ހއ. އިހަވަންދޫ ކުލަބް ޕޯލްސްޓަރގެ ފަރާތުން ހއ. އަދި ހދ. ގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން މިހާރު ކުރިއަށް ގެންދާ ފުޓްބޯޅަ މުބާރާތުގެ ފައިނަލަށްގެ އެއްޖާގަ ކަށަވަރުކޮށްފައިވާ، ހދ. ނޮޅިވަރަމް ކުލަބް ޕެނީ ޖާޒީން މުޅި މުޖުތަމައަށް ވެސް ދެނީ އެންމެ ބާރުގަދަ މެސެޖެވެ. އެ ޖާޒީގެ ކުރިމަތީގައި ޖަހާފައި ވަނީ ''ފުރަތަމަ ނަމާދު'' އެވެ.
މީގެ އިތުރުން އެ ޖާޒީގެ ފަހަތުގައި ''FEAR THE CREATOR WHERE EVER YOU ARE'' ޖަހާފައި ވެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މިއީ ރާއްޖޭގެ ޓީމެއްގެ ޖާޒީގައި މިފަދަ ދީނީ ޝިއާރެއް ހިމެނި ފުރަތަމަ ފަހަރެވެ. އެ ކްލަބުން މުޖުތަމައުއަށް މިފަދަ މެސެޖެއް ދިން ސަބަބާއި ގުޅިގެން އެ ކްލަބުގެ ރައީސް ޙުސައިން ޙަމީދު ''ތިލަދުން'' އަށް ވިދާޅުވީ، އެ ކްލަބުން އެންމެ އިސްކަމެއް ދެނީ ޒުވާނުންނަށް ކުޅިވަރުގެ ފުރުޞަތުތައް ހޯދައިދިނުން ކަމަށްވާއިރު، އެ ޒުވާނުންނަކީ އިސްލާމް ދީނަށް ލޯބިކުރާ ބައެއް ގޮތުގައި ބިނާ ކުރުމަކީ އެންމެ އިސްކަންދޭ ކަންތައް ކަމަށެވެ.
''އަޅުގަނޑުމެން މީ 100 އިންސައްތަ އިސްލާމީ ޤައުމެއް، އެހެންވީމައި ފުރަތަމަ ކަމަށް ނަމާދު އިސްކުރަންޖެހޭ. އެ މެސެޖަކީ އެ މެސެޖު ފެނި، ނަމާދު ކުރުމަށް ބާރުއަޅައި، ޒުވާނުން ނަމާދަށް ލޯބި ޖެއްސުމުގެ ގޮތުން ދޭ މެސެޖެއް، އެ މަތިވެރި އަޅުކަން ކުރުމުގެ ޝައުޤު މުޖުތަމައުގައި އުޅޭ އެންމެންގެ ހިތުގައި އިތުރުކުރުމަށް ބާރުއަޅާ މެސެޖެއް''
ޙުސައިން ޙަމީދު ވިދާޅުވިއެވެ.
ނޮޅިވަރަމް ކްލަބް ޕެނީގެ ކުޅުންތެރިއަކު އައިހެވަންކަޕް ސެމީފައިނަލް މެޗްގައި ކުޅެނީ
އޭނާ ވިދާޅުވީ އެ ކްލަބު އަބަދުވެސް އޮންނާނީ ނޮޅިވަރަމްގެ ޒުވާނުންނަށް ކުޅިވަރުގެ ފުރުޞަތުތައް ހޯދައިދިނުމުގައި ކަމަށާއި، ހަމަ އެހެންމެ ދީނީ ލޯބިކުރާ ޒުވާނުންތަކެއް ބިނާ ކުރުމަކީ ވެސް އެ ކްލަބްގެ އެންމެ އިސްކަންދޭ އެއް އަމާޒު ކަމަށެވެ.
''ވަރަށް ގިނަ ހެޔޮ އެދޭ ފަރާތްތަކެއްގެ އެހީތެރިކަމާއިއެކު އަޅުގަނޑުމެން ހަރަކާތްތައް ހިންގަމުން ދަނީ، އެ ގޮތުން މިފަހަރު ޖާޒީވެސް ސްޕޮންސަރ ކުރީ ހެޔޮއެދޭ ފަރާތަކުން، ކްލަބްގެ ހަރަކާތްތައް ވެސް މި ހިންގަނީ ހެޔޮއެދޭ ފަރާތްތަކުގެ މަދަދާއިއެކު، މިދުވަސް ވަރަކީ ކޯވިޑްގެ ސަބަބުން އަޅުގަނޑުމެން ކްލަބްގެ ގިނަ މެންބަރުންތަކެއްގެ ވަޒީފާތައް ގެއްލި ރަށުގައި ތިބެން ޖެހިފައިވާ ދުވަސްވަރެއް، ނަމަވެސް ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއިއެކު މިދަނީ ޒުވާނުންނަށް ފުރުސަތުތައް ހޯދައިދެމުން، އިރާދަކުރެއްވިއްޔާ މި ކްލަބު ދެމިއޮންނާނީ ނޮޅިވަރަމްގެ ޒުވާނުންގެ ކުރިއެން ހޯދައިދީ، ކުޅިވަރުގެ ފުރުޞަތުތައް ހޯދައި ދިނުންމަތީ''
ޙުސައިން ޙަމީދު އިތުރަށް ވިދާޅުވިއެވެ.
ކްލަބް ޕެނީގެ ޖާޒީގެ ފަހަތް ފެންނަ ފޮޓޯއެއް
އޭނާ ވަނީ މިރޭ ކުޅޭ އިހަވަން ކަޕްގެ ފައިނަލްމެޗާއި ގުޅިގެންވެސް ޝުއޫރު ފާޅުކުރަށްވާފައެވެ. މި ގޮތުން އޭނާ ވިދާޅުވީ '' އަމާޒަކީ މުޅި ނޮޅިވަރަމް ހިނިތުން ކުރުވާނެ ނަތީޖާއެއް މިރޭ ހޯދުން'' ކަމަށެވެ. އަދި އެ މުބާރާތުގެ ތަށި ރަށަށް ގެންގޮސްދީ، ރައްޔިތުން އުފާކޮށް ދިނުން ކަމަށެވެ.
އޭނާ ވިދާޅުވީ، އެ ކްލަބުން ގެންދަނީ އެ ރަށުގެ ޒުވާނުންނަށް ކުޅިވަރު ކުޅުމުގެ ފުރުޞަތުތައް ހޯދައިދިނުމުގެ އިތުރުން، ކުޅިވަރުގެ ތަމްރީން ޕްރޮގްރާމްތައް ހިންގައިދީ، ކުޅިވަރުކުޅޭނެ އާލާތްތައް ފޯރުކޮށް ދެމުން ކަމަށެވެ.
މިހާރު އިހަވަންދޫގައި ކުރިއަށްދާ އިހަވަން ކަޕްގައި ބައިވެރިވެ ކުޅެމުން އަންނަ ނޮޅިވަރަމް ކްލަބް ޕެނީއިން އިއްޔެ ވަނީ، އެ ކްލަބުން ނޮޅިވަރަމްގައި އިންތިޒާމުކޮށް ކުރިއަށް ގެންދިޔަ ވޮލީ ކޭމްޕެއްވެސް ނިންމާލާފައެވެ. ނޮޅިވަރަމްގެ ދެ ޖިންސަށް ކުރިއަށް ގެންދިޔަ އެ ވޮލީ ކޭމްޕްގައި ނޮޅިވަރަމްގެ 14 އަހަރާއި 35 އަހަރާއި ދެމެދުގެ 51 ބައިވެރިއެއް ބައިވެރިވެ، 40 ބައިވެރިންވަނީ ސެޓްފިކެޓް ހާސިލްކޮށްފައެވެ.
ނޮޅިވަރަމް ކްލަބު ޕެނީއަކީ 2016 ވަނަ އަހަރު އެ ކްލަބު ރަޖިސްޓަރީވީއްސުރެ، ނޮޅިވަރަމްގައި ދަރުމައަށް ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ ޖަމިއްޔާއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!