ހއ. އުތީމާއި ހއ. ދިއްދުއާ ހުރި ގުޅުން (1)

utheemu - dhidhdhoo

ހއ.ދިއްދޫއަކީ އުތީމު މަހާރަދުންނާ ގުޅިގެން ރާއްޖޭގެ ތާރީޚުގައި ފާހަގަކުރެވޭ ރަށެކެވެ. މިހާރުގެ ދިއްދުއަކީ އެރަށު ފަޅުގައި އޮތް "ތިލަދޫ" އޭކިޔާރަށުން ބަޔަކާއެކު އުފެދިފައި އޮތް ރަށެކެވެ.

ދިއްދުއާއި ތިލަދޫގެ ދެކުނުގައި ގުޅި އެއްރަށަކަށްވެ ދިއްދޫގެނަމުން މަޝްހޫރުވީ ކަމުގައިވިޔަސް ދިއްދޫގައި ހިމެނޭ ތިލަދޫގެބައި މިހާރުވެސް ފާހަގަކުރެވެ އެވެ. ތިލަދޫގެބައިގެ ފެންބަރުވެފައި ސާބަކަށް ލޮނު ރަހައެއް ހުރެއެވެ. ނަމަވެސް ދިއްދޫގެ ބައިގެ ފެންލުއިވެފައި މީރު މެއެވެ. ރަށުގެ ބޮޑުބަޔަކި ތިލަދޫގެ ބައެވެ. މިދެރަ ގުޅުނު ހިސާބު ފާހަގަކުރަނީ، މިހާރުގެ އަތޮޅު އޮފީހާއި އަތޮޅުގެއާއި އަތޮޅު ތަޢުލީމީމަރުކަޒުގެއުތުރުން. އޮންނަ ހުރަސް ބޮޑުމަގުންނެވެ. މިމަގަށް ކުރިން ކިޔަނީ، "ފެންވަޅުމަގު ނުވަތަ ކަނބޯވަޅު މަގު" މިހެންނެވެ.

ދިއްދޫ މީހުންނަކީ އެއަތޮޅު ދޮނަކުޅި ގައި އުޅުނު މީހުންނެވެ. މަލާބާރީންގެ ދުއްތުރާތަކުން ސަލާމަތްވުމަށް އެރަށް ފަޅުކޮށްފައި އެބައިމީހުން ދިޔައީ އެއަތޮޅު ހޮނޑާފުށްޓަށެވެ. ހޮނޑުފުށީގައި އުޅުމުގައި އެރަށުގެފަޅު ފަސޭހަ ނުވެގެން އެރަށްވެސް ފަޅުކޮށްފައި ދިއްދުއަށް އައިސް އެރަށުގައި ވަޒަންވެރިވީއެވެ. މިކަން ހީނގިކަމަށް ބުނެއުޅެނީ އައްސުލްތާން އިބްރާހީމް އިސްކަންދަރު 1 ގެރަސްކަމުގެ (1648-1687 މ) ކުރީގައެވެ.

ދިއްދޫގެ އުތުރުކޮޅުގައި އޮންނަ ރުއްގަނޑަށް ކިޔަނީ "ބޮޑުތަކުރުފާނު ރުއްގަނޑު“ އެވެ. ބުނެވޭ ގޮތުގައި އެރުއްގަނޑު އިންދެވީ އުތީމު އަލްޚަޠީބު މުހަންމަދު ތަކުރުފާނެވެ. އުތީމުގައި ހުންނަ އެބޭފުޅުންގެގެ (މިހާރު އުތީމު ގަނޑުވަރު) އާއި އަށީގެ ހިޔާކުރުމަށް ފަލާއި ފަންގެ ގެންދަނީ ދިއްދޫގެ އެރުއްގަނޑުންކަމުގައި ބުނެވެއެވެ. މިހެންވާއިރު އެދުވަސް ވަރު އުތީމުގައި ވަރަށް ރުއްމަދުކަމަށް ފެނެއެވެ. މިހާރު ވެސް އުތީމާ އަޅާ ބަލާއިރު އެރަށުގައި ދިވެހި ރުއް މަދެވެ.

ދިއްދޫގައި މިހާރުގެ އަތޮޅު އޮފީސް ހުރި ތަނުގައި (ކަނބޯވަޅުގެ ދެކުނުން އެވަޅާ މާދުރުނޫން ހިސާބެއް) އުތީމު މުހަންމަދުތަކުރުފާނު ދަނޑިގެއެއް އަޅުއްވައިގެން އުޅުއްވިކަމަށް ވަރަށް ގިނަ ފަރާތްތަކުން ބުނެއެވެ. ފަހަރުގައި މީގެއަކީ ދިއްދޫ ބަލަހައްޓަވަން، "ގޮއިގެ"އެއްގެ ގޮތުގައި އެޅުއްވި ގެއަކަށް ވެދާނެއެވެ. ހަމައެދުވަސްވަރު "ކަނބޯވަޅު" މަގުގެ އުތުރުން، އެމަގާމާދުރުނޫން ހިސާބެއްގައި ތިލަދޫބައިގެ ދެކުނުކޮޅުގައި އުތީމު މުހަންމަދުތަކުރުފާނު މިސްކިތެއް ބިނާކުރެއްވި ކަމަށްވެސް ވެއެވެ. އެމިސްކިތްހުރީ ގާފޮޅުމަތީ މެއްލަޖަހައި ދަނޑިން ބިތްގަތައި "ދިއްދޫފަންރިޔާ" (ރުކުބޮންތި ފަންވަތުގެސާނތީ) ދަމައި އޭގެ ބޭރުން ބިތްފަންދަމައި އޮބިއަޅާފައެވެ. ފުރާޅު ހިޔާކޮށްފައިއޮތީ ބިތްފަނުންނެވެ. ހިޖްރައިން 1100 ވަނައަހަރު އެމިސްކިތުގެބިތްތައްރޫޅައި ފިލާޖަހައިގެން ރާނައިހެދީ ދިއްދޫ ޤާސިމް ޚަތީބު (ދިއްދޫ އަލްޙާއްޖަ އިބްރާހީމް ކަލޭގެފާނުގެ މުނިކާފަ) ގެ ވެރިކަމުގައެވެ. އޭގެފަހުން އެމިސްކިތް މިހާރު އެހުރިގޮތަށް ރާނައި ބޮޑުކުރީ ޙާޖީމުސާ ޚަތީބު ކަލޭގެފާނުގެ ވެރިކަމުގައި އައްސުލްތާން މުހަންމަދު ޝަމްސުއްދީން 3 ގެ ރަސްކަމުގައެވެ. އޭގެ ފަހުން އެމިސްކިތަށް ކިޔަނީ "ދީއްދޫ ޢީދު މީސްކިތެވެ."

ކަނބޯވަޅުމަގުދެކުނުން (ދިއްދޫގެ އުތުރުކޮޅު) ވިހާރުގެ އަތޮޅު ތައުލީމީމަރުކަޒު ހުރިތަނުގެ ފަސްގަނޑު އެއްވަރުކުރި އިރު މިސްކިތެއްގެ ތަރާގަނޑާއި ބިންގައު ފެނިފައި ވެއެވެ. އަދި ވަޅުލާފައިވާ މީހުންގެ ކަށިވެސް ހިސާބަކަށް، ފެނުނެވެ. މީގެ އިތުރުން ރަށުގެ ދިގުމަގުގެ ހުޅަނގުފަރާތުށް އަތޮޅު އޮފީހުގެ ދެކުނުންވެސް މިސްކިތެއްގެ ތަރާގަނޑުފެނިފައި ވެއެވެ. އަދި އެގޮތްމިގޮތަށް ވަޅުލެވިފައިވާ މީހުންގެ ކަށިތައްވެސް ފެނިފައިވެއެވެ. ވުމާއެކު ދިއްދޫގެ އެސަރަހައްދުގައި ބަޔަކުވަޒަންވެރިވެ އުޅުނު ދުވަސްވަރެއް އެނގިފައެއް ނުވެއެވެ. ހީކުރެވިފައި އޮތްގޮތުގައި ދިއްދޫއަށް ހިމެނޭ ހސާބަކީ މީގެކުރިން ފަޅުރަށެއްގެ ގޮތުގައި އޮތްތަނެކެވެ.

އަލްފާޟިލް އިބްރާހީމްނާޞިރުގެ ވެރިކަމާ ހަމަޔަށް ކަނބޯވަޅުގެ ދެކުނު ބައި (ދިއްދޫ) އޮތީ ހުހަށެވެ. އެސަރަޙައްދުން ގޯތިދޫކުރެވުނީ ދިއްދުއަށް ބަދަލު ކުރި ބެރިންމަދޫ މީހުންނަށެވެ. އެބައިމީހުން އެނބުރި ރަށަށް ދިޔުމަށްފަހު މިހާރު ރަށުން ގޯތިދޫކުރެވެނީ ދިއްދޫގެ ބިމުންނެވެ. "ދިއްދޫ"ގެ ހަރު މީހުން ދިރިއުޅެމުން އަންނަނީ ތިލަދޫބައިގައެވެ. ރަށު އޮފީހާއި ސިއްޙީމަރުކަޒު ހުންނަނީ ވެސް އެބައިގައެވެ. މިހެންވާންޖެހުނީ 1353ހ. ވަނަ އަހަރާ ޖެހެންދެން ދިއްދުއަކީ އުތީމު ގަނޑުވަރުގެ ރަށަކަށްވެގެން އުތީމު ރައްޔިތުންގެ ބެލުމުގެ ދަށުގައި ދިއްދޫ އޮންނާތީއެވެ.

އައްސުލްތާން މުހަންމަދު އިމާދުއްދީން ބިން އައްސުލްތާން މުޙައްމަދު މުޢީނުއްދީން އިސްކަންދަރު 1 ( 1250.1299ހ) އުތީމު ރައްޔިތުންނަށް ދެއްވައި އޭގެފަހުން، 1339ހ އައްސުލްތާން މުހަންމަދުޝަމްސުއްދީން 3 އައުކޮށްދެއްވި ފަތްކޮޅުގައިވަނީ

"ދިއްދޫގެ ފެންވަޅުމަގުން ފަށައިގެން ރަށުގެ ދެކުނުކަމަށް ދާންދެން އިހުފަދައިން އުތީމު އަޅުތަކުން އަމުރަކާ ނުލައި ރުއްގަސް ނުއިންދުމަށާއި އެމަގު އުތުރުކޮޅުގައި (ތިލަދޫބައި) އިންދައިފި ރުއްގަހަކުން އުތީމުގަނޑުވަރަށް އުތީމުއަޅުލުތަކުން ނަށް ބިންބައިދިނުމަށާއި ، މީހުންތިބޭ ކޮންމެ ގެއަކުން އަހަރަކު ބޮޑުލާރިއެއް ދިނުމަށާއި ، އުތީމު އަޅުތަކުން ދިއްދޫގައި އެފަހަރަކު ބެހެއްޓި ވެރިޔަކަށް އުތީމު ގަނޑުވަރަށް ދަނޑިމަހެއް ދީނުމަށާ .....]

މިފަދައިންނެވެ.

1353ހ. ވަނައަހަރު އައްސުލްޠާން މުހަންމަދު ޝަމްސުއްދީން 3 ގެ ހިރިޔާ ފާތުރާ ދަށަށް ދިއްދޫގެ ރައްޔިތުން އައިސް "އުތީމު މީހުންގެ ފަޅުރަށަކަށް އަރާތިބި ބަޔަކު ފަދައިން ތިބުން ދަތިވެއްޖެއަތީވެ އައީމައެވެ. ދަންނަވައި ގަތް ހިނދު، މިބަސް އައްސަވައި ޤަބޫލުކުރައްވައި، އެދިއްދުއަކީ އުތީމު މީސްކިތްމަތީވަޤުފުރަށެއްތޯ، އެމީހުންގެ އަތުގައިހުރި ފަތްގެނެސް ބައްލަވައި އެއީ ވަޤުފެއް ނޫންކަން ޝަރީއަތަށް ސާބިތު ވެއްޖެ ހިނދު އުތީމު މީހުން ކިބައިން ދިއްދޫ ނަންގަވައި ފުރަބަންޑާރަ ކުރައްވައިފީކޮށު. ފަހެ އެހެންވެސް ގޮއިރަށްރަށުގެ މީހުންގެ މައްޗަށް ހުންނަ ކޮންމެކަމެއް ދިއްދޫ މީހުންނަށް ހުންނައީ ކޮށު. ދެންފަހެ ހުކުރުމިސްކިތުގެ ބޯގަޔަކަށް އިހު ރަސްކައުކަލުން ދެއްވި ފަތްކޮޅުގައި ހުރީ މަގުން "ނަރިދު" އެވެ ކިޔާރަށް ދެއްވައިފިކޮށު. ދިއްދޫގައި އައްސުލްޠާނުލް ޣާޒީ މުހަންމަދު ސިރީ ސަވާދީއްތަ މަހާރަދުން ބިނާކުރެއްވި މިސްކިތް މައްޗަށް “ދޮނަކުޅި" އެވެ ކިޔާ ރަށް ލައްވައިފި ކޮށު. މިދެބޯގައިން ދިއްދޫ އެންމެތައްމަގުން މިދެ ދަނާރު އެންމެ ތައްމަގުން ޢިމާރާތްކޮށް ފަސްވަގުތު ބަންގި ޞަލަވާތްގޮއްވައިބަލަހައްޓަނީ ކޮށު. ދިއްދޫގައި މައުލޫދެއް ކިޔަންޏާއި އުތީމު ރަސްގެފާނަށް ހުންނަ ވެދުން ކެއިން ހަރުގޭ އިސްސަފު ބަހައްޓަނީކޮށު..."" ކައިތިރި މުދިގައްސަވައި ތަޞްދީޤުކުރެއްވުމަށް މިފަތް ލިޔުމަށް އަލްވަޒީރުލްއަޢުޡަމް އަލްއަމީރު މުހަންމަދު ފަރީދު މަނިއްޕުޅު އެންގެވި ހިނދު ހުރައި ހަސަން އަޅާގެ ފުތް ފުރަމާލޭ ފަތްލިޔާ މޫސާ މަލިމް އަޅާ ( މަލިމްމޫސާ މާފަތްތަކުރުފާނު) ލީން"

133 ހ. ވަނައަހަރު ދިއްދޫ ގެ ތިލަދޫބައި އެނދިއެވެ. މި ޙާދިޘާ ހިނގަން ދިމާވި މާލޭން އައި ބައްތެއްޔަކުން މުދައް ބާލާފައި ބައްތެލި އެހެލުމަށް، ބައްތެލީ ގެ ހިޔާގަނޑުގެ ފުރާޅު ބޭލިއިރު އެފުރާޅުގައި ޖަހާފައިހުރި އަލިފާން ފޮށްޓެއްމޫދަށްވެއްޓުމުން އެފޮށިނަގައި ހިއްކުމަށްޓަކައި އަތިރިމަތީގައި ފަލިޖަހާފައިހުރި އިލޮށީތަކާއި ފަންވަތްތަކުގެ މަތީގައި ބާއްވާފައި އޮތްވާ އެފޮޅި ފިކުރުތޯ ބަލާލާން. ކުއްޖަކު އެޅި އަލިފާންދަނޑިއަކުން ކުރީގައި ބަޔާންވެދިޔަ ކުނީތަކުގައި ރޯވެގެން އެނދި އެނދުމުގައި އަތިރިމަތީގައިހުރި ހަރުގެ ތަކުގައި ރޯވެގެން ފެތުރެމުންދިޔަ އަލިފާންގަނޑު ތިލަދޫގެ ގެތަކަށްވެސް ފޯރައިގެން ރަށް (ދިއްދޫ، އެނދީއެވެ.

މިޙާދިޘާ އެގޮތަށް ހިނގުމުން "އުތީމު އާއިލާގެ ކަރާމާތުން ވީކަމެއް ކަމަށް" ދެކޭ ބަޔަކު މަދެއް ނޫނެވެ. މިބައިގައި ގިނައީ އުތީމު މީހުންނެވެ.

ކޮމާކޯޅިތެރޭގައި އެވަނީ އައްސުލްތާން މުޙަންމަދު ޝަމްސުއްދީން 3 އައުކޮށްދެއްވާފައި އޮތް ފަތްކޮޅެއްގެ ތަންތަންކޮލެވެ. އެފަތްކޮޅުގެ ފުރިހަމަ ނަކަލެއް ދިއްދޫ އޮފީހުގައި އޮތްފޮތަކުން އަޅުގަނޑު ދުށީމެވެ.

(ނުނިމޭ)

ނޯޓް: މިއީ މުޙައްމަދު އިބްރާހީމް ލުޠުފީ 1992 އަހަރު "ހއ. އުތީމާއި ހއ. ދިއްދުއާހުރި ގުޅުން" މިސުރުހީއަށް ފަތްތޫރަ މަޖައްލާގެ 157 ޢަދަދައް ލިޔުއްވާފައިވާ ލިޔުމެއްގެ ނަކަލެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *