އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމްޢިއްޔާގެ ފަރާތުން އިންތިޒާމް ކޮށްގެން ބޮޑު ތިލަދުންމައްޗަށް އަމާޒު ކޮށްގެން "އިމަގު ކަޕް 2021" ގެ ނަމުގައި އަގުބޮޑު ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް ނިންމައި އެކަން އިޢުލާން ކޮށްފިއެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައެވެ.

ބޮޑު ތިލަދުންމަތޫގައި ހިމެނޭ ހއ، ހދ، އަދި ށ އަތޮޅު ރަށްތަކަށް އަމާޒު ކުރެވިފައިވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 100،000 (އެއްލައްކަ ރުފިޔާ) ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރަނަރަޕް ޓީމަށް 50،000 (ފަންސާސް ހާސް ރުފިޔާ) ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ އިލަވަން އަ ސައިޑް މުބާރާތެކެވެ.

Ad
rt

މި މުބާރާތާއި ގުޅޭގޮތުން ތިލަދުން ނޫހަށް މަޢުލޫމާތު ދެމުން އިމަގު ޖަމްޢިއްޔާގެ ރައީސް މޫސާ އަލީ ބުނެފައިވަނީ މި މުބާރާތް ހިންގުމުގެ މަޤުޞަދަކީ ތިލަދުންމަތީގައި ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިން އުފެއްދުން ކަމަށެވެ. މިހާކުރިން މި މުބާރާތް އޮންނާނެ ކަން އިޢުލާން ކުރުމުގެ މަޤުޞަދަކީ ބައިވެރިވާ ރަށްތަކަށް ދުރާލައި މިކަމަށް ތައްޔާރުވުމަށް ވަގުތު ދިނުންކަމަށެވެ.

މުބާރާތުގައު ޓީމްތައް ބައިވެރި ކުރުމުގެ އުސޫލާއި ގުޅޭގޮތުން މޫސަ ބުނެފައިވަނީ، މުބާރާތް ހިންގާނެ ގޮތުގެ ޤަވައިދާއި އުސޫލްތައް އެކުލަވާލުމުގެ މަޝްވަރާތައް މިހާރު ފެށިގެން ކުރިއަށް ދާ ކަމަށެވެ. އެ މަޝްވަރާތައް ނިމުމުން މުބާރާތުގައި ރަށްރަށުން ޓީމްތައް ބައިވެރި ކުރުމުގެ ބާރު ކުލަބް ޖަމްޢިއްޔާތަކަ ލިބިގެން ދާނެތޯ؟ ނުވަތަ އެ ބާރު ދޭނީ ކައުންސިލައްތޯ؟ މި ސުވާލުތަކުގެ ޖަވާބު ލިބިގެންދާނެ ކަމަށެވެ. މޫސަ އިތުރަށް ބުނެފައިވަނީ މި މުބާރާތް ކޮންމެ އަހަރަކު އެ ޖަމްޢިއްޔާއިން ބޭއްވުމާއި ގުޅޭގޮތުން ވެސް މަޝްވަރާ ކުރެވެމުންދާކަމަށެވެ.

މި ހިނގާ 2021 ވަނަ އަހަރަކީ އިމަގު ޖަމްއިޢްޔާއަށް 25 އަހަރު ފުރޭ، ރިހިޔޫބިލް އަހަރެވެ. މި ފުޓްބޯޅަ މުބާރާތަކީ ޖަމްޢިއްޔާގެ ރިހިޔޫބިލް ހަރަކާތުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު ހަރަކާތެވެ. އަދި މިނޫން ގިނަ ހަރަކާތްތަކެއް ހިންގުމަށް އެ ޖަމްޢިއްޔާއިން ވަނީ ރާވާފައެވެ.

އިހަވަންދޫ އިމަގު ޖަމްޢިއްޔާއަކީ 1996 ވަނަ އަހަރު ރަޖިސްޓަރީ ކުރެވިގެން މެދުކެނޑުމެއްނެތި ފާއިތުވި 25 އަހަރު އިހަވަންދޫގެ ކުރިއެރުމަށް މަސައްކަތް ކޮށްފައި އަދި މަސައްކަތް ކުރަމުން އަންނަ ފަޚުރުވެރި މާޒީއެއް އޮތް ޖަމްޢިއްޔާއެކެވެ.