މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ކުރިއަށް ގެންދަވާ ރުކުގެ އައު ޖީލެއް އުފެއްދުމުގެ ޕްރޮގްރާމްގެ ދަށުން ކުޅުދުއްފުށީގައި ރުއް އިންދުމުގެ ޕްރޮގްރާމެއް ކުޅުދުއްފުށީ ކައުންސިލުން ފަށައިފިއެވެ.
ރުކުގެ އައު ޖީލެއް އުފެއްދުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް 2020 ވަނަ އަހަރުގެ އޮކްޓޯބަރު 25 ވަނަ ދުވަހު ދަނޑުވެރިކަމާއިބެހޭ ވުޒާރާއިން ވަނީ ރާއްޖޭގެ ކައުންސިލް ހުޅުވާލާފައެވެ.
އެ ފުރުޞަތުގެ ދަށުން އެކަމަށް އެދި ކުޅުދުއްފުށި ކައުންސިލުން ހުށަހެޅި ހުށަހެޅުމުގެ ދަށުން އެކައުންސިލަށް ދަނޑުވެރިކަމާއިބެހޭ ވުޒާރާއިން ވަނީ 100 ރުއް ފޯރުކޮށްދީފައެވެ.
ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަބުދުއްލަޠީފް ޙަސަން ''ތިލަދުން''އަށް ވިދާޅުވީ، މިގޮތުން އެ ކައުންސަށް ލިބުނު 100 ރުއް، އެރަށުގެ އެކި މުއައްސަސާތަކަށް އިންދުމަށް މިހާރު ބަހާލާފައިވާ ކަމަށެވެ. އަދި ކުޅުދުއްފުށީ ކައުންސިލުން އިންދާފައިވަނީ އޭގެ ތެރެއިން 40 ރުއް ކަމަށް ލަތީފް ވިދާޅުވިއެވެ.
''ދަނޑުވެރިކަމާއިބެހޭ ވުޒާރާއަށް އަޅުގަނޑުމެން ހުށަހެޅި ހުށަހެޅުން ކާމިޔާބުވެ100 ރުއް ވަނީ މިކައުންސިލަށް ފޯރުކޮށްދީފައި، އަޅުގަނޑުމެން އެ ރުއްތައް މި ބަހާލީ ގޯތި ތެރޭ ޖާގަ ހުރި މިރަށުގެ އެކި މުއައްސަސާތަކަށް، އެ މުއައްސަސާތަކުގައި އިންދި ރުއްތަކުން ލިބޭ މުޑުވައް އާންމުން ވެސް ފޯރުކޮށްދީ، ވީހާވެސް ގިނައިން ރުއް ކުރިމަގުގައި ރަށުގައި އިންދޭނެ ގޮތެއް ހޯދުން ވިސްނުމަކީ، އާންމު ތަންތަންތާ މި ރުއްތައް އިންދައިގެން މުޑުވައް ހޯދައި، އާލާކުރަން ދަތިވެދާނެ، އެހެންވެ މުއައްސަސާތަކުގެ ބެލުމުގެ ދަށުން މިކަން ކުރަން ނިންމީ، އޭރުން ރުއްތައް އާލާކުރަން ބޮޑަށް މަގުފަހިވާނެ''
ލަތީފް ވިދާޅުވިއެވެ.
''މީހުން ދިރިއުޅޭ ގޯތިތައް ތެރޭ އެބަހުރި ވަރަށް ދިގު ރުއްތައް، ރުއް ބަހައްޓަން ވެސް ޖެހޭ، އެކަމަކު އެހާ ދިގުރުއް ބެހެއްޓުން އެހާ ރައްކާތެރިއެއްނޫން، ކައުންސިލްގެ އެދުމެއް އެފަދަ ރުއްތައް ކަނޑާފައި، އައު ރުއްތައް އެ ގޯތިތަކުގައި އިންދާ ހެއްދުން''
ލަތީފް އިތުރަށް ވިދާޅުވިއެވެ.
ރުކުގެ އައު ޖީލެއް އުފެއްދުމުގެ ޕްރޮގްރާމްގެ ދަށުން ކުޅުދުއްފުށީގައި ފަށާފައިވާއިރު، މި ޕްރޮގްރާމުގެ މައިގަނޑު މަޤްސަދަކީ ދުރު މުސްތަޤުބަލަށް މުޑުވައް ނެރެވޭ، ރަނގަޅު ފެންވަރުގެ ރުކުގެ ޖީލެއް ރަށްރަށުގައި ތަރައްޤީކުރުން ކަމަށް ދަނޑުވެރިކަމާއިބެހޭ ވުޒާރާއިން ބުނެފައި ވެއެވެ.
ރުކުގެ އައުޖީލެއް އުފެއްދުމުގެ ޕްރޮގްރާމަކީ ދުނިޔޭގެ ދަނޑުވެރިކަމުގެ ދުވަހާއި ގުޅުވައިގެން ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ހދ. ހަނިމާދޫގައި 15 އޮކްޓޯބަރު 2020 ގައި ފަށާފައިވާ ޕްރޮގްރާމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!