ކޮޗިން-ކުޅުދުއްފުށީ ކާގޯ ފެރީގެ މިފަހަރުގެ ދަތުރުގައި 700 ޓަނުގެ މުދާ ކުޅުދުއްފުއްޓަށް ގެންނާނެ ކަމަށް، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)އިން ބުނެފިއެވެ.

އެ ފެރީ މިއަދު ކުޅުދުއްފުއްޓަށް ބަނދަރު ކުރަން ހަމަޖެހިފައިވާއިރު، ކޮޗިން-ކުޅުދުއްފުށީ ކާގޯ ފެރީގެ ޚިދުމަތް ފުރަތަމަ ފެށީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު 26 ވަނަ ދުވަހުއެވެ. އެފަހަރު އެ ފެރީގައި 500 ޓަނަށްވުރެ ގިނަ މުދާ ގެނައެވެ.

Ad
rt

އެމްއެސްއެސްގެ ''އެމްވީ. އެމްސީޕީ ލިންޒް''ގެ މިދަތުރުގައި ކުޅުދުއްފުއްޓަށް 700 ޓަނުގެ މުދާ ގެންނަކަން ފާހަގަ ކުރަށްވާ، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން އަމްރު ވަނީ ކޮންމެ ދަތުރެއްގައި ފެރީގައި ގެނެވޭ މުދަލުގެ ޢަދަދު އިތުރުވަމުން ދާކަން ފާހަގަ ކުރަށްވާފައެވެ.

ރާއްޖޭގެ ގައުމީ ޝިޕިން ލައިން ހިންގުމަށް އުފެއްދި އެމްއެސްއެސް އަކީ، ސަރުކާރުގެ މައި ވިޔަފާރި ކުންފުނި ކަަމަށްވާ ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)ގެ ސަބްސިޑަރީ ކުންފުންޏެކެވެ.

އިންޑިއާއި ރާއްޖެ އާއި ދެމެދު ފެށި ކާގޯ ފެރީގެ ޚިދުމަތަކީ ޚާއްސަކޮށް ރާއްޖޭގެ އުތުރުގެ ރަށްތަކަށް ވިޔަފާރީގެ ފަހި ގޮތްކެއް ހޯދައިދިނުމާއި، އަދި ރާއްޖެއިން ބޭރަށް ދިވެހި އުފެއްދުންތައް ފޮނުވައިގެން މަންފާ ހޯދޭނެ މަގު ތަނަވަސްކޮށްދިނުމަށް ފަށާ މަޝްރޫޢުއެކެވެ. މި ފެރީ ކުޅުދުއްފުށީގެ އިތުރުން މާލެއަށް ވެސް ބަނދަރު ކުރާނެއެވެ.

މި ބޯޓުގައި 20 ފޫޓު، 8 ފޫޓުގެ 380 ކޮންޓެއިނަރުގެ މުދާ އެއްފަހަރާ އުފުލޭނެއެވެ. އެއީ 3000 މެޓްރިކް ޓަނުގެ ބަލްކް ކާގޯއެވެ. ކާގޯ ފެރީ މަހަކު ދެފަހަރު މުދާ ހިފައިގެން ރާއްޖެ އަންނާނެއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކޮށްފައި ވާގޮތުން މި ބޯޓު އިންޑިއާއަށް ދިއުމާއި ރާއްޖެއަށް އަނބުރާ އައުމަށް ކުރާ ކޮންމެ ދަތުރުތަކަށް 10 ދުވަސް ނުވަތަ 12 ދުވަސް ހޭދަވާނެކަމަށެވެ. އަދި މި އުޅަނދުގައި ވަނީ ފިނުކުރި މުދާ އުފުލޭނެ އިންތިޒާމްވެސް ހަމަޖައްސާފައެވެ.

ކޮޗިން-ކުޅުދުއްފުށީ ކާގޯ ފެރީގެ ޚިދުމަތުގެ އިތުރުން، އިންޑިއާގެ ޓުޓިކޮރިން އާއި އައްޑޫ ސިޓީ އާއި ގދ. ތިނަދޫ ގުޅާލައި، ކާގޯ ދަތުރުތައް މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)އިން ވަނީ، 22 ޑިސެމްބަރު 2020 ގައި ފަށާފައެވެ.