ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލްގެ) ގެ ށ. ފުނަދޫ ބްރާންޗްއިން، އެރަށުގައި ތިމާވެށީގެ ދާއިރާއިން ޚާއްޞަކޮށް މަސައްކަތް ކުރަމުން އަންނަ ޔުނައިޓެޑް ނިއު ޖެނެރޭޝަން އެޑަލްޓްސް (އުންގާ) ޖަމިއްޔާއަށް އަންގި ހަދިޔާކޮށްފިއެވެ.

ބީއެމްއެލް ފުނަދޫ ބްރާންޗްގެ މި އެހީތެރިކަމަކީ، އުންގާ ޖަމިއްޔާއިން ކޮންމެ ހަފުތާއެއްގެ ހޮނިހިރު ފާހަގަ ކުރަމުންއަންނަ ''ސާފުކުރާ ހޮނިހިރު ދުވަސް''ގައި ބޭނުން ކުރުމަށް ހަދިޔާކުރި އަންގިއެވެ.

Ad
rt

ބީއެމްއެލް ފުނަދޫ ބްރާންޗުން، އުންގާ ޖަމިއްޔާއަށް އަންގި ހަދިޔާކުރުން އޮތީ އިއްޔެ، އެ ބްރާންޗްގެ މުވައްޒަފުންނާއި، އުންގާ ޖަމިއްޔާގެ ހިންގާ ކޮމެޓީއާއިއެކު ބޭއްވި ބައްދަލުކޮށްލުމެއްގައި އެވެ.

މި އެހީތެރިކަމާއި ގުޅިގެން އެ ޖަމިއްޔާގެ ފުރަތަމަ ހިންގާ ކޮމެޓީގެ ފުރަތަމަ ރައީސް، މުޙައްމަދު ޔަމީން ''ތިލަދުން'' އަށް ބުނީ، މިއީ ލިބިގެން ދިޔަ އިތުރު ހިތްވަރެއް ކަމަށެވެ.

''އަޅުގަނޑުމެން ޖަމިއްޔާ ރަސްމީކޮށް އުފެދި މަސައްކަތްކުރަން ފެށިތާ އަދި މިވީ ކުޑަ ދުވަސްކޮޅެއް، މި އެހީތެރިކަމަކީ އެހެން ފަރާތަކުން ލިބުނު ފުރަތަމަ ފަހަރަށް ލިބުނު އެހީތެރިކަން، ވަރަށް އުފާވެއްޖެ، އަޅުގަނޑުމެން ކޮންމެ ހޮނިހިރަކު މިރަށް ސާފުކުރަމުން އަންނައިރު މި ގެންގުޅެނީ ވަރަށް އާދައިގެ އަންގިތަކެއް، ނަމަވެސް ބީއެމްއެލް ފުނަދޫ ބްރާންޗުން މި ހަދިޔާ ކުރެއްވީ ކޮލިޓީ ރަނގަޅު މޮޅު އަންގިތަކެއް، މިއީ ފުނަދޫ ސާފުކަން މަތީ ބޭއްވުމަށް މިޖަމިއްޔާއިން ކުރާ މަސައްކަތަށް އެ ބްރާންޗުން ދެއްވި ހިތްވަރެއް، އެ ބްރާންޗަށް މި ފުރުޞަތުގައި ޝުކުރުއަދާކޮށްލަން ބޭނުންވޭ''

ޔަމީން ބުންޏެވެ.

އުންގާ ޖަމިއްޔާއިން ފުނަދޫގެ ވެށީގެ ސަލާމަތަށާއި، ރަށުގެ ރީތިކަން ދަމަހައްޓަން ހިންގާ މައިގަނޑު ހަރަކާތަކީ ކޮންމެ ހަފުތާއަކު ހޮނިހިރަށް ޚާއްޞަކޮށްގެން ހިންގާ ''ސާފުކުރާ ހޮނިހިރު'' ހަރަކާތެވެ.

އެޖަމިއްޔާގެ މެންބަރަކު ސާފުކުރުމުގެ ހަރަކާތުގެ ތެރެއިން އެރަށުގެ ކުޅިއަށް އަޅާފައިހުރި ކުނި ނަގަނީ

ރަށުގެ އިޖުތިމާޢީ އެހެން ހަރަކާތަކަށް ދުވަސް ހުސްކޮށްލަން ޖެހުމުން އެންމެ ހަފުތާއެއް މެދު ކެނޑުނު ނަމަވެސް، މި ހަރަކާތް ފެށިފަހުން އެ ޖަމިއްޔާއިން ވަނީ މިހާތަނަށް 10 ހޮނިހިރަކު ''ސާފުކުރާ ހޮނިހިރު'' ހަރަކާތް ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތް މެދުކަނޑާލި ހަމައެކަނި ހޮނިހިރަކީ ރަށުގައި ކުރިއަށްދިޔަ މުބާރާތަކަށް އެއްބާރުލުންދިނުމަށް ވަގުތު ހުސްކުރަން ޖެހުމުން މެދުކަނޑާލި ހޮނިހިރެކެވެ.

''ސާފުކުރާ ހޮނިހިރު'' ހަރަކާތުގައި އެ ޖަމިއްޔާގެ މެންބަރުން ދަނީ ރަށުގެ އެކި ތަންތަނަށް އަޅާފައި، އަދި އެޅިފައި ހުންނަ ކުނި ނަގާ ސާފު ކުރަމުންނެވެ. މިގޮތުން ރަށުގެ ތުނޑިއާއި، ބަނދަރާއި، ރަށުގެ ދެކުނު އަތިރިމައްޗާއި، ރާޅާ އަޅާ ސަރަޙައްދާއި، ގޮނޑުދޮށާއި އަދި މޫދު ވެސް ވަނީ އެކިފަހަރުމަތިން ސާފުކޮށްފައެވެ.

އުންގާ ޖަމިއްޔާގެ ބައެއް މެންބަރުން ސާފުކުރާ ހޮނިހިރު ހަރަކާތުގެ ތެރެއިން

އެ ޖަމިއްޔާއިން މިހާރު ވަނީ އެ ޖަމިއްޔާއިން ކޮންމެ ހަފުތާއެއްގެ ހޮނިހިރުގައި ކުރިއަށް ގެންދާ ''ސާފުކުރާ ހޮނިހިރު'' ހަރަކާތުން އެއްކުރާ ޕްލާސްޓިކްގެ ބާވަތްތައް ''ޕާލޭ މޯލްޑިވްސް''ގެ އެހީތެރިކަމާއިއެކު ރީސައިކަލް ކުރުމުގެ މަސައްކަތްވެސް ފަށާފައެވެ.

2020 ވަނަ އަހަރުގެ ޖޫންމަހު ހަރަކާތްތައްފެށި ''އުންގާ'' ޖަމިއްޔާ ރަސްމީކޮށް ރަޖިސްޓަރީ ވެފައި ވަނީ 2020 ނޮވެމްބަރު 26 ވަނަ ދުވަހުއެވެ.