ކައުންސިލްތަކުގެ އިންތިޚާބު ބޭއްވޭނެ ގާނޫނީ ހައްލެއް ހޯދަން ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މަސައްކަތް ފަށައިފިއެވެ.

ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމަށް މަސައްކަތް ފަށާފައިވާ ކަމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ މެންބަރަކު "ތިލަދުން" އަށް ވަނީ ކަށަވަރުކޮށް ދެއްވާފައެވެ.

Ad
rt

އޭނާ ވިދާޅުވީ އެ ޖަލްސާ ބާއްވަނީ "ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ޚާއްޞަ ޤާނޫނު 2020" އަށް އިސްލާޙް ގެނެސް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވޭނެ ޤާނޫނީ ހައްލެއް ހޯދުމަށް ކަމަށެވެ.

މިގޮތުން ގެންނަން މަޝްވަރާކުރާ ބަދަލުތަކުގެ ތެރޭގައި ޤާނޫނު ފާސްކޮށް، ރައީސުލްޖުމްޙޫރިއްޔާ އެ ޤާނޫނު ތަސްދީގު ކުރަށްވާތާ 7 ދުވަހުގެ ތެރޭގައި އިލެކްޝަން ކޮމިޝަނުން އިންތިޚާބު ޢިއުލާން ކުރަންވާނެ ކަމަށް ހިމަނައި، އެގޮތަށް އިޢުލާން ކުރުމަށްފަހު ކޯވިޑްގެ ހާލަތު އޮވެއްޖެނަމަ، ކެމްޕެއިން ކުރުމަށާއި، ވޯޓުލުމުގެ ކަންކަން ކުރިއަށް ގެންދާއިރުވެސް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ މިންގަނޑުތަކާއި އެއްގޮތަށް އަމަލުކުރަން ހިމަނަން މަޝްވަރާ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ގެންނަން މަޝްވަރާކުރާ ބަދަލުތަކާއިއެކުވެސް އެންމެ އަވަހަށް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވޭނީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ކަމަށް ދެކި ވަޑައިގަންނަވާ ކަމަށެވެ.

"ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ޚާއްޞަ ޤާނޫނު 2020" އަށް އިސްލާޙްގެންނައިރު އެޗްޕީއޭގެ އެންގުންތަކަށް އަމަލުކުރަން ހިމަނަން މަޝްވަރާކުރާކަމަށް އޭނާ ވިދާޅުވިއިރު، އެޗްޕީއޭއަކީ ގާނޫނީ ބާރު މިހާރުވެސް ލިބިގެން، އުސޫލުތައް ތަންފީޒުކުރަމުންދާ އިދާރާއެކެވެ. އަދި އެ އިދާރާގެ އުސޫލުތަކާއި ޚިލާފުވާނަމަ ބޮޑެތި ޖޫރިމަނާތަކެއް ކުރާގޮތަށް ވެސް ދާދިފަހުން ވަނީ އުސޫލަށް ބަދަލު ގެނެސްފައެވެ.

ކޯވިޑް-19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ މުއްދަތު އަންނަ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން އިތުރުކޮށްފައިވާއިރު، މިއީ އެހާލަތު އިތުރުކުރި ދިހަ ވަނަ ފަހަރެވެ.

އެހާލަތު އިތުރުކުރުމުން ގާނޫނީ ޖާގަނެތުމުން އޭޕްރިލްމަހު ބާއްވަން ނިންމި ކައުންސިލްތަކުގެ އިންތިޚާބު އެ މަހު ނުބޭއްވޭނެކަމަށް އީސީއިން ވަނީ ބުނެފައެވެ. އެންމެފަހުން އީސީއިން ބުނެފައިވާގޮތުން ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުތައް އަންނަ އޭޕްރީލް މަހުގެ ތިންވަނަ ދުވަހު ބޭއްވުމަށް ދަނީ މަޝްވަރާކުރެވެމުންނެވެ.