ށ. ފުނަދޫ، ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރގައި ގާއިމް ކޮށްފައިވާ "އަމާން ވެށި"އަށް 16 ކުއްޖަކު ބަދަލުކޮށްފި އެވެ.

ޖެންޑަރ މިނިސްޓްރީން ވިދާޅުވީ، އިޖުތިމާޢީ އަދި ޢާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުޞަތު ފަހިކޮށްދިނިމުގެ ގޮތުން 16 ކުއްޖަކު ށ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ ގައި ގާއިމް ކޮށްފައިވާ "އަމާން ވެށި"އަށް ބަދަލުކޮށްފައިވާ ކަމަށެވެ.

Ad
rt

ޓްރާންސް މޯލްޑިވިއަން އެއަރވޭސްގެ ސީޕްލޭންގައި މި ކުދިން ގޮވައިގެން ށ.ފުނަދޫއަށް ވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕެޝަލް އެޑްވައިޒަރ އޮން ސޯޝަލް ޕޮލިސީ ޑޮކްޓަރ މުޞްޠަފާ ލުޠުފީއާއި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު ރަޝީދެވެ.

ސަރުކާރުގެ ސިޔާސަތަކީ ކޮންމެ ކުއްޖަކު ވެސް ޢާއިލީ މާޙައުލުގެ ތެރެއިން ލޯތްބާއި އަޅައިލުމާއެކު ބޮޑުވާ ކުއްޖަކަށް ހެދުން ކަމުގައިވިޔަސް، ޙާލަތު ނިޔާކުރާގޮތުން އެކި ސަބަބުތަކާ ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ނެގޭ ކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވިއެވެ.

ނަމަވެސް، އެންމެ ބޮޑު އިސްކަމެއްދެނީ މާލޭ ސަރަޙައްދުގައި ތޮއްޖެހިފައިވާ މަރުކަޒުތަކުގައި އެ ކުދިން ގެންގުޅުމުގެ ބަދަލުގައި، އެހެން ކުދިންނެކޭ ވެސް އެއްގޮތަށް މުޖުތަމަޢުގެ ތެރޭގައި ބޮޑުވުމުގެ ފުރުޞަތު ހޯދައިދީ، އެ ފަދަ މާޙައުލެއް ތަނަވަސްކޮށްދިނުން ކަމަށް އެ މިނިސްޓްރީން ވިދާޅުވެފައި ވެއެވެ.

ފުނަދޫ އަމާން ވެއްޓަކީ ކަމާބެހޭ އިދާރާތަކާއި، މުޖުތަމަޢުގެ ފުރިހަމަ އެއްބާރުލުމާއި ބައިވެރިވުމާއެކު ތަރައްޤީކުރެވޭ މި ފަދަ ދެވަނަ ތަންކަން ވެސް އެ މިނިސްޓްރީއިން ވަނީ ފާހަގަ ކުރަށްވާފައެވެ.

މީގެ ކުރިން ހުސްވި ޑިސެންބަރު މަހުގެ 24 ވަނަ ދުވަހު 17 ކުއްޖަކު ވަނީ ބ.އޭދަފުށި އަމާން ވެއްޓަށް ބަދަލުކޮށްފައެވެ. އަދި ށ.ފުނަދޫއާއި ބ.އޭދަފުށީގެ އިތުރުން ރާއްޖޭގެ އިތުރު 3 ސަރަޙައްދެއްގައި ޖެންޑަރ މިނިސްޓްރީއިން އަންނަނީ އަމާން ވެށިތައް ތަރައްގީކުރަމުންނެވެ.