ހއ.އިހަވަންދޫ އިރުމަތީ އަވަށުގައި އުފެދިފައިވާ ޒުވާން ފުޓްބޯޅަ ޓީމްތަކުން އިސްނަގައިގެން، އެ އަވަށު ހުރަވީ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމަށް ނިންމައި އެކަން އިޢުލާން ކޮށްފިއެވެ.

މިކަން އިޢުލާން ކޮށްފައިވަނީ 04 ޖަނަވަރީ 2021 ވީ ހޯމަ ދުވަހުގެ ރޭ އިހަވަންދޫ ކުލަބް ޕޯލްސްޓަގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ އިހަވަން ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގެ ހާފްޓައިމްގައި ބޭއްވި ކުރު ރަސްމިއްޔާތެއްގައެވެ.

Ad
rt

މި މަސައްކަތަކީ އިހަވަންދޫ އިރުމަތީ އަވަށަށް ނިސްބަތްވާ ޒުވާން ޓީމްތައް ކަމުގައިވާ ޔުނައިޓެޑް ޔޫތު، ޖަންގަލް، އަރާދުވާ، ގަބީލާ އެފްސީ، އެންވީކޭގެ އިތުރުން ނިކަ ޓީމުން އިސްނަގައިގެން އެ ރަށުގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ ކުލްބް ޕޯލްސްޓަރ އާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަސައްކަތެކެވެ.

ރޭ ބޭއްވި ރަސްމިއްޔާތުގައި ކުލަބު ޕޯލްސްޓަރ ގެ ފަރާތުން މި މަސައްކަތް ކޮށްދިނުމަށް ވެވުނު އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ އެ ކުލަބުގެ ރައީސް މުޙައްމަދު ސުޖާޢުއެވެ. ޓާފު އެޅުމުގެ މަސައްކަތުގައި އެހީތެރިވެ ދިނުމަށް ޒުވާނުންގެ ޓީމުތަކުން ކޮންމެ ޓީމަކުން 30،000 ރުފިޔާގެ ފައިސާގެ އެހީ ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށް މިކަމުގެ ރަމްޒީ ޗެކް ކުލަބް ޕޯލްސްޓަރ އާއި ހަވާލު ކޮށްފައި ވާއިރު، މި ޗެކްތަކާއި ހަވާލުވެފައިވަނީ ކުލަބުގެ ރައީސް މުޙައްމަދު ސުޖާޢު އަދި ކުލަބުގެ މުއައްސިސުން ކަމުގައިވާ ހުސެއިން ރަޝީދު އިތުރުން އަޙުމަދު އިބުރާހިމްއެވެ.

މި މަސައްކަތުގެ ދަށުން ހުރަވީ ދަނޑުގައި ޓާފް އެޅުމުގެ އިތުރުން ޗޭންޖިން ރޫމް ހެދުމާއި އަދި އެތަނުގައި ރޭގަނޑު ކުޅުމަށް މިހާރު ހަރުކުރެވިފައިވާ ލައިޓިން ސިސްޓަމް އިތުރަށް އަޕްގްރޭޑް ކުރުން ހިމެނެއެވެ.

މި މަސައްކަތާއި ގުޅޭގޮތުން ތިލަދުން ނޫހަށް މަޢުލޫމާތުދެމުން ކުލަބް ޕޯލްސްޓަރގެ ރައީސް މުޙައްމަދު ސުޖާޢު ބުނެފައިވަނީ ޒުވާނުން އިސްނެގުމުގެ މަތިން، ޒުވާނުންނާއި ގުޅުންހުރި މި މަސައްކަތުގައި އެ ކުލަބުން އެހީތެރިކަން ދިނުމަށް ނިންމައި އެކަން ހަގީގަތަކަށް ހެދުމަށް މިހާރު މަސައްކަތް ފަށާފައިވާކަމަށެވެ. މިގޮތުން މިހާރު ދަނޑުގެ މިންތައް އަޅައި އެތަނުގެ ކުރެހުން ތައްޔާރު ކުރުމުގެ މަސައްކަތް ވެސް ފެށިފައިވާ ކަމަށެވެ.

ސުޖާޢު އިތުރަށް ބުނެފައިވަނީ މި މަސައްކަތުގައި ރަށުގެ އެންމެހާ ފަރާތްތަކުގެ އެހީތެރިކަން ބޭނުންވާނެކަމަށެވެ. މިހިނގާ 2021 ވަނަ އަހަރުގެ ތެރޭގައި ނިންމުމަށް ޓާގެޓް ކުރެވިފައިވާ މި މަސައްކަތުގައި އިހަވަންދޫ ކައުންސިލާއި އަދި އެ ރަށުގެ މަސްވެރިންނާއި ވިޔަފާރިވެރިންގެ އިތުރުން އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާޢުގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމުގެ ޔަޤީންކަން އެ ފަރާތްތަކުން ދެއްވާފައިވާކަން ސުޖާޢުވަނީ ފާހަފަކޮށްފައެވެ.

މިލިއަނަކަށް ވުރެގިނަ ފައިސާ ޚަރަދުވާނެ ކަމަށް ލަފާކޮށްފައިވާ މި މަސައްކަތް ފުރިހަމަ ކުރުމަށް ހެއޮއެދޭ އެހެނިހެން ފަރާތްތަކާއި ސަރުކާރުގެ އެހީތެރިކަން ވެސް ބޭނުންވާނެ ކަމުގައި ސުޖާޢުވަނީ ފާހަގަކޮށްފައެވެ.