ 50 މައިކްރޯނަށް ވުރެ ތުނި ޕްލާސްޓިކް ކޮތަޅު، (އެތެރެކުރުން މަނާވަނީ، 1 ޖޫން 2021 ފެށިގެން)
- ޕްލާސްޓިކްގައި ބަންދުކޮށްފައި އިމްޕޯޓްކުރާ ސުޕާރީ، (އެތެރެކުރުން މަނާވަނީ، 1 ޖޫން 2021 ފެށިގެން)
- 250 މިލިލީޓަރަށް ވުރެ ކުޑަ ސިންގަލް ޔޫސް ކޮފީ ތަށި، (އެތެރެކުރުން މަނާވަނީ، 1 ޖޫން 2021 ފެށިގެން)
- ޕްލާސްޓިކް ދަނޑިކޮޅު ލާފައިވާ ކަފަބުރު، (އެތެރެކުރުން މަނާވަނީ، 1 ޖޫން 2021 ފެށިގެން)
- 50 މިލިލީޓަރާއި އެއަށްވުރެ ކުދި ޝޭމްޕޫ އަދި ސައިބޯނި ފުޅި، (އެތެރެކުރުން މަނާވަނީ، 1 ޖޫން 2021 ފެށިގެން)
- ރާއްޖެއަށް އިމްޕޯޓުކުރާ 500 މިލިލީޓަރަށް ވުރެ ކުދި ޕެޓު ފުޅި (ފެނާއި ލުއި ބުއިން ހިމެނޭ ގޮތަށް)، (އެތެރެކުރުން މަނާވަނީ، 1 ޖޫން 2021 ފެށިގެން)
- 50 މިލިލީޓަރާއި 200 މިލިލީޓަރާ ހަމައަށް ކުދި ޝޭމްޕޫ އަދި ސައިބޯނި ފުޅި، (އެތެރެކުރުން މަނާވަނީ، 1 ޑިސެމްބަރު 2022)
- 1 ލީޓަރާއި އެއަށް ވުރެ ކުދި ޕެޓު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން، (އެތެރެކުރުން މަނާވަނީ، 1 ޑިސެމްބަރު 2023)
އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕުލާސްޓިކު ރާއްޖެ އެތެރެކުރުމާއި، ރާއްޖޭގައި އުފެއްދުމާއި، ބޭނުންކުރުން ހުއްޓާލުމާ ގުޅޭ ޕްލޭން ތަންފީޒުކޮށް، އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕުލާސްޓިކު ރާއްޖޭގައި ބޭނުންކުރުން 2023 ވަނަ އަހަރުގެ ނިޔަލަށް ހުއްޓާލާނެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އ.ދ. ގެ ޢާންމު މަޖިލީހުގެ 74 ވަނަ ބައްދަލުވުމުގެ ހަވާސާގައި 2019 ސެޕްޓެންބަރު 23 ވަނަ ދުވަހު ބޭއްވި ކްލައިމެޓް ސަމިޓުގައި އިޢުލާނު ކުރަށްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!