މާލެ ސިޓީގެ، މާލޭގެ ގެއެއްގައި ގޭސްފުޅިއެއް ގޮވައި ދެ މީހަކު ފިހިއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، މި ހާދިސާ ހިނގާފައި ވަނީ ހ. ތިން ނޫނުގޭގެ ފަސް ވަނަ ފަންގިފިލާގައި ކަމަށެވެ. އަދި މި ހާދިސާގެ ރިޕޯޓު ލިބުމާއިއެކު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މި ހާދިސާގައި ދެ މީހަކު ފިހި، އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ. މި ދެމީހުންނަށް މިހާރު ދަނީ އައިޖީއެމްއެޗް ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.
މިހާދިސާގައި ފިހިފައި ވަނީ ދިވެހި ދެ ފިރިހެނުންނެވެ.
މިހާދިސާ ހިނގާފައި ވަނީ ގޭސް ފުޅީގައި އިން ނަޓެއް ދޫވެ، ގޭސް ލީކުވެގެން ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއްވައެވެ. އަދި އެ މީހުން ފިހެން މެދުވެރިވީ ގޭސް ލީކުވެ، ގޭސް ފުޅީގައި ހުޅު ހިފުމުން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މި ހާދިސާގެ ރިޕޯޓު ލިބިފައި ވަނީ 12:13 ހާއިރު ކަމަށް އެމްއެންޑީއެފް ވިދާޅުވިއެވެ. އަދި މިހާދިސާ ރިޕޯޓުކޮށްފައި ވަނީ ރޯވި އަލިފާން ނިއްވާލުމަށްފަހު، އެ ގޭ މީހުން ހޮސްޕިޓަލަށް ދަމުން ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!