ޮމިސަރުކާރުން ކުޅުދުއްފުށީ ސިޓީއަށް ވެފައިވާ ވަޢުދުތައް ނުފުއްދޭ ނަމަ ''ޕޮއްޖަހާފައި'' ކައުންސިލް އިންތިޚާބު ކާމިޔާބު ކުރާނެ ކަމަށް، ޕީޕީއެމް ކުޅުދުއްފުށި ސްޓެއަރިންގ ކޮމެޓީގެ ރައީސް އަހުމަދު ސަމީރު ބުނެފިއެވެ.
ސަމީރު މިހެން ބުނީ، ކުޅުދުއްފުށީ ސިޓީގައި ރޭ އިދިކޮޅު ޕްރޮގްރެއްސިވް ކޯލިޝަނުން ކުރިއަށް ގެންދިޔަ ''އެހޭ ހޮށް، މިވަރުން ފުދިއްޖެ'' ޖަލްސާގައި ބައިވެރިވެ، ދެއްކި ވާހަކާގައި އެވެ.
އޭނާ ބުނީ، ރައީސް ޔާމީނު ކުޅުދުއްފުށީ ރައްޔިތުންނަށް ވައުދުވި، 18 މަގު ރަނގަޅު ފެންވަރަކަށް ތާރުއަޅައި ހަދައިދީފައިވާ ކަމަށެވެ. އަދި މި ސަރުކާރުން، ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް، އެ ސިޓީގެ ބާކީ މަގުތައް ހައްދަވައި ދެއްވާނެކަމަށް ވިދާޅުވެފައިވީ ނަމަވެސް އޭނާ ޖަލްސާއަށް އައުމާއި ހަމައަށް އެއިން މަގެއްގެ އެއްވެސް އަމަލީ މަސައްކަތެއް ފެށިފައި ނުވާކަމަށެވެ.
ސަމީރު ބުނީ މަގު ހެދުމަކީ ކުރިންވެސް ފެށިފައިއޮތް ކަމެއް ކަމަށާއި، އެމަސައްކަތް ކުރިއަށް ގެންގޮސް އެ ސިޓީގެ މަގުތައް ނިންމާލަ ދިނުން އެދޭ ކަމަށެވެ. ''އެހެން ނޫންކަމަށް ވަނީ ނަމަ އަޅުގަނޑުމެން ރައްޔިތުން މިވަރުން ފުދިއްޖެއޭ ބުނެ ސަރުކާރަށް ޕޮއްޖަހާފައި އިންތިޚާބު ކާމިޔާބު ކުރާނަމޭ'' ސަމީރު ބުންޏެވެ.
ސަމީރު ބުނީ ކުޅުދުއްފުއްޓަކީ އުތުރުގެ ހިތެދޭ ބުނާއިރު، ހިތްނޭދޭ ހިތައް ތަދުވާ މަންޒަރުތައް ފެނަމުންދާ ކަމަށެވެ.
"އުތުރުގެ ހިތްކަމުގައި ކުޅުދުއްފުއްޓޭ ބުނާއިރު، އަޅުގަނޑުމެން ހިތްނޭދޭ ބައެއް ކަންކަން ފެންނަމުން އެބަދޭ، އެ ގޮތުން ރަށުގެ ބަނދަރުމަށްޗަށް ބަލާލަމާ ހިނގާ، ކުރިން މިފެންނަނީ ހއ. އަދި ށ. އަތޮޅުން މިރަށުން އެކިއެކި ޚިދުމަތް ހޯދަން އަންނަ މަންޒަރު، މިހާރު އައްޑޫން ސިޓީން ފެށިގެން ރާއްޖޭގެ އެކި އަތޮޅުތަކުނާއި، އަދި ބައެއް ރަށްތަކުން ސެޑިއުލް ދަތުރުތައް ހަދައިގެން މިރަށަށް ޚިދުމަތްތައް ހޯދަން އެބައާދޭ، ނަމަވެސް ރަށަށް ފައިބާ މަޑުކޮށްލާނެ ތަންކޮޅެއް ނުހުރޭ، ހިޔާވެލާނެ ތަންކޮޅެއް ނުހުރޭ، ފާޚާނާ ކޮށްލެވޭނެ، މިއީ މިހިސާބަށް އައިއިރު ލަދުގަންނަންޖެހޭ ކަމެއް،''
ސަމީރު ބުންޏެވެ.
ސަމީރު ބުނީ އެއީ ރައްޔިތުން ވިސްނަން ޖެހޭ ކަމެއް ކަމަށާއި، އެމްޑީޕީއަށް ކައުންސިލް މެޖޯރިޓީ ދީގެން އިތުރު އިންތިޚާބަކާއި ހަމައަށް އާދެވުނުއިރު ރައްޔިތުން އެކަމަށް ވިސްނަން ޖެހޭކަމަށެވެ.
ނަމަވެސް ދަތުރު ހިޔަލެއްގެ މަަސައްކަތް މިހާރު ހިނގަމުންދާ ކަމަށާއި، އެކަމަށް ޝުކުރުއަދާ ކުރަމުން އޭނާ ބުނީ އެ ސިޓީއަށް ޚިދުމަތް ހޯދަން އަންނަ ބަލިމީހުން ބަނދަރަށް ބޭލުމުގައި އުފުލާ ތަކުލީފައި ދޭތެރޭވެސް ވިސްނައި ހައްލު ހޯދައިދޭން ޖެހިފައިވާ ކަމަށެވެ. އެގޮތުން އެ ސިޓީއަށް ގެންނަ ބަލިމީހާ ބާލަނީ އަވީގައި އަދި ވާރޭގައި ކަމަށާއި އެކަންކަން ހައްލުކޮށްދިނުމަށް ކައުންސިލަށް ގޮވާލާ ކަމަށް އޭނާ ބުންޏެވެ.
ސަމީރުގެ ވާހަކާގައި ވަނީ ރައީސް ޔާމީނުގެ ސަރުކާރުގައި އެ ސިޓީގައި ގާއިމުކޮށް ދެއްވި ކުޅުދުއްފުށީ އެއާޕޯޓު ލިބިގެން ދިޔުމުން އެ ސިޓީގެ ރައްޔިތުންނަށް ލިބިގެންދިޔަ ފަސޭހަތަކަށް އަލި އަޅުވާލާވެސް ވާހަކަ ދައްކާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!