ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން މާލޭގެ ހުޅަނގު ދެކުނުގައި ތަރައްގީ ކޮށްފައިވާ ފުޑް ކޯޓުގެ 13 ގޮޅިއެއް ބީލަމަށް ހުޅުވާލައިިފިއެވެ.

އެސްޓީއޯއިން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށް ގޮޅިތަކަށް އެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށާއި މި މަހުގެ 7 ވަނަ ދުވަހު، ގޮޅިތައް ބަލާލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފައިވާކަމަށެވެ.

Ad
rt

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު މިއިޢުލާނާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހާރު ގޮޅިތަކުގެ ކުލި ކުޑަކުރެވިފައިވާ ކަމަށެވެ.

ކުރިން ނަގަމުން އައި ތިން މަހުގެ ސެކިއުރިޓީ ޑިޕޮސިޓް މިހާރު ދެ މަހަށް ކުޑަކޮށްފައި، ކުރިން ނަގާ 100،000 ރުފިޔާގެ ބިޑް ސެކިއުރިޓީ ވެސް މިހާރު ނުނަގާނެ، ކުރިން ނަގާ އެޑްވާންސް ކުލި މިހާރު ނުނަގާނެ، ކުރިން ބިޑު ކުރާއިރު ހުށަހަޅަންޖެހޭ ބިޒްނަސް ޕްރޮޕޯސަލް ވެސް މިހާރު ބޭނުން ނުވާނެ

އަމްރު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.

އެސްޓީއޯ އިން ގޮޅިތަކުގެ ބޭސް ރޭޓު އާންމުކޮށްފައި ވާއިރު، ބިޑު ކާމިޔާބު ކުރާ ފަރާތްތަކުން، ސެކިއުރިޓީ ޑިޕޮސިޓަށްވާ ދެ މަހުގެ ކުލި ދައްކަން ޖެހޭނީ އަކަފޫޓެއް 39 ރުފިޔާގެ ރޭޓުންނެވެ.

ކޯވިޑް-19 ގެ ސަބަބުން ވިޔަފާރިއަށް ކޮށްފައިވާ އަސަރުތަކުގެ ސަބަބުން ފުޑް ކޯޓުގެ ގިނަ ގޮޅިތައް މިހާރު ހުރީ ހުހަށެވެ.

ކޯވިޑް19 ގެ ސަބަބުން ކެފޭ އަދި ރެސްޓޯރެންޓުތަށް ބަންދު ކުރަންޖެހުމާއި އެކު ކެފޭތައް ހުންނަ ދުވަސްތަކުގައި ކާބޯތަކެތީގެ ހިދުމަތް ދެމުން އަންނަ ފުޑް ކޯޓުތަކުގެ ކުލި ދައްކަން ނުޖެހޭ ގޮތައް އެސްޓީއޯ އިން ވަނީ ލުއިދީފައެވެ.

މިދިޔަ އަހަރުގެ މާޗްމަހު އެސްޓީއޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފުޑްކޯޓުތަކުގެ ވިޔަފާރީ ހުއްޓުމަކަށް ގެނައި ދުވަހުން ފެށިގެން ފުޑްކޯޓުތަށް ދައްކަން ޖެހޭ ކުލި މާފުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.